ޢާއިޝަތު ރަފާ ޢަލީ
އަޅުގަނޑުމެން ﷲ އަށް އަޅުކަން ކުރުމުން އެކަނި ފުދޭކަށް ނެތެވެ. ނަމަވެސް އެ އަޅުކަމުގެ ފޮނިކަން ލިބިގަނެ، އެ އަޅުކަމަކީ ހިތަށް އުފާވެރިކަން ލިބިދޭ ކަމަކަށް ހަދަންޖެހެއެވެ. އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟ މި ދެގޮތުގެ ދެމެދުގައި ވަރަށް ބޮޑު ތަފާތެއްވެއެވެ.
އެއް ބަޔަކު ވުޟޫކޮށް ނަމާދު ކުރަނީ، އެއީ އަދާކުރަންޖެހޭ ވާޖިބަކަށްވާތީއާއި، އެކަން ދޫކޮށްލުމުން ލިބިދާނެ އަދަބަކަށް ބިރުންނެވެ. އަދި އެއީ ފާފަތަކުގެ ބަދަލެއްގެ ގޮތުގައެވެ. ހަމައެފަދައިން ރަމަޟާން މަހު ރޯދަ ހިފަނީ ވެސް ހަމައެކަނި ވާޖިބެއް އަދާކުރުމުގެ ގޮތުންނެވެ. އެއްވެސް އުޒުރަކާ ނުލައި، އިންސާނާގެ ތަބީޢީ އެދުންތަކާ ދުރުވެ ހުންނަނީ ހަމައެކަނި އަމުރަކަށް ކިޔަމަންވުމުގެ ގޮތުންނެވެ.
ނަމަވެސް އަނެއް ބައި މީހުންގެ ކަންތައް ހުންނަނީ މިއާ މުޅިން ތަފާތު ގޮތަކަށެވެ. އޭނާ ވުޟޫ ކުރަނީ ﷲ ލޯބިވެވޮޑިގަންނަވާ ސާފުތާހިރުކަމެއްގެ މަތީގައި ހުރެވޭތީ އެކަމުގެ ހިތްހަމަޖެހުން ލިބިގަންނަ ހާލުގައެވެ. ވުޟޫގެ ފެންތިކިތަކާއެކު ގުނަވަންތަކުން ފާފަތައް ފައިބައިގެންދާކަމުގެ އިހުސާސް އޭނާ ކުރެއެވެ. ވުޟޫގެ ކޮންމެ ހަރަކާތަކުން އޭނާއަށް އުފާވެރިކަން ލިބެއެވެ.
ނަމާދަށް ތެދުވާއިރު، ﷲ ގެ ކުރިފުޅުމަތީގައި ހުއްޓި ހުރުމުގެ ޝައުޤުވެރިކަމާއި އުފާވެރިކަން އޭނާގެ ހިތުގައި އުތުރި އަރައެވެ. ނަމާދުގައި ކިޔަވާ އާޔަތްތަކާއި އިމާމް މީހާގެ ކިޔެވުމުގެ އަޑު އިވުމުން، ﷲ ގެ ވަޙީބަސްފުޅުތަކުގެ ތެރެއަށް އޭނާގެ ހިތް ޣަރަޤުވެގެންދެއެވެ. ރުކޫޢަށް ދާއިރު ﷲ ގެ މަތިވެރިކަން ބަޔާންކޮށް ތަސްބީޙަ ކިޔުމުގައި އޭނާއަށް ފޮނިކަން ލިބެއެވެ. އޭނާގެ ދުލުން ޙަމްދުޘަނާ ކިޔުމުގެ ކުރިން، އޭނާގެ ހިތް ﷲ އަށް ޙަމްދުކޮށް، އެކަލާނގެ މަތިވެރިކަން އިހުސާސް ކުރެއެވެ. އޭނާ ކުރާ ކޮންމެ އަޅުކަމަކީ ހިތުގެ ލައްޒަތަކަށް ވެގެންދެއެވެ.
މީހަކު ނަމާދުކޮށް، މާތް ﷲ ގެ ކަލާމްފުޅު ކިޔަވައި ނުވަތަ އިމާމް މީހާގެ ކިޔެވުން އަޑުއަހާއިރު، ދުނިޔޭގެ އެންމެހައި ކަންކަން ހަނދާން ނެތެއެވެ. ހަމައެކަނި އެކަލާނގެ މަތިވެރިކަމަށް ހިތް ހުސްވެގެންދެއެވެ. ރުކޫޢު ކުރާއިރު، އެކަލާނގެއަށް ތަސްބީޙަ ކިޔުމުގެ ފޮނިކަން އޭނާގެ ހިތަށް ލިބެއެވެ.
އަދި އޭނާގެ ދޫ ޙަރަކާތް ކުރުމުގެ ކުރިން، މާތް ﷲ އަށް ޙަމްދުސަނާ ދެންނެވުމަށްޓަކައި އޭނާގެ ހިތް އިސްވެ އިސްތިޖާބަދެއެވެ. އޭނާ ސަޖިދަޖަހާ ހިނދު، އެކަލާނގެއާ އެންމެ ކުއްތަންވެފައިވާ ކަމުގެ އިޙްސާސް ކުރެވެއެވެ. އެހިނދު އޭނާގެ ހިތުގެ ދުޢާތަކާއި، އޭނާގެ މަތިވެރި މަޤްޞަދުތަކާއި އުންމީދުތައް މާތް ﷲ ގެ ޙަޟްރަތަށް ހުށަހަޅައެވެ. އަދި ނުހަނު އަދަބުވެރިކަމާއި، އަޅުވެތިކަމާއި، މަޑުމޮޅިކަމާއެކު އެކަލާނގެއަށް ދަންނަވައެވެ. މިއީ އަޅުކަމުގެ ފޮނިކަމެވެ.
މި ފޮނިކަން ލިބިގަތުމަށްފަހު، ދިރިއުޅުމުގެ އެންމެހައި ނުތަނަވަސްކަމާއި ހިތާމަތައް ފިލައިގެންދެއެވެ. އޭނާގެ ދިރިއުޅުމުގައި ބަލިމަޑުކަމެއް، ނުވަތަ ހާދިސާއެއް، ނުވަތަ ކަންބޮޑުވުމެއް ނުވަތަ ހިތްދަތިކަމެއް ކުރިމަތިވި ކަމުގައިވިޔަސް، މާތް ﷲ އަށް އަޅުކަންކުރުމުން ލިބޭ އުފާވެރިކަން މާ ބޮޑެވެ. ދިރިއުޅުމުގެ މިފަދަ އިމްތިޙާނުތަކާއި މުޞީބާތްތަކަކީ ހަމައެކަނި ފާއިތުވެދާނެ ކަންތައްތަކެއް ކަމުގައި އޭނާ ދެކެއެވެ.
އެފަދަ މީހުންނަށް ދިރިއުޅުމުގައި ކިތަންމެ ބޮޑު ތަކުލީފެއް ކުރިމަތިވި ކަމުގައިވިޔަސް، އެއީ އެންމެ ހިތްހެޔޮ، ހަމަޖެހޭ މީހުން ކަމުގައި ތިޔަބައިމީހުންނަށް ފެންނާނެއެވެ. އޭނާގެ އަތުގައި ގިނަ ފައިސާތަކެއް ނެތިދާނެއެވެ. ފަގީރުކަން ފިލައި ނުދިޔަނަމަވެސް ނުވަތަ ދަރަނިތައް އަދާނުކުރެވި ހުރިނަމަވެސް، މާތް ﷲ އޭނާގެ ހިތްމަޑުކަމާއި، އުފާވެރިކަމާއި، ފުރިހަމަ އިތުބާރުން އޭނާގެ ހިތް ފުރިފައިވެއެވެ. މިއީ މާތް ﷲ އިޚްތިޔާރުކުރައްވާ އަޅުންނަށް ނޫނީ ނުލިބޭނެ ވަރަށް ޢަޖައިބުކުރުވަނިވި ނިޢުމަތެކެވެ.