ކުރިމަތިވާ ބުރަތައް ކޮނޑުޖަހައިގެން އަމިއްލައަށް ޙައްލުހޯދަން އުޅެގެން ކާމިޔާބެއް ނުވާނެ! ޙައްލުއޮތީ ﷲ ގެ ޙަޟްރަތުގަ!: ބިލާލް އައްސަދް

ކިޔުމަށް ހޭދަވާނީ 3މ 9ސ
ކުރިމަތިވާ ބުރަތައް ކޮނޑުޖަހައިގެން އަމިއްލައަށް ޙައްލުހޯދަން އުޅެގެން ކާމިޔާބެއް ނުވާނެ! ޙައްލުއޮތީ ﷲ ގެ ޙަޟްރަތުގަ!: ބިލާލް އައްސަދް

ޢާއިޝަތު ރަފާޙް ޢަލީ

 

އަބަދުވެސް ތިބާގެ ވިސްނުމުގައި އެނބުރެނީ އެންމެ ކަމެކެވެ. ހެނދުނު ހޭލާ ވަގުތުން ފެށިގެން ސިކުނޑިއަށް އެންމެ ފުރަތަމަވެސް ވެރިވަނީ އެ ޚިޔާލެވެ. އެކަމާ މެދު ހުއްޓުމެއްނެތި ފިކުރުކުރުމާއި، ކަންބޮޑުވުމުގެ މި ބުރު އެއްގޮތަކަށްވެސް ނުހުއްޓެއެވެ. އިވޭ އަޑަކަށް ތިބާގެ މޫނު އަނބުރާލާ ހިނދު، ކުރިން ބަލަން ހުރި ދިމާއަށް ބެލުން ހުއްޓާލެވެއެވެ. އެއްވަގުތެއްގައި ދެ ދިމާއަކަށް ބަލައިގެން ހުރުމަކީ އިންސާނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ހިތުގެ މަސައްކަތްވެސް ހުންނަނީ ހަމަ މިފަދައިންނެވެ. 

ހިތުގެވެސް މޫނެއް ވެއެވެ. އަދި އެ ހިތް އަބަދުވެސް ހުންނާނީ ކޮންމެވެސް އެއް ދިމާއަކަށް އަމާޒުވެފައެވެ. އަހަރެމެންގެ މުޅި ސަމާލުކަމާއި، ކަންބޮޑުވުމާއި، ފިކުރުތައް މި ދަތި އުނދަގޫ ހާލަތަށް ހުސްކޮށްލުމުގެ މާނައަކީ، އަހަރެމެންގެ ހިތް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޟްރަތުން އެނބުރިގަތުމެވެ. މިގޮތަށް ހިތް އެނބުރިގަތުމަކީ އަހަރެމެންނަށް އިހުސާސްކުރަންޖެހޭ ފުން ތަދާއި ވޭނުގެ އަސްލެވެ. ޙަޤީޤީ ހިތާމައަކީ ހަމައެކަނި ކުރިމަތިވެފައިވާ އުނދަގޫ ހާލަތެއް ނޫނެވެ. އޭގެ ބަދަލުގައި، އެ ހާލަތުގެ ތެރެއަށް މުޅިން ގެނބި، ﷲ އާ ދެމެދު އޮންނަ ގުޅުން ކެނޑިގެން ދިއުމެވެ.

މިފަދަ ދަނޑިވަޅުތަކުގައި، "ދެން އަހަރެން ހަދާނީ ކިހިނެއް؟ މިކަމުން ސަލާމަތްވާނީ ކިހިނެއް؟" މިފަދަ ސުވާލުތައް ހިތަށް އަރައެވެ. ބިލްތައް ނުދެއްކުމާއި، ލޯބިވާ މީހަކު ބަލިވުމާއި، ވަކިވެދިއުމާއި، އާއިލީ މައްސަލަތަކަކީ ހަގީގީ ކަންކަމެވެ. އެކަންކަމާ މެދު ނުވިސްނައި ހުރުމަކީ ނުހަނު އުނދަގޫ ކަމެކެވެ. ނަމަވެސް، އަހަރެމެންގެ ހުރިހާ ހަކަތައެއް އަމިއްލަ ބާރުގައި އެކަން ހައްލުކުރުމަށް ހުސްކޮށްލުމުން، މުޅި ދިރިއުޅުމުގެ މައްޗަށް އެކަން ވެރިވެގަނެ، ނޭވާ ހާސްވާ ފަދަ އިހުސާސެއް ކުރެވެއެވެ. 

އަހަރެމެން މި މަސައްކަތް ކުރަނީ ފަރުބަދައެއް އުފުލާށެވެ. ފަރުބަދައެއް އުފުލުމުގެ ގާބިލުކަމެއް އެއްވެސް އިންސާނެއްގެ ކިބައަކު ނުވެއެވެ. މިކަމަށް މުޅި ހަކަތަ ހޭދަކުރުމުގެ ބަދަލުގައި، އަހަރެމެންގެ ހިތްތައް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް އަމާޒުކޮށްފި ނަމަ، އެ ބުރަކަން ލުއިވެ، ހައްލުގެ މަގު ފެންނާނެއެވެ. އަހަރެމެންގެ މަސައްކަތް ހުންނަންވީ މައްސަލައަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، އެ މައްސަލަ ހައްލުކޮށްދެވޭނެ ފަރާތަށް ސަމާލުކަން ދިނުމަށެވެ. 

ﷲ ސުބުޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ދަތިތަކެއް ބޭނުންވެވޮޑިނުގަންނަވައެވެ. އެކަލާނގެ ބޭނުންވެވޮޑިގަންނަވަނީ އަހަރެމެން ތާހިރުކުރައްވައި، އަހަރެމެންގެ ސަމާލުކަން އެކަލާނގެ ހަޟްރަތަށް އަނބުރާ ގެންދިއުމަށެވެ. ދަތި ހާލަތްތަކަކީ އަހަރެމެންގެ ސަޚްޞިއްޔަތު ބިނާކޮށްދީ، ދަރަޖަ އުފުލައިދޭ އިމްތިހާނުތަކެކެވެ. އެކަމަށް ރަނގަޅު ގޮތުގައި ކުރިމަތިނުލައިފި ނަމަ، އެއީ އަޒާބަކަށް ވެދާނެއެވެ. ނަމަވެސް، އަހަރެމެން ނޭވާލާހާ ހިނދަކު ﷲ ގެ ދޮރުކޮޅު ހުރީ ހުޅުވިފައެވެ. އަހަރެމެންނަށް އަބަދުވެސް އެކަލާނގެ ހަޟްރަތަށް އެނބުރި ދެވިދާނެއެވެ.

ދަތި ހާލަތްތަކުގައި އަހަރެމެން ދޭންޖެހޭ އިޖާބަ ތިން ބަޔަކަށް ބަހާލެވިދާނެއެވެ:  

ރުޅިއައުމާއި ހިތްނުތަނަވަސްވުން: މިއީ މުއުމިނުން ދުރުވާންޖެހޭ ކަމެވެ. "މިހެން އަހަރެންނަށް ހެއްދެވީ ކީއްވެ؟" ފަދަ ސުވާލުތައް ކުރުމަކީ އުނދަގޫތައް އިތުރަށް ބޮޑުވާނެ ކަމެކެވެ. މިއީ އެ ދަތިކަމަކީ އަޒާބެއް ކަމުގައި ވެދާނެ ކަމުގެ ނިޝާނެކެވެ. 

ކެތްތެރިކަން (ޞަބުރު): މިއީ މުއުމިނެއްގެ ކިބައިގައި ހުންނަންޖެހޭނެ އެންމެ ދަށް މިންވަރެވެ. އޭގެ މާނައަކީ ހިތަށް ވޭން އިހުސާސް ކުރެވުނު ނަމަވެސް، ޝަކުވާ ނުކޮށް އަމިއްލަ ނަފްސު ހިފެހެއްޓުމެވެ. 

ޝުކުރުވެރިވުން: މިއީ އެންމެ މަތިވެރި ދަރަޖައެވެ. ކޮންމެ ހާލަތެއްގައިވެސް ﷲ ގެ ނިންމެވުމަށް ރުހި، އެކަލާނގެއަށް ޝުކުރުވެރިވުމެވެ. މި ދަރަޖައަށް ވާސިލުވުމުން، ދަތިކަމުގެ ތެރެއިންވެސް ހިތްހަމަޖެހުމާއި އަމާންކަން ލިބިގެންދާނެއެވެ. އެހެންކަމުން، މައްސަލަތަކުގެ ބަރުދަން އަމިއްލަ ކޮނޑުގައި އުފުލުމުގެ ބަދަލުގައި، އެކަންކަން ﷲ އާ ވަކީލުކުރާށެވެ. ހަގީގީ ޙައްލަކީ އެކަލާނގެއާ ހިތް ގުޅުވައިލުމެވެ.         

މިއަދު އޮންލައިން