ޢަލީ އިޙްޞާން ފިރާޤް
ލިޔުމުގެ ކުރިއަށް ކަމެއް ފާހަގަކޮށްލާނަމެވެ. އަހުރެމެންގެ އަޚުންނާއި އުޚުތުންނާއިމެދު ކަންކަން ކުރެވޭ ގޮތެވެ. ސަމާލުކަންދެވޭ މިންވަރެވެ. އިތުރަށް ބުނާކަށް ނެތީމެވެ. ޢަމަލުކުރަން އޮތް ގޮތް ފެންނަން މިއޮތީއެވެ.
"އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅުގަނޑުމެންނަށްޓަކައި މުޙައްމަދު ހެޔޮ ޙާލުގައި ދިރިދުނިޔޭގައި ލަހައްޓަވާށިއެވެ. އޭނާގެ ޒުވާން އުމުރު ދެކޭން މިއަޅާ ބޭނުމެވެ. އޭނާ ސައްޔިދަކަށްވާތަން އަޅުގަނޑުދެކޭން ބޭނުމެވެ. އޭނާގެ ދުޝްމަނުން ބަލިކުރައްވާނދޭވެ. ޙަސަދަވެރިންގެ ކިބައިން އޭނާ ސަލާމަތްކުރައްވާނދޭވެ. އަބަދަށް ދެމިގެންދާނެ ޢިއްޒަތްތެރިކަމެއް އޭނާއަށް ދެއްވާނދޭވެ".
އިސްވެދިޔަ ފޮޅުވަތްތަކުގައި ބަޔާންކޮށްފައި އެވަނީ ޅެންބައިތު ތަކެއްގެ އަވަސް ތަރުޖަމާއެކެވެ. އެއީ، އުޚުތަކު އޭނާގެ އަޚަކަށް ކޮށްދެއްވައިފައިވާ ހޮޔޮ ދުޢާތެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ މައްޗަށް އެކަލޭގެފާނުގެ ކިރުފޮދުގެ ގޮތުން އުޚުތެއްކަމުގައިވާ الشيماء بنت الحارث ވިދާޅުވެފައިވާ ދުޢާތަކެކެވެ.
الشيماء بنت الحارث ގެ އަސްލު ނަންފުޅަކީ حذافة بنت الحارث އެވެ. އެކަމަނާގެ މައިކަނބަލުންނަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ކިރުމައިކަނބަލުން حليمة السعدية އެވެ. ބަފައިކަލުންގެ ނަންފުޅަކީ الحارث بن عبد العزى އެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ތުއްޕުޅުއިރު އެކަލޭގެފާނަށް ކިރުފޮދު އެރުވުމުގެ ބަރަކާތްތެރި މަސައްކަތްޕުޅު ޙަވާލު ކުރެއްވުނީ حليمة السعدية އަށެވެ. حليمة ގެފާނު ގެކޮޅުގެ ކަންތައްތަކުގައި މަސްޣޫލުވެވަޑައިގެން އުޅުއްވާއިރު މާތް ރަސޫލާ ގެ އަރިހުގައި ކުޅެން އުޅެނީ އެކަމަނާގެ ބޭފުޅުންނެވެ. ޙަލީމަތުގެފާނާއި އެކަމަނާގެ ބޭފުޅުން މާތް ރަސޫލާ صلّى اللّـه عليه وسلّم ދެކެ ނުހަނު ލޯބިފުޅުވެވަޑައިގަންނަވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އަށް އެކަލޭގެފާނުގެ އުފަން ޢާއިލާ ނެތްކަމުގެ އިޙްސާސެއް ވިޔަކަ ނުދެއްވައެވެ.
ޙަލީމަތުގެފާނުގެ ބޭފުޅުންގެ ތެރެއިން الشيماء بنت الحارث، މާތް ރަސޫލާއަށް ޚާއްޞަ ސަމާލުކަމެއް ދެއްވައެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އުރުވަޑުވައިގެން އެކަމަނާ ވަރަށް ގިނައިން އުޅުއްވައެވެ. އެކަމަނާގެ ކޮނޑުފުޅަށް އެކަލޭގެފާނު ލައްވައިގެން ލަވަ ކިޔަމުން ދުވެވަޑައިގެން އުޅުއްވައެވެ. އެއްދުވަހަކު އެގޮތަށް އެކަލޭގެފާނު އެކަމަނާގެ ކޮނޑުފުޅަށް ލައްވައިގެން އުޅުއްވަނިކޮށް މާތް ރަސޫލާ ވަރަށް ބާރަށް އެކަމަނާގެ ކޮނޑުފުޅުގައި ދައިވަޑައިގެންނެވިއެވެ. އެތަނުގައި އުފެދުނު [ބަރަކާތްތެރި ލަކުނު] އެކަމަނާ އަވަހާރަވެއްޖައުމަށް ދާންދެންވެސް ހުއްޓެވެ.
ޙުނައިނު ހަނގުރާމަ ހިނގިއިރުވެސް الشيماء އިންނެވީ އެކަމަނާގެ ގައުމުގެ މީސްތަކުންގެ ދީންމަތީގައެވެ. އެކަމަނާ އިސްލާމްވެވަޑައިގެންނެވީ ޙުނައިނު ހަނގުރާމައަށް ފަހުގައެވެ. އެ ހަނގުރާމައިގައި ހަވާޒިނުވަންހައިގެ ވަރަށް ގިނަ މީހުން ހައްޔަރުކޮށްގެން ގެނެވުނެވެ. އޭގެ ތެރޭގައި الشيماء ވެސް ހިމެނިވަޑައިގަންނަވައެވެ. އޭރު އެކަމަނާއަކީ އުމުރުފުޅުން ފަސްދޮޅަހުން މައްޗަށް ގޮސްފައިވާ ބޭކަނބަލެކެވެ. މުސްކުޅިފުޅު ބޭކަނބަލެކެވެ. އެކަމަނާ ހައްޔަރުވެވަޑައިގެންނެވުމުން ޞަޙާބީބޭކަލުންގެ އަރިހުގައި ވިދާޅުވިއެވެ. [އަހަރެންނަށް ތިޔަބައިމީހުންގެ ސާހިބާއާ ބައްދަލުކޮށްލުމުގެ ފުރްސަތު ލިބިދާނެ ހެއްޔެވެ؟] އެކަމަނާ ތަކުރާރުކޮށް އެދިވަޑައިގެންނެވުމުގެ ސަބަބުން ޞަޙާބީން އެކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ގެންދެވިއެވެ.
އެކަމަނާ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. [އޭ މާތްﷲ ގެ ރަސޫލާއެވެ. އަޅުގަނޑަކީ ކިރުފޮދުގެ ގޮތުން ކަލޭގެފާނުގެ އުޚުތަކީމެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އޭގެ ހެއްކަކީ ކޮބައިތޯއެވެ.] އެކަމަނާ ވިދާޅުވިއެވެ. [އަޅުގަނޑުގެ ކޮނޑަށް ކަލޭގެފާނު ލައިގެން ކުޅެން އުޅެނިކޮށް އެއްފަހަރަކު ކަލޭގެފާނު ދައިވަޑައިގެންނެވިއެވެ. އެ ތަނުގައި ލާފައިވާ ލަކުނު އަދިވެސް އެބަހުއްޓެވެ.]
މި އަޑު ހަމަ އިވިވަޑައިގަންނަވާ އިރަށް ރަޙްމަތުގެ ނަބިއްޔާ އެކަލޭގެފާނުގެ ރިދާކޮޅު ބިންމަތީގައި ފަތުރުއްވައިލެއްވިއެވެ. އެ ރިދާކޮޅު މަތީގައި އެކަމަނާ ބޭންދެވިއެވެ. އެއަށްފަހު ޙަދީޘް ކުރެއްވިއެވެ. [ކަމަނާ އެދިވަޑައިގަންނަވާނަމަ ތިމަންކަލޭގެފާނުގެ އަރިހުގައި ހުރެވޭނެއެވެ. ލޯތްބާއި ޢިއްޒަތާއެކު ތިމަންކަލޭގެފާނުގެ އަރިހުގައި ބަހައްޓަވާނަމެވެ. ކަމަނާ އެނބުރި ރަށަށް ވަޑައިގަންނަވަން ބޭނުންފުޅުނަމަ އެކަމުގެ ފުރިހަމަ އިންތިޒާމު ތިމަންކަލޭގެފާނު ހަމަޖައްސަވައިދެއްވާނަމަވެ.]
الشيماء ޖަވާބުދެއްވިއެވެ. [އަޅުގަނޑު އެންމެ ބޭނުންވަނީ އެނބުރި އަޅުގަނޑުގެ ގައުމުގެ މީހުންގެ ގާތަށް ދިޔުމަށެވެ.]
މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ އެދިވަޑައިގަތުން ވަރަށް ފުރިހަމަ އިޖާބައެއް ދެއްވިއެވެ. އެކަމަނާ އަރައިގެންދާނެ ސަވާރީ ދެއްވިއެވެ. ޚިދުމަތްކުރާނެ އަޅުން ދެއްވިއެވެ. ހަދިޔާއެއްގެ ގޮތުގައި ޖަމަލާއި ބަކަރި ދެއްވިއެވެ.
މިދެންނެވި ޝައިމާއުގެ ވާހަކައަކީ ވަރަށް ކުރު ވާހަކައެކެވެ. ނަމަވެސް ވަރަށް މުހިންމު ޢިބްރަތެއް ލިބޭ ވާހަކައެކެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެއްބަނޑު އެއްބައްޕާފުޅު އެއްވެސް ބޭފުޅަކުނެތެވެ. ނަމަވެސް ކިރުފޮދުގެ ގޮތުން އަޚުންނާއި އުޚުތުން ތިއްބެވިއެވެ. އެއިން ބޭފުޅަކު ފެނިވަޑައިގެންފިނަމަ އެ މާތް މޫނުފުޅު އުފަލުން ފޮޅެއެވެ. ކޮނޑުފުޅުގައި އޮންނަ ރިދާކޮޅު ނަންގަވައި ބިންމަތީގައި ފަތުރުއްވައެވެ. މާތް ރަސޫލާގެ އެންމެ އަރިހުން އެބޭފުޅުންނަށް ޖާގަ ދެއްވައެވެ. އެވަގުތަކު ލިބެންހުރި އެންމެ ރަނގަޅަކަށް އެބޭކައުކަނބަލުންނަށް ޚިދުމަތް ކުރައްވައެވެ.
ނަމަވެސް އަޅުގަނޑުމެން އަޅުގަނޑުމެންގެ އެއްބަފާ މީހުންނާމެދު ޢަމަލު ކުރަނީ ކިހިނެއްތޯ؟ މިއީ އަޅުގަނޑުމެން ކޮންމެ މީހަކުވެސް އަމިއްލަ ނަފުސާކޮށްލުން ރަނގަޅު ސުވާލެކެވެ.
- -ޢަލީ އިޙްޞާން ފިރާޤް