ތިބާގެ ގެއަށް ވަދެވަޑައިގަންނަވަން ވަޑައިގަންނަވާ ރަޙްމަތުގެ މަލާއިކަތުން ފައްސައި ދުރަށްފޮނުވައި ތިއަލަނީ އެނގިހުރެގެންތަ؟ ނުއެނގިނަމަ އަވަހަށް ސަމާލުކަންދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިބާގެ ގެއަށް ވަދެވަޑައިގަންނަވަން ވަޑައިގަންނަވާ ރަޙްމަތުގެ މަލާއިކަތުން ފައްސައި ދުރަށްފޮނުވައި ތިއަލަނީ އެނގިހުރެގެންތަ؟ ނުއެނގިނަމަ އަވަހަށް ސަމާލުކަންދެއްވާ!

ރަޙްމަތުގެ މަލާއިކަތުން ގެއަށް ވަދެވަޑައިގަންނަވާ ސަބަބުތައް ވަރަށް ގިނައެވެ. އެއިގެ ތެރެއިން އެއްކަމަކީ އެގެއެއްގައި ކީރިތި ޤުރްއާން ކިޔެވުމެވެ. އެހެންވެ ވަރަށް ގިނަ ގެތަކުގައި ހިނގާ ވަރަށް ނޭދެވޭ ކަމެއް ފާހަގަކޮށްލާނަމެވެ.  

ގޭގައި ދަރިން ފިލާވަޅުދަސްކުރަން ނަމަވެސް ޤުރްއާން ކިޔަވަނީއެވެ. ނުވަތަ ކޮންމެވެސް މީހަކު ޘަވާބަށް އެދިގެން ގޭގައި ޤުރްއާންކިޔަވަނީއެވެ. އެއަޑު އަހަން ތިބުމުގެ ބަދަލުގައި ނުވަތަ އެއަޑަށް ސަމާލުކަންނުދީ ޓީވީން ލަވައާއި މިޔުޒިކް ޖަހަނީއެވެ. އެފަދަ ޕްރޮގްރާމް ނުވަތަ ފިލްމް ނުވަތަ ޝޯ ބަލަނީއެވެ. މިޙާލަތުގައި ރަޙުމަތުގެ މަލާއިކަތުން އެގެއަކަށް ވަދެވަޑައެއް ނުގަންނަވާނެއެވެ.  

ގޭގައި ޤުރްޢާން ކިޔަވާ ވަޤުތެއްގައި ބަލާނަމަ ބަލަންވާނީ ދީނުގައި ހުއްދަ ނުވަތަ ދީނަށް ފައިދާކުރާނެ މަންޒަރުތަކެވެ. ދީނީ ދަރުސްތަކެވެ. ބަރަހަނާ މަންޒަރުތައް ފެނިގެންނުވާނެއެވެ. މިޔުޒިކް ހިމެނިގެން ނުވާނެއެވެ. އެކަންކަމުގެ ސަބަބުން ރަޙުމަތުގެ މަލާއިކަތުން ގެއަށް ވަދެވަޑައިނުގެންފާނެ ކަމަށްޓަކައެވެ.  

އަދިވެސް ކަމެއް ފާހަގަކޮށްލާނަމެވެ. ގޭގައި ނަމާދުކޮށް އަޅުކަންކުރާނަމަ އެގެއަކަށް ރަޙުމަތުގެ މަލާއިކަތުން ވަދެވަޑައިގަންނަވައެވެ. އެހެން މީހުންނަށްޓަކައި ހެޔޮދުޢާކުރުމަކީވެސް ރަޙްމަތުގެ މަލާއިކަތުން ޙާޒިރުވެވަޑައިގެން އެމީހަކަށްޓަކައި އާމީން ވިދާޅުވާ ކަމެކެވެ.  

ރަޙްމަތުގެ މަލާއިކަތުން ވަދެވަޑައިގަންނަވާނަމަ އެކައަކަށް ރަހްމަތް ލައްވަވާނެތެވެ. ބަރަކާތް ލައްވަވާނެތެވެ. ވީމާ ހަމަޖެހިގެން އުފަލުގައި އުޅެން ބޭނުންވާނަމަ މަސައްކަތްކުރަންވީ ގެއަކީ ރަޙްމަތުގެ މަލާއިކަތުން ގިނަގިނައިން ވަދެވަޑައިގަންނަވާނެ ގެއަކަށް ހެދުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން