ހިތުގަ ބަދަލުހިފުމުގެ ރޫޙު އާލާކުރުމަކީ ހިތުގެ ހަމަޖެހުން ނަގާލާ ކަމެއް! ބޭކާރު ދެބަސްވުންތަކަކީ އަގުހުރި ވަގުތުތައް ބޭކާރުކޮށްލާ ކަމެއް!: ޑރ. އުމަރް ސުލައިމާން

ކިޔުމަށް ހޭދަވާނީ 1މ 41ސ
ހިތުގަ ބަދަލުހިފުމުގެ ރޫޙު އާލާކުރުމަކީ ހިތުގެ ހަމަޖެހުން ނަގާލާ ކަމެއް! ބޭކާރު ދެބަސްވުންތަކަކީ އަގުހުރި ވަގުތުތައް ބޭކާރުކޮށްލާ ކަމެއް!: ޑރ. އުމަރް ސުލައިމާން

ޢާއިޝަތު ރަފާޙް ޢަލީ

 

މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާއަށް ދެއްވާފައިވާ އެންމެހައި ކަންކަމާއި، ސިފަތަކާއި، ނިޢުމަތްތަކަކީ އެކަލާނގެ ޙަޟްރަތުން ދެއްވާފައިވާ މަތިވެރި ހަދިޔާތަކެކެވެ. އެކަލާނގެއަށް އުރެދި، އެ ނިޢުމަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާނަމަ، އެ ހަދިޔާތައް ތިމާގެ އަތުގައި ދެމިއޮތުމުގެ ބަރަކާތް އެކަލާނގެ އުފުއްލަވައިފާނެއެވެ. އެހިނދުން، ތިމާގެ ވަގުތުގެ ތެރެއިން އެ ނޫރު ފަނޑުވެ، ބުއްދިއާއި، މުދަލާއި، އަދި މިނޫންވެސް އެތައް ކަމަކުން ބަރަކާތް ފިލައިގެންދާނެއެވެ. 

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ފާފަތަކުންނާއި ބޭކާރު ހަމަނުޖެހުންތަކުން ދުރުހެލިވާންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ، ފާފަކުރުމުގެ ސަބަބުން ނަފްސަށް ކުރިމަތިވާ ނުތަނަވަސްކަމެވެ. ތިމާއަކީ އިންތިޒާމެއް ނެތް، ހަލަބޮލި ދިރިއުޅުމެއް އުޅޭ މީހަކަށް ވެއްޖެނަމަ، މުޅި ދިރިއުޅުން އޮޅުންބޮޅުން ބޮޑު ކަންތައްތަކެއްގެ ތެރެއަށް ޣަރަޤުވެގެންދާނެއެވެ. އިންސާނާގެ ވިސްނުމަށާއި، ހިތުގެ ހަމަޖެހުމަށާއި، ވަގުތަށް ކަނޑައެޅިފައިވާ ވަކި މިންވަރެއް އޮވެއެވެ. އެ ވަގުތާއި ޖާގަ ފާފަތަކާއި، އޭގެ ނޭދެވޭ ނަތީޖާތަކުން ފުރާލައިފިނަމަ، އުފެއްދުންތެރި ކަމެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ގެއްލިގެންދާނެއެވެ. ސަބަބަކީ، ކުރެވުނު ކުށެއްގެ ސަބަބުން ކުރިމަތިވި މައްސަލަތަކުން ސަލާމަތްވުމަށް މުޅި ވަގުތު ހޭދަކުރަން ޖެހުމެވެ.

މިފަދަ ގިނަ މައްސަލަތަކަކީ އިންސާނާ އަމިއްލައަށް އުފައްދާ ކަންކަމެވެ. ހިތުގައި ބަދަލުހިފުމުގެ ރޫޙު އާލާކުރުމަކީ ހިތުގެ ހަމަޖެހުން ނަގާލާ ކަމެކެވެ. ބޭކާރު ދެބަސްވުންތަކަކީ އަގުހުރި ވަގުތުތައް ބޭކާރުކޮށްލާ ކަމެކެވެ. މި ހުރިހާ ކަމަކީވެސް ވިސްނުމަށް ބުރަވެ، ތިމާއަށް ލިބިފައިވާ އަގުހުރި ފުރުޞަތުތައް އަތުން ބީވެގެންދާ ކަންކަމެވެ. އެހެންކަމުން، ފިތުނަވެރިކަމާއި، ޣީބަބުނުމާއި، މީހުންގެ ހިތުގައި ޖެއްސުން ފަދަ ނޭދެވޭ ސިފަތަކުން ދުރުހެލިވާ މީހާއަށް، އަމިއްލައަށް އުފެއްދި ވަޅުގަނޑަކުން އަރަން މަސައްކަތް ކުރުމުގެ ބަދަލުގައި، ބޭނުންތެރި މުހިންމު ކަންކަމަށް ހުސްކުރާނެ ގިނަ ވަގުތު ލިބިގެންދާނެއެވެ.

 

- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން

މިއަދު އޮންލައިން