ޢިޝާ ނަމާދަށްފަހު މީހުން ބެހިގެންވާ 3 ބައިން ތިބާ ހިމެނެނީ ކޮންބައަކުތަ؟: ޝައިޚް ސުލައިމާން އަލްރުޙައިލީ

ކިޔުމަށް ހޭދަވާނީ 1މ 52ސ
ޢިޝާ ނަމާދަށްފަހު މީހުން ބެހިގެންވާ 3 ބައިން ތިބާ ހިމެނެނީ ކޮންބައަކުތަ؟: ޝައިޚް ސުލައިމާން އަލްރުޙައިލީ

ޢާއިޝަތު ރަފާޙް ޢަލީ

 

"ޢިޝާ ނަމާދަށްފަހު މީހުން ބެހިގެންވަނީ ތިން ބަޔަކަށެވެ. އެއީ ޣާރިމް، ޣާނިމް، އަދި ސާލިމް އެވެ." 

1. ޣާރިމް

މިއީ އެންމެ ބޮޑު ގެއްލުމުގައިވާ މީހާއެވެ. އޭނާ ރޭގަނޑުގެ އަނދިރިކަމާއި މީހުންގެ ޣާފިލުކަމުގެ ބޭނުން ހިފައިގެން ފާފަތަކަށް އަރައިގަނެއެވެ. މީހުންނަށް ނުފެންނާތީ އެކަމުގެ ނާޖާއިޒު ފައިދާ ނަގައި، އޭނާގެ ވެރި ރަސްކަލާނގެ ބައްލަވާވޮޑިގެންވާކަން ހަނދާން ނައްތާލައެވެ. އޭނާގެ ހިތުގައި މީހުންނަށް އޮންނަ ބިރުވެތިކަން ބޮޑެވެ. ނަމަވެސް ﷲ އަށް އޮންނަ ބިރުވެތިކަން ކުޑަވެއެވެ. އޭނާ ރޭގަނޑުގެ ވަގުތުތައް ހޭދަކުރަނީ އަންހެނުންނާ ވާހަކަދެއްކުމާއި، ތުހުމަތުތަކާއި ޝައްކުތަކުގެ ތެރޭގައެވެ. މިއީ އޭނާގެ މައްޗަށް ހުރި ބޮޑުވެގެންވާ ނުބައެކެވެ. 

2. ޣާނިމް

މިއީ ރޭގަނޑުގެ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާ މީހާއެވެ. މީހުންނަށް ނުފެންނަ ވަގުތުގައި، އޭނާ ﷲ އަށް އިޚްލާޞްތެރިވެ، އެކަލާނގެއަށް ބިރުވެތިވެ ނަމާދުކޮށް، ޛިކުރު ކުރެއެވެ. އެހެން މީހުން ޣާފިލުކަމުގައި (ނުވަތަ ނިދީގައި) ތިބޭ ވަގުތު ކުރާ ހެޔޮ އަމަލުގެ ދަރުމަ މާ ބޮޑެވެ. މިފަދަ މީހުންނަށް ﷲ ގެ ހަޟްރަތުން ގިނަގުނަ ޘަވާބާއި ދަރުމަ ލިބިގެންވެއެވެ. 

3. ސާލިމް

މިއީ ޢިޝާ ނަމާދަށްފަހު ނިދާ މީހާއެވެ. އޭނާ އިތުރު ހެޔޮކަމެއް ނުކުރެއެވެ، އަދި ފާފައެއްވެސް ނުކުރެއެވެ. އެހެންކަމުން އޭނާއަށް އިތުރު ދަރުމައެއްވެސް ނުލިބެއެވެ، އަދި އޭނާގެ މައްޗަށް ފާފައެއްވެސް ނުލިޔެވެއެވެ. އޭނާ ހުރީ ސަލާމަތްކަންމަތީގައެވެ. 

ބުއްދިވެރި މީހަކީ، އޭނާ މި ތިން ބައިގެ ތެރެއިން ހިމެނެނީ ކޮން ބަޔެއްގައިތޯ އަމިއްލައަށް ބަލާ މީހާއެވެ. އަދި އޭނާ މަސައްކަތް ކުރަންވާނީ ޣާނިމް (ދަރުމަ ލިބޭ މީހުން) ގެ ތެރޭގައި ހިމެނުމަށެވެ. އެކަން ނުވެއްޖެނަމަ، އެންމެ ކުޑަމިނުން ސާލިމް (ފާފަތަކުން ސަލާމަތްވެގެންވާ މީހުން) ގެ ތެރޭގައި ހިމެނޭތޯ ބަލަންވާނެއެވެ. 

ﷲ ގެ ފަޟްލުވަންތަކަން ވަރަށް ތަނަވަސްވެގެންވެއެވެ. މީހަކު ޢިޝާ ނަމާދުކޮށްފައި، ރޭއަޅުކަން ކުރުމުގެ ނިޔަތުގައި ނިދައި، ފަތިސް ނަމާދަށް ހޭލައިފިނަމަ، އޭނާއަށް ރޭއަޅުކަން ކުރިކަމުގެ ސަވާބު ލިބޭނެއެވެ. ނަމަވެސް އަމަލުގެ ގޮތުން ބަލާއިރު، ނިދާފައި އޮންނަ ވަގުތަކީ އެއްވެސް އަމަލެއް ނުކުރާ ވަގުތަކަށްވާތީ އޭނާ ބެލެވެނީ "ސާލިމް" އެއްގެ ގޮތުގައެވެ. 

- ޝައިޚް ސުލައިމާން އަލްރުޙައިލީގެ ދަރުސަކުން 

- މިއަދުނޫސް

 

 

މިއަދު އޮންލައިން