ހަނދުމަކޮށްދިނުމެއް!: ހުކުރު ދުވަހު ލިބިގަނެވެން އޮތް އެންމެ ބޮޑު ފައިދާ ލިބިގަންނަން މަސައްކަތްކުރެވެނީ ވަރަށް މަދުމީހަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 21ސ
ހަނދުމަކޮށްދިނުމެއް!: ހުކުރު ދުވަހު ލިބިގަނެވެން އޮތް އެންމެ ބޮޑު ފައިދާ ލިބިގަންނަން މަސައްކަތްކުރެވެނީ ވަރަށް މަދުމީހަކަށް!

ކޮންމެ މީހަކަށްވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ އެމީހާގެ ބޭނުންތައް ފުދުމެވެ. މިޙަދީޘްފުޅުގައި އެވަނީ އެކަމަށް ހުރި ފުރުޞަތުތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑު ފުރުޞަތެކެވެ. ނަމަވެސް ސަމާލުކަން ދެވެނީ ވަރަށް މަދުމީހަކަށެވެ.  

ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަވަނީ:  

"إِنَّ فِي الْجُمُعَةِ لَسَاعَةً، لَا يُوَافِقُهَا مُسْلِمٌ، يَسْأَلُ اللهَ فِيهَا خَيْرًا، إِلَّا أَعْطَاهُ إِيَّاهُ"، قَالَ: وَهِيَ سَاعَةٌ خَفِيفَةٌ.

މާނައީ: "ހަމަކަށަވަރުން، ހުކުރު ދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުކޮޅާ ދިމާވެއްޖެ މުސްލިމަކު، މާތް ﷲ ގެ ޙަޟުރަތުން ހެޔޮ ކަމަކަށް އެދި ދުޢާކޮށްފިނަމަ، އޭނާ އެދޭކަމެއް ފުއްދަވައި ދެއްވާނެތެވެ." އަދި އެއީ ވަރަށް ކުޑަ ވަގުތުކޮޅެއް ކަމުގައިވެސް ޙަދީޘްކުރެއްވިއެވެ. 

ދުޢާ އިޖާބަ ކުރައްވާ ޚާއްޞަ ވަގުތުކޮޅަކީ ކޮން ވަގުތެއްކަމާމެދު ޢިލްމުވެރިންގެ މެދުގައި ތަފާތު ރައުޔުތައް އެބަހުއްޓެވެ. އޭގެ ތެރެއިން އެންމެ ޞައްޙަ ދެ ޤައުލެވެ.

ފުރަތަމައީ: އެވަގުތަކީ އިމާމު މީހާ މިންބަރަށް އަރައި އިށީނީއްސުރެ، ހުކުރު ނަމާދު ނިމެންދެން އޮންނަ ވަގުތެވެ. 

ރަސޫލު ﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ." "هِيَ مَا بَيْنَ أَنْ يَجْلِسَ الْإِمَامُ إِلَى أَنْ تُقْضَى الصَّلَاةُ " މާނައީ: "އެވަގުތަކީ އިމާމު މީހާ (މިންބަރުގައި) އިށީނީއްސުރެ، ހުކުރު ނަމާދު ނިމުމާ ދެމެދުގައިވާ ވަގުތެވެ." 

ނަމަވެސް، އެވަގުތު ހުކުރު ޚުޠުބާ އަޑުއެހުން ދޫކޮށްލައި ދުޢާ ކުރުމަށް މައުމޫމުން މަޝްޣޫލުވެގެން ނުވާނެއެވެ. އެހެނީ ޚުތުބާ ކިޔާވަގުތު ވާހަކަ ދައްކައި އެހެން ކަންކަން ކުރުން ވަނީ ނަހީކުރައްވާފައެވެ. ނަމަވެސް އިމާމު މީހާ ޚުޠުބާގައި ކުރާ ދުޢާއަށް އާމީންކިޔައި އެދުޢާގައި ބައިވެރިވެވިދާނެއެވެ. ދެ ޚުތުބާދޭތެރޭ ދުޢާކުރެވިދާނެ، އަދި ހުކުރު ނަމާދުގެ ސަޖިދައިގައި، އަދި ސަލާމް ދިނުމުގެ ކުރިން އައްތަޙިއްޔާތަށް ފަހުގައި ދުޢާކުރެވިދާނެއެވެ. 

ދެވަނަ ރައުޔަކީ: އެވަގުތަކީ ޢަޞްރު ނަމާދަށް ފަހުގައި އޮންނަ ވަގުތެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ހުކުރުދުވަހުގައި ބާރަ ‘ސާޢަތު’ވެއެވެ. މުސްލިމަކު ކަމަކަށް އެދި (ﷲ ތަޢާލާގެ ޙަޟްރަތުގައި ދަންނަވައިފިނަމަ) އެކަމެއް ދެއްވާނެ ވަގުތުކޮޅެއް އޭގެ ތެރޭގައި ވެއެވެ. ފަހެ ޢަޞުރު ފަހުން އެންމެ ފަހު ‘ސާޢަތު’ ގައި އެ ވަގުތު ހޯދުމަށް މަސައްކަތް ކުރާށެވެ.

އެހެންކަމުން ހުކުރު ދުވަހުގެ މަޣްރިބު ނަމާދުގެ ކުރިން އޮންނަ ވަގުތުގައި ދުޢާކޮށް ޒިކުރުކޮށް ހެދުމަކީ ވަރަށް ބޮޑަށް އެދެވިގެންވާކަމެއް، އެއީ އެދުވަހުގެ ދުޢާ އިޖާބަކުރެއްވޭ ވަގުތު ހޯދުމަށް އެދޭމީހާއަށް ވަރަށް މުހިންމު ވަގުތެކެވެ. 

މި ދެންނެވި ދެ ރައުޔުގައިވާ ފަދައިން، މި ދެ ސާޢަތުގައޮވެސް ދުޢާކުރުން މޮޅު އިތުރުވެގެންވެއެވެ. އަދި މި ދެ ސާޢަތަކީވެސް ދުޢާ އިޖާބަކުރެއްވުން ގާތް ސާޢަތުގެ ގޮތުގައި ބެލެވެއެވެ.  

- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން 

ޝަރަޙަ އަޑުއައްސަވާލައްވަން: 

 

މިއަދު އޮންލައިން