މަރުމަތީގަ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށާ ފާފަފުއްސަވައިދެއްވެވުމަށް ގިނަ ބައަކަށް އުންމީދު ނުކުރެވެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މަރުމަތީގަ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށާ ފާފަފުއްސަވައިދެއްވެވުމަށް ގިނަ ބައަކަށް އުންމީދު ނުކުރެވެނީ ކީއްވެ؟

މަރުމަތީގަ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އުންމީދުކުރާ މީހާއަށް އެކަން ދެއްވަވާނެ ކަމުގެ އުންމީދު ބޮޑެވެ. އަދި ފާފަފުއްސަވައިދެއްވެވުމަށް އެދޭ މީހާގެ ފާފަތައް ފުއްސަވައިދެއްވަވަވައިދެއްވަވާނެ ކަމުގެ އުންމީދުވެސް ބޮޑެވެ. އެކަން ޙަދީޘަފުޅުންވެސް އެނގެން އެބައޮތެވެ.

ސުވާލަކީ ގިނަ ބައަކަށް އެކަންކަމަށް އުންމީދު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ އެކަންކަން ޙައްޤުވާ ގޮތަށް ދުނިޔޭގައި ނުއުޅެވުމެވެ. ދެން އުފެދޭ ސުވާލަކީ އެކަންކަމަށް އެމީހުން އުންމީދުނުކުރާކަން އެނގެނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ އެވަޤުތު އެމީހުންނަށް ދެއްކޭ ވާހަކަތަކެވެ. ކަންކަމަށް ވަޞިއްޔަތްކުރުމާއި އެހެންވެސް ދުނިޔަވީ ކަންކަމުގެ ވާހަކަ ދައްކަމުންދަނިކޮށް ބަސްހުއްޓޭތީއެވެ. ގިނަ މީހުންނަށް އޮންނަނީ ޝަހާދަތްވެސް ކިޔައިނުލެވިފައެވެ. އެވާހަކަ މިވާހަކަ ބުނެލާފައި ޝަހާދަތް ކިޔަން މަޑުކުރަނިކޮށް ދޫބަންދުވަނީ ކަމަށް ބެލެވޭ ގޮތަށް ކަންކަން މެދުވެރިވާ ކަމެވެ.  

މިބުނެވުނީ އާދައިގެ ވާހަކައެއް ނޫނެވެ. ވަރަށް މުހިންމު ވާހަކައެކެވެ. އަހުރެމެންނަށް އޮތީ ކުރިއާލައި މަރަށް ތައްޔާރުވުމެވެ. މަރަށް ތައްޔާރުވެވިއްޖެނަމަ އެމީހެއްގެ ހުރިހާ ސަމާލުކަމެއް ހުންނާނީ މަރަށެވެ. ދުނިޔަވީ ކަންކަމަށް ވިސްނައި އެކަންކަމުގެ ވާހަކަ ދެއްކުމުގެ ބަދަލުގައި ބަލާނީ ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ތިމާގެ ތލަފަތަށް ބުރަވާނެ އެންމެ ކަލިމައެއްވެސް އިތުރަށް ކިޔައިލެވޭތޯއެވެ.  

ވީމާ ކޮންމެ މީހަކުވެސް ގަދައަޅައި މަސައްކަތްކުރަންވީ މަރަށް ތައްޔާރުވުމަށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށާ ފާފަފުއްސަވައިދެއްވެވުމަށް އުންމީދުކުރަމުން ދަނިކޮށް ފުރާނަހިއްޕަވާ މީހަކަށް ވެވޭނީ އެއިރުންނެވެ. ޝަހާށދަތް ކިޔައިލެވޭނެ މީހަކަށްވެސް ވެވޭނީ އެއިރުންނެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން