އެކަނިވެރި މައިންނަށް ސަރުކާރުންދޭ އެލަވަންސް ބޮޑުކޮށްފިއެވެ. ރާއްޖެފަދަ ޤައުމަކަށްބަލާއިރު އެއީ މަދު ޢަދަދެއްކަމަކަށް ނުބުނެވޭނެއެވެ. މައްސަލައަކަށްވަނީ ހެދޮރުގެ ކުލި ބޮޑުކަމެވެ. އެއްބައަކަށް ކުލި ދައްކާގކުލިދައްކާފައި އިތުރުކަމެއް ނުކުރެވެއެވެ. ދަރިން މަދުން ތިބިނަމަ ކުލިވެސް ނުދެއްކެއެވެ.
ދަރިން ތިބުމުން ކައިވެނިކުރަން ބޭނުންވާ ފިރިހެނުން މަދުވުމުން އެކަނިވެރިކަން ފިލުވަން އުނދަގުލެވެ. މިޙާލަތުގައި ވަޒީފާއެއް އަދާކުރަން މަޖުބޫރުވެއެވެ. ނަމަވެސް ވަޒީފާ ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެއެވެ.
އެކަނިވެރި މައަކަށް ވަޒިފާއެއް ދިނުމަކީ އޭނާއަށް ދަރިފުޅު ގޮވައިގެން ރިވެތި ގޮތުގައި ޢަބުރުވެރިކަމާއިއެކު ދިރިއުޅެން މަގުފަހިވާނެ ކަމެކެވެ. އެފަދަ އެހީތެރިކަމެއް ފޯރުކޮށްދިނުން ވެގެންދާނީ އެމީހަކަށް ﷲ ތަޢާލާގެ ރުއްސެވުން އިތުރުވާނެ ކަމަށެވެ. ނިކަމެތިންނަށް އެހީތެރިވުމަކީ ރިޒުޤް އިތުރުކޮށްދެއްވަވާނެ ކަމެކެވެ. އެކަނިވެރި މައަކަށް އެހީތެރިވުން އެއީ ކުޑަކުއްޖަކަށް ނުވަތަ ކުދިންތަކަކަށްވެސް އެހީތެރިވެވެން އޮތް މަގެކެވެ. މިހުރީ ހައްތާވެސް އެމީހަކަށް އިތުރަށް ޘަވާބު ދެއްވަވާނެ ކަންކަމެވެ.
އެދެނީ ތިރީގައިވާ ލިޔުންވެސް ވިދާޅުވެލެއްވުމެވެ.
އަޅުގަނޑަކީ އެކަނި ކުޑަކުޑަ 3 ކުދިން ބަލަމުން އަންނަ މައަކީމެވެ. މިހުރީވެސް ކިޔަވައިގެންނެވެ. މަސައްކަތުގެ ތަޖުރިބާވެސް އެބަހުއްޓެވެ. އެއީ ކައިވެނީގެ ކުރިން 8 އަހަރު ވަޒީފާއަދާކޮށްފައިވާތީއެވެ.
ވަޒީފާއެއް ހޯދަން ވަރަށް ގިނަ ތަންތަނަށް ސިޓީލައިފީމެވެ. އިންޓަރވިޔުކުރެއެވެ. އެކަމަކު ވަޒީފާ ލިބޭނެ ގޮތެއް ނުވެއެވެ. އެންމެ ކުޑަމިނުން ވަޒީނުދިން ސަބަބުވެސް ނުބުނެއެވެ. އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ ކިތަންމެ ބައެއްގެ ގާތުގައި މިވާހަކަދެއްކިއްޖެއެވެ. އެއްވެސް ފަރާތަކުން އަޅައެއް ނުލިއެވެ. ދައްކާ ވާހަކަތަކުން ހީވަނީ ނަލަހެދިގެން ނުކުމެ ހަށިވިއްކީމާ ފައިސާ ލިބޭނެކަމަށް ބުނާހެންނެވެ.
އެގޮތަށް އުޅޭ ބައަކުވެސް ތިބެފާނެއެވެ. ނަމަވެސް އެއީ ހަމަޤައިމުވެސް އަޅުގަނޑު ކުރާނެ ކަމެއް ނޫނެވެ. 3 ދަރިންނާއި އަޅުގަނޑު ބަނޑަށް މަރުވިޔަސް އެކަމެއް ނުކުރާނަމެވެ.
އަޅުގަނޑުގެ ސުވާލަކީ ދަރިންގެ ޚަރަދު ކޯޓުތަކުން ހޯދައިނުދެވޭއިރު ވަޒީފާއެއްވެސް ނުލިބި އަޅުގަނޑުފަދައިން ނިކަމެތި ޙާލުގައި ތިބި އެތައް ސަތޭކަ އަންހެނުން އެބަތިބިއިރު އަޅުގަނޑުމެންނަށް އެހީތެރިވެދޭނެ ފަރާތެއް އުފަންވާކަށް ނުޖެހޭތޯއެވެ؟
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފުރަތަމަ ކަމަކަށްވެސް ކިޔުންތެރިޔާގެ ތިއަ ހިތްވަރުގަދަ ނިންމުމަށްޓަކައި ވަރަށް ބޮޑަށް އުފާކުރަމެވެ. ތިއަފަދަ މައްސަލަތައް ގިނަ ބައަކު ފާހަގަކުރެއެވެ. އުންމީދުކުރަނީ ތިއަ ވިދާޅުވިފަދަ އިންތިޒާމެއް ސަރުކާރުގެ ތެރެއިން ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށެވެ.
ތިރީގައި އެވަނީ ހަމަ ތިއަފާހަގަކުރައްވާ މައްސަލައިގައި ކިޔުންތެރިއަކު ފައުޅުކުރައްވާފައިވާ ޝުޢޫރެކެވެ.
އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑުވަރިކޮށްލާފައި ދިއައީ ދަރިފުޅަށް 6 މަހުގައެވެ. އެހިސާބުން ދެވަނަފަހަރަށް ވަޒީފާއެއް ހޯދަން މަޖުބޫރުވިއެވެ. ވަރަށް ގިނަ ތަންތަނަށް ސިޓީލީމެވެ. އިންޓަރވިޔުއަށް ވެސް ގެންދެއެވެ. ލިބިފައިވާ ފާހާއި މާކްސްމަތިވެފައި ތަޖުރިބާވެސް ހުރުމުން ޝަރުޠުތައް ހަމަވެއެވެ.
ނަމަވެސް ކުޑަދަރިފުޅަކު ބަލަމުންދާ އެކަނިވެރި މައެއްކަން އެނގޭ ހިސާބުން އިންޓަރވިޔުއިން ފޭލްވެއެވެ. ފޭލްވިކަމަކަށް ނުބުނެއެވެ. ފަހުން ގުޅާލާނެ ކަމަށްބުނެފައި ނުގުޅަނީއެވެ. އަޅުގަނޑު ގުޅީމާ ފޯނުވެސް ނުނަގަނީއެވެ. އެހެންވެ މިހެންމިވަނީ ކީއްވެގެންކަން ޔަޤީންކުރެވޭނެ ގޮތެއް ނުވެއެވެ.
އެހެންވެ މިކަން މިހާމަކުރަނީ އަޅުގަނޑުގެ އަމިއްލަވިސްނުމުންނެވެ. އަޅުގަނޑު އިންޓަރވިޔުއަށް ދިއަ ބައެއް ކުންފުނިތަކުގައި މަސައްކަތްކުރާ އެކުވެރިންގެ ކިބައިން ލިބުނު މައުލޫމާތުގެ މައްޗަށް ބުރަވެހުރެއެވެ.
އެކުންފުނިތަކުގައި އަޅުގަނޑުފަދަ އެކަނިވެރި މައިންވެސް މަސައްކަތްކުރެއެވެ. މަސައްކަތް ލުޔެއް ނުކުރެއެވެ. ރޭގަނޑު ދަންވަރުވަންދެން އެމީހުން ލައްވައި މަސައްކަތްވެސް ކުރުވައެވެ. އަސާސީ މުސާރަ ވަރަށް ކުޑައެވެ. ކިރިޔާވެސް ދެކޮޅުޖެއްސެނީ އިތުރުގަޑީގައި މަސައްކަތްކޮށްގެންނެވެ. އެހެންވެ ދަރިން ދޫކޮށްލާފައި ހަމަ އެދަރިންނަށްޓަކައި މަސައްކަތްކުރަން މަޖުބޫރުވާތީ މަސައްކަތްކުރަނީއެވެ.
އަންހެނުން ވަޒީފާއަދާކުރުމާ ދެކޮޅަށް ވަރަށް ގިނަ ވާހަކަތައް ދައްކައެވެ. ފަތުވާތައްވެސް ނެރެއެވެ. އަޅުގަނޑުވެސް ކައިވެނިކުރީ ވަޒީފާ އަދާކުރަމުންނެވެ. ބަލިވެއިނުމުން އިސްތިޢުފާދީފައި ގޭގައި ހުރީއެވެ. ދަރިއަކު ލިބުމުން ވަރިކޮށްލާފައި ދިއައީއެވެ. ޚަރަދެއް ނުދެއެވެ. ދަރިފުޅު ބަލަހައްޓަންވެސް ފައިސާ ބޭނުންވެއެވެ. އެކަމުގައި އެހީތެރިވެދޭނެ ފަރާތެއް ނެތެވެ. ޚަރަދުނުދީގެން އެޅޭ ފިޔަވަޅެއް އޮންނަ ކަމަކަށް ނުވެއެވެ.
އެހެންކަމަށްވާއިރު އެކަނިވެރިމައަކަށްވީތީ ވަޒީފާ ނުދޭނަމަ ބޭނުންވާ ފައިސާ ޙަލާލުގޮތުގައި ހޯދޭނެ ގޮތަކީ ކޮބައިތޯއެވެ؟ މިކަން އަޅުގަނޑަށް މިވަނީ ބޮޑު އަރަތަކަށްވެފައެވެ. މިއަދުނޫސް މެދުވެރިކޮށް ސަމާލުކަމަށް މިގެނައީ ޚިޔުންތެރިންގެ ޚިޔާލުހުރިގޮތެއް ބަލައިލުމަށެވެ.
--ޝިއުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް