ފަތިސްނަމާދަށްފަހު ނިދިއަތުވެއްޖެނަމަ ނިދުމާއިބެހޭގޮތުން ތަކުރާރުކޮށް ސުވާލު ލިބެމުން އަންނާތީ ޖަވާބު ހަނދުމަފުޅުކޮށްލައިދިނުމުގެ ގޮތުން ދަންނަވަމެވެ.
މިމައްސަލައަށް ޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله ( ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ) ދެއްވާފައިވާ ޖަވާބު:
ފަތިސްނަމާދުގެ ފަހުން ނިދުމަކީ މައްސަލައެއްކަމުގައި އަޅުގަނޑުމެންނަށް އެނގިފައިނުވެއެވެ. ބައެއް މީހުންގެ މެދުގައި މަޝްހޫރުވެފައިވާގޮތުންނަމަ އެކަމަކީ އެހާ ރަނގަޅުކަމެއް ނޫނެވެ. އަދި އެކަމަކީ މިފަދަ އެފަދަ ކަމެއްކަމުގައި އެމީހުން ބުނެއެވެ. އެހެނަސް އެ ބުނުމަކީ އިތުބާރުހިފޭ ދަލީލެއް އޮތް ބުނުމެއް ނޫނެވެ.
ފަހެ ފަތިސް[ނަމާދުގެ] ފަހުން ނިދުމަކީ މައްސަލައެއްނޫނެވެ. އަދި ޢަޞުރު[ނަމާދުގެ] ފަހުން ނިދުމަކީވެސް މައްސަލައެއްނޫނެވެ.
ނަމަވެސް އޭނާ ނަމާދުކުރިތަނުގައި [ޤުރުއާން] ކިޔެވުމަށާއި އިސްތިޣްފާރުކޮށް (އިސްތިޣްފާރުކުރުން: أَسْتَغْفِرُ اللهَ ކިޔުން) ތަސްބީޙަކިޔާ (ތަސްބީޙަކިޔުން: سُبْحَانَ اللهِ ކިޔުން) ތަހްލީލުކިޔުމާ (ތަހްލީލުކިޔުން: لا إلٰهِ إلاّ اللهُ ކިޔުން) ފަދަކަންކަމުގައި، ފަތިސް[ނަމާދުގެ] ފަހުން އިރުއަރައްޖައުމަށް ދާންދެން އިނުމަކީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ. އެއީ ނަބިއްޔާ -عليه الصلاة والسلام- ޢަމަލުކުރައްވާފައިވާ ގޮތެވެ.
މީހަކު އެކަންކުރުން ދޫކޮށް، ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކުރުން ނުވަތަ ނިދުމުން ނުވަތަ އެނޫންކަންކަމުގައި މަޝްޣޫލުވުމަކީ އެއީ މައްސަލައެއްނޫނެވެ.
جزاكم الله خيراً.
ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުން ބާޒް رحمه الله ( ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ)
- މަސްދަރު: ދިސަލަފިއްޔާ