ކޮންމެ ބެލެނިވެރިއަކަށްވެސް ވަރަށް މުހިންމު!: ދަރިން ސްކޫލަށް ނުދާންއުޅޭތީ ނޫނީ ނުކިޔަވާތީ ކަންބޮޑުވުމުގެ ކުރިން ސްކޫލުގައި ބުލީކުރެވުނު މިކުއްޖާގެ ވާހަކައަށް ނިކަން ސަމާލުކަންދީބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 12ސ
ކޮންމެ ބެލެނިވެރިއަކަށްވެސް ވަރަށް މުހިންމު!: ދަރިން ސްކޫލަށް ނުދާންއުޅޭތީ ނޫނީ ނުކިޔަވާތީ ކަންބޮޑުވުމުގެ ކުރިން ސްކޫލުގައި ބުލީކުރެވުނު މިކުއްޖާގެ ވާހަކައަށް ނިކަން ސަމާލުކަންދީބަލަ!

އެއީ ޢުމުރުން މާދޮށީ ކުއްޖެއްވެސް ނޫނެވެ. ލަފާކުރެވޭ ގޮތުން ވާނީ 10، 12 ވަރަކަށް އަހަރެވެ. ބައްޕަ މަންމަގެ ގައިގަ ޖަހައި ސޯފާއަށް ވައްޓައިލިތަނުން އައީ ގޯންޏެއް ހިފައިގެންނެވެ.  

ފުރަތަމަ ނެގީ ކޯރާޑިއެކެވެ. ނަގާފައި ބުނީ މަންމަގެ ބޮލުގައި ޖަހައި ޗިސްޗިސްކޮށްލުމަށެވެ. ދެން ނެގީ ބޮޑު ވަޅިއެކެވެ. ބުނީ މަންމަގެ ކަރު ބުރިކޮށްލުމަށެވެ. އެއްފަހަރުން މަންމަގެ ކަންތައް ނިންމައިލުމަށެވެ.  

"ބައްޕާއެވެ! ކޮންމެ ދުވަހަކު މަންމަ އަހުރެން ބަލައި ސްކޫލަށްދާއިރު މޫނުމަތީގައި ދުޅަވެފައި ހުރެއެވެ. ނޫވެފައި ހުރެއެވެ. ނޫނީ ކޮރެއް ލައްވާނެއެވެ. އެއީ ބައްޕަކުރާ އަނިޔާއިންކަން ކުދިންނަށް އެނގެއެވެ. އެހެންވެ ކިޔަނީ ތަޅާ ބައްޕަގެ ދަރިއެވެ. އަދި އެހެން ނަންތައްވެސް ކިޔައެވެ.  

މިއަޑުތައް ކޮންމެ ދުވަހަކު އަހަމުންގޮސް ހަލާކުވެއްޖެއެވެ. ސްކޫލަށް ނުދާން އުޅުނީމާ ބައްޕައާ މަންމަ ދައްކާ ވާހަކަތައް އަޑުއވެއެވެ. އެކަމަކު ކޮންމެ ދުވަހަކު ބޮޑާހާކަން ޖެހެނީ ސްކޫލަށް ދިއުމުން ކުދިން ކިޔާ އެއްޗެތި އަޑުއެހުމަށްވުރެ ނުކިޔަވައި ހުރުންވެސް މާފަސޭހަވީމައެވެ. ވީމާ ދެން އަޅުގަނޑު ސްކޫލަށް ގެންދާނެ ކަމެއް ނެތެވެ. ނުކިޔަވާކުދިން ކުރާ މަސައްކަތެއްކޮށްގެން އުޅެފާނަމެވެ. ބޮޑު ޚަރަދުކޮށްފައި ދެން ސްކޫލަށް ފޮނުވާނެ ކަމެއް ނެތެވެ. ކިޔެވޭނީވެސް ސިކުނޑި ސަލާމަތުން ހުރެގެން ނޫންހެއްޔެވެ؟ ވީމާ ބޭކާރު ޚަރަދުކުރުން ހުއްޓައިލާށެވެ!"  

މަންމައަށް ރޮވެނީއެވެ. ބުނާނެ އެއްޗެއް ނުއެނގިފަ ބައްޕައިނީއެވެ. އެގޮތަށް އެތައް އިރެއްވަންދެން އިނދެފައި ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ބައްޕައަށް މާފުކުރާށެވެ! ދަރިފުޅުގެ ސްކޫލް ބަދަލުކުރާނަމެވެ. ދެން ދުވަހަކުވެސް މަންމަގެ ގައިގަ ނުޖަހާނަމެވެ. މަނަމްގެ ގައިގަ ޖަހަނީ މަންމަ ދެކެ ލޯބިނުވާތީއެއް ނޫނެވެ. އިޞްލާޙްކުރާށެވެ! ދެން ސްކޫލަށް ގެންގޮސް ގެނެސް ހަދާނީވެސް މަންމައާއި ބައްޕައެކުގައެވެ."  

މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީ ގޮތެވެ. ވީޑިއޯއަކުން ފެނުނު ނަމަވެސް މިއީ ބެލެނިވެރިން ވިސްނައިލުން މުހިންމު ކަމެކެވެ. މިއުޅެނީ ބުލީކުރުމުން ސަލާމަތްނުވެވިގެންނެވެ. ވީއިރު ބުލީ ކުރަންޖެހެނީ މިފަދަ މައްސަލަތަކުގައި ކަމަށްވާނަމަ މައިންބަފައިން ލަދުވެތިވާން ނުޖެހޭ ހެއްޔެވެ؟  

އެއްކޮޅުން ބައްޕަ މަންމައަށް އަނިޔާކުރަނީއެވެ. އަނެއްކޮޅުން މަންމަ ބައްޕައަށް ނުބައިބަސްބުނަނީއެވެ. ނޫނީ ދެމީހުން އެކަކު އަނެކަކަށް ނުބައި ބަސްބުނަނީއެވެ. މިއިން ކޮންމެ ކަމަކީވެސް އެކިގޮތްގޮތުން ދަރިންނަށް އަސަރުކުރާ ކަންކަމެވެ.  

އެކުއްޖާ އެބުނަނީ ތެދެކެވެ. މިހެންދިމާވާނަމަ ސްކޫލަށް ދާކަށް ބޭނުމެއް ނުވާނެއެވެ. އަދި ދިއަނަމަވެސް ކިޔެވުމަށް ސަމާލުކަމެއްވެސް ނުދެވޭނެއެވެ. އެހެންކަމަށްވާއިރު ދަރިން ލިބުމުން މިކަންކަމަށް ވިސްނަން ނުޖެހޭހެއްޔެވެ؟

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން