އީމާންކަން މަތީގައި އެއްމިނެއްގައި ޘާބިތުވެ
ތިއްބެވުމަށް ޞަޙާބީންނަށްވެސް މައްސަލަތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. އެހެންކަމަށްވާއިރު އަހުރެމެންނަށް ކުރިމަތިވާނެ މައްސަލަތައް މާބޮޑުވާނެކަން ޤަބޫލުކުރަންވާނެއެވެ.
ވިސްނާށެވެ! އަހަރެމެންނަކީ އެއް މިނެއްގައި އީމާންކަން ހިފެހެއްޓޭ ބައެއް ނޫނެވެ. އަދި ހިފެހެއްޓޭނެވެސް ބައެއް ނޫނެވެ. އެއީ ޙަދީޘްފުޅުތަކުން އެނގެން އޮތް ކަމެކެވެ.
ބައެއް ދުވަސްވަރު ގިނައިން އަޅުކަން ކުރެވެއެވެ. ދާދި އަވަހަށް ފަރުވާ ކުޑަކުރެވެން ފަށައެވެ. އިސާހިތަކު ކުރެވޭ އަޅުކަން ވަރަށް ބޮޑުތަނުން މަދުވެގެންދެއެވެ. ހަމައެފަދއިން ބައެއް ދުވަސްވަރު ފާފަތަކަށް އަރައިގަންނަން ގަންނަ ބިރު ބޮޑުވެއެވެ. އަނެއްބައި ދުވަސްވަރު އެއީ މާބޮޑު ކަމެއް ކަމުގައެއް ނުދެކެވެ. ފާފަކުރަން ބިރެއް ނުގަނެއެވެ.
ކަންކަން މިހެން މިވަނީ ބައެއް ދުވަސްތަކުގައި އީމާންކަން ކުޑަވާތީއެވެ. އެއްމިނެއްގައި އީމާންކަން ނުހިފެހެއްޓޭތީއެވެ. ވީމާ ކޮންމެ މީހަކުވެސް ޙައްޤުގެ މަގުން އެއްކިބާ ނުކުރެއްވެވުން އެދި ގިނަގިނައިން ދުޢާކުރަންވާނެއެވެ!
رَبَّنَا لَا تُزِغْ قُلُوبَنَا بَعْدَ إِذْ هَدَيْتَنَا وَهَبْ لَنَا مِن لَّدُنكَ رَحْمَةً ۚ إِنَّكَ أَنتَ الْوَهَّابُ
"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ތެދުމަގު ދައްކަވައިފުމަށްފަހުގައި، އަޅަމެންގެ ހިތްތައް حق ން އެއްކިބާ ނުކުރައްވާނދޭވެ! އަދި އަޅަމެންނަށް އިބަރަސްކަލާނގެ حضرة ން رحمة އެއް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގުނަ نعمة ތައް ދެއްވާ ރަސްކަލާނގެއެވެ."
(ޢާލްޢިމްރާން ސޫރަތުގެ 8 ވަނަ އާޔަތް)
--އިސްލާމީ ތިލަފަތުގެ ދަރުސަކުން