މިހާރަށް ބަލައިފިނަމަ ޙައްޖު މިވެވެނީ ލައްކައެއްހައި ރުފިޔާ ޖަމާކުރެވިގެންނެވެ. ދެމަފިރިއަކަށްނަމަ ދެލައްކައެއްހައި ރުފިޔާއެވެ. މިއީ ޢަދަދަށް ބަލައިފިނަމަ ކުޑަ ޢަދަދެއް ނޫނެވެ. ނިކަމެތިންނަށް ހުވެފެނުންވެސް ނުފެންނާނެހައި ބޮޑެތި ޢަދަދުތަކެވެ. އެހެންވެ ތިމާއަށް ޙައްޖުވެވިދާނެ ކަމަށް އުންމީދުނުކުރާ މީހުންވެސް ވަރަށް ގިނައެވެ.
ތިރީގައިވާ ލިޔުން މިގެނެސްދެނީ އެފަދަ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ޙައްޖުވުމުގެ ނިޔަތުގައި ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ޖަމާކުރަމުން ގެންދިއުމުގެ ފައިދާ ބަޔާންކުރުމަށެވެ.
ފުރަތަމަ މިކިޔައިދެނީ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ. އެއީ ވަރަށް ބޮޑު ފަޤީރެކެވެ. އެކަމަކު ކޮންމެ މަހަކުވެސް 10 ރުފިޔާ އެކައުންޓަށް ޖަމާކުރެއެވެ. އެގޮތަށް ފައިސާ ޖަމާކުރާތާ 5 އަހަރުވެފައި ވަނިކޮށް ބޭންކުގެ މުވައްޒިފަކަށް އެކަން ފާހަގަކުރެވުނެވެ.
އެމުވައްޒިފް އޭނާ ހޯދައި ސުވާލުކުރިއެވެ. "ކޮންމެ މަހަކު 10 ރުފިޔާ ބޭންކަށްލަނީ ކީއްކުރަންހެއްޔެވެ؟" ޖަވާބުގައި އޭނާ ބުންޏެވެ. "ބޭނުމަކީ މަރުވުމުގެކުރިން ދެމަފިރިން ޙައްޖުވުމެވެ. 10 ރުފިޔާވެސް ޖަމާކުރެވެނީ ވަރަށް ދަތިޙާލުންނެވެ."
މުވައްޒިފް ދިއައީ ސިއްސައިގެންނެވެ. މަހަކު 10 ރުފިޔާ ޖަމާކުރާނަމަ އަހަރަކު ޖަމާވާނީ އެންމެ 120 ރުފިޔާއެވެ. އެންމެ 1000 ރުފިޔާވެސް ޖަމާވާނީ 8 އަހަރުންނެވެ. އެވަރުން ދެމަފިރިންނަށް ޙައްޖުވެވޭނީ ކިހިނަކުން ހެއްޔެވެ؟
ކޮންމެއަކަސް މުވައްޒިފް އޭނާއަށް ހެޔޮދުޢާކޮށްފައި ދިއައީއެވެ. އޭނާއަށް މިކަންވީ ވަރަށް ބޮޑުކަމަކަށެވެ. އެހެންވެ ދިއައީ އެމީހާގެ ވާހަކަ އެކީމީހުންނަށް ކިޔައިދެމުންނެވެ. ދުވަސްކޮޅެއްފަހުން އެވާހަކަ ކިޔައިދެވުނު މީހަކު އެމީހާގެ މަޢުލޫމާތު އޮޅުންފިލުވައިގެން އެމީހާއާއި ބައްދަލުކުރިއެވެ. އަދި އޭނާގެ ޚަރަދުގައި ދެމަފިރިން އަންނަ އަހަރު ޙައްޖަށް ފޮނުވައިދޭން ނިންމައި އެކަން ކޮށްދިނެވެ.
ނިކަން ވިސްނައިލަބަލާށެވެ! އެނިކަމެތި މީހާއަށް އެކަމުގެ ވަޤުތު ޖެހުމުން ޙައްޖުވެވުނީއެވެ. މިފަދަ ގޮތްގޮތުން ޙައްޖުވެވޭ މީހުން މަދުކަމަކަށްވެސް ނުބުނެވޭނެއެވެ. ވީމާ ތަނަވަސްކަން ނެތި ދަތިޙާލުގައި ދިރިއުޅޭމީހާވެސް ޙައްޖަށްދާން ޢަޒުމްކަނޑައަޅައި އެކަމަށްޓަކައި މަސައްކަތްކުރަންވާނެއެވެ. ހިންމަވައި ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ.
ވިސްނައިލާށެވެ! ކޮންމެ އަހަރަކު ޙައްޖުވާ މީހުންގެ ތެރޭގައި އެތައް ބައިވަރު ފަޤީރުން ހިމެނެއެވެ. އެމީހުންނަށް ޙައްޖަށް އެދެވެނީ ކޮންމެވެސް މީހެއްގެ އެހީތެރިކަމުގައެވެ. އަދި ހަމަ އަމިއްލަ މަސައްކަތުން ފައިސާ ދައްކައިގެން ޙައްޖުވާ މީހުންގެ ތެރޭގައި ބޮޑެތި ފަޤީރުންވެސް ހިމެނެއެވެ.
އެމީހުންނަށް އެކަން ﷲ ތަޢާލާ ހިންމަވައިދެއްވަވަނީއެވެ. ވީމާ އަމިއްލަ އަތުގައި ތަނަވަސްކަން ނެތުމަކީ ޙައްޖަށް ނުދެވޭނެ ސަބަބެއް ކަމަށް ބަލައި އެކަމަށްޓަކައި މަސައްކަތްނުކޮށް ހުރެގެންނުވާނެއެވެ. ޙައްޖަށް ދާނެ ފައިށާ ހޯދިދާނެކަމުގެ އުންމީދުނެތަސް، އެކަމަށް މަގެއް ފެންނަން ނެތަސް ނިޔަތްގަންނާށެވެ. އަދި މަސައްކަތްވެސް ކުރާށެވެ.
މިސާލަކަށް މަހަކު އެންމެ ފައިސާފޮތްޗެއް ރައްކައުކުރުމަކީވެސް މަސައްކަތްކުރުމެވެ. އަދި އެވަރުވެސް ނުވާ މީހުންނަށް ދުޢާކުރެވޭނެއެވެ. އެއީވެސް ހަމަ މަސައްކަތްކުރުމެވެ.
ޙައްޖުވާޖިބުވާނީ އެމީހެއްގެ ކިބައިގައި ތަނަވަސްކަން ހުރުމުންނެވެ. ތަނަވަސްކަން ނެތްނަމަ ވާޖިބެއް ނުވާނެއެވެ. ތަނަވަސްކަން ނެތިގެން ޙައްޖުނުވުމަކުން އެމީހާ ފާފަވެރިއެއް ނުވާނެއެވެ. ނަމަވެސް ތަނަވަސްކަން ލިބި ޙައްޖު ނުވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން އެމީހަކަށް ޖެހޭނެއެވެ. ވީމާ ތަނަވަސްކަން ދެއްވަވައިފިނަމަ އޮތީ އަވަހަށް ޙައްޖުވުމެވެ. ޢުމުރުގެ ފަހުކޮޅުގައި ޙައްޖަށްދާން ހުއްޓައި ތަނަވަސްކަން ގެއްލިވެސްދާނެއެވެ. ނުދެވެނީސް ދުނިޔެދޫކުރަންވެސް ޖެހިދާނެއެވެ. ވީމާ ތަނަވަސްކަން ދެއްވަވައިފިނަމަ އޮތީ ވީހާއަވަހަކަށް ޙައްޖުގެ ފަރުޟު އަދާކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން