ޢާއިޝަތު ރަފާޙް ޢަލީ
ތިބާގެ ހަޔާތުގައި ކުރިމަތިވެދާނެ އެންމެ ގޯސް ތިން ކަމަކާމެދު ފިކުރުކޮށްލަބަލާށެވެ. ތިބާއަށް ކުރިމަތިވެދާނެ އެންމެ ބޮޑު ތިން އިމްތިހާނު، ނުވަތަ ބިރުވެރި ހުވަފެންތަކެއް ފަދަ ކަންކަން، ނުވަތަ ތިބާގެ ނިދި ނަގާލާ ފަދަ ކަންކަމެވެ. އެފަދަ ކަމެއް ދިމާވުމުން، ﷲ އާއެކު އޮތް ގުޅުމަށް ބަދަލެއް އަންނާނެ ހެއްޔެވެ؟ ﷲ سبحانه وتعالى އަށް ކުރާ އަޅުކަމަށް ބަދަލެއް އަންނާނެ ހެއްޔެވެ؟ އެކަލާނގެއަށް ބޯލަނބާ މިންވަރަށާއި އެކަލާނގެ މިންވަރުފުޅަށް ރުހޭ މިންވަރަށް ބަދަލެއް އަންނާނެ ހެއްޔެވެ؟
ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟ ގިނަ މީހުން ދިރިއުޅުމުގެ ކަންކަމާ ކުރިމަތިލަނީ ތިން ދާއިރާއެއްގެ ތެރޭގައެވެ. އެއީ: އަހަރެން ކުރަންޖެހޭ ކަންކަމަކީ ކޮބައިތޯއެވެ؟ އެކަންކަން ކުރުމުން އަހަރެންނަށް ލިބޭނީ ކޮން އެއްޗެއްތޯއެވެ؟ އަދި އަހަރެން ދުރުވާންޖެހޭ ކަންކަމަކީ ކޮބައިތޯއެވެ؟ މިއީ އަހަރެމެން އާންމުކޮށް ދިރިއުޅުން ބައްޓަންކުރާ ގޮތެވެ. އެއީ އުޖޫރައެއް ލިބޭ، މުޢާމަލާތެއް ފަދަ ގޮތަކަށެވެ. އަދަބުތަކުން ސަލާމަތްވެވޭނެ ގޮތްތަކެއް ހޯދުމާއި، އުނދަގޫތަކުން ރެކިގަނެވޭނެ ގޮތްތަކެއް ހޯދުމެވެ. އަހަރެމެން އަބަދުވެސް މި އުޅެނީ މި ދެންނެވި ތިން ދާއިރާގެ ތެރޭގައެވެ.
މިހާލަތުގައި މީހަކު ބުނެފާނެއެވެ: 'އަހަރެންނަށް މި މިންވަރަށް އިމްތިހާނުތަކަށް ކެތްކުރެވިދާނެއެވެ. ސަބަބަކީ އެ މިންވަރަށް ކުރިމަތިވާ އިމްތިހާނުތައް އަހަރެންނަށް ވިސްނޭތީއެވެ.' މިސާލަކަށް، މިފަދަ އިމްތިހާނުތަކަކީ އެންމެނަށްވެސް ކުރިމަތިވާނެ ކަންކަމެވެ. ނުވަތަ މިވެނި މީހަކަށްވެސް މިފަދަ އިމްތިހާނެއް ކުރިމަތިވިއެވެ. ނުވަތަ މި އިމްތިހާނުގެ ސަބަބުން އަހަރެންނަށް ލިބިދާނެ ހެޔޮ ގޮތްތައް އަހަރެންނަށް ފަހުމްވެދާނެއެވެ.
ނަމަވެސް މައްސަލައަކީ މިއެވެ. ތިބާއަށް އެ އިމްތިހާނެއްގެ ޙިކުމަތް ތިބާގެ އަމިއްލަ ބުއްދިއަށް ފެންނަ މިންވަރަށް އެކަނި އިމްތިހާނުތައް ގަބޫލުކުރާނަމަ، ތިބާ އަދި އެހުންނެވީ ﷲ سبحانه وتعالى އަށް ކުރަންޖެހޭ ފުރިހަމަ އަޅުކަމުގެ ތެރޭގައެއް ނޫނެވެ. ތިބާ އެހުންނެވީ އަދިވެސް ނުރައްކާތެރި އިންފަށެއްގެ މަތީގައެވެ.
ވީމާ، އެ ހާލަތުން އަރައިގަންނާނީ ކިހިނެއް ހެއްޔެވެ؟ ﷲ عز وجل އީ، އެންމެ މޮޅަށް ދެނެވޮޑިގެންވާ، ޙިކުމަތްވަންތަ ރަސްކަލާނގެކަން ޙަޤީޤީ މާނައިގައި ދެނެގަނެ، ތިމާގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް އެކަލާނގެއަށް އިތުބާރުކުރާނީ ކިހިނެއް ހެއްޔެވެ؟ އޭގެ މާނައަކީ ތިބާއަށް ހިތްދަތިކަން އިހުސާސް ނުވާނެއެކޭ ނޫނެވެ. އެކަމަކު އޭގެ މާނައަކީ ތިމާގެ އަމިއްލަ ނަފްސަށްވުރެ ބޮޑަށް ﷲ އަށް އިތުބާރުކުރުމެވެ. އަދި ﷲ سبحانه وتعالى އާމެދު ދެކޭގޮތް، ތިމާއަށް އެ އިމްތިހާނެއް ވިސްނޭ މިންވަރެއްގެ މައްޗަށް ބިނާނުކުރުމެވެ. ތިބާ ޖެހެނީ އިމްތިހާނުތަކާއި މުޞީބާތްތަކާ ވަކިން، އެކަލާނގެއާ ދެމެދު މިނިވަން ގުޅުމެއް ބިނާކުރާށެވެ.
- ޑރ. ޝައިޚް ޢުމަރު ސުލައިމާނުގެ ދަރުސަކުން