ތިމާވެސް ކައިވެނިކުރަން ބޭނުންވެގެން ހުއްޓައި އުޚުތަކަށް ކައިވެނިކުރެވި ރަނގަޅު ބައިވެރިއަކު ލިބިއްޖެނަމަ ގިނަ ބައަކު ޙަސަދަވެރިވެއެވެ. އުޚުތު އަހުރެން މާނަ މިކުރަނީ ހަމައެކަނި ރަޙިމުގެ ގުޅުމަކުން ނޫނެވެ. އެކުވެރިންނަކީވެސް އަދި އެންމެންނަކީވެސް އެއީ އަންހެނަކު ނަމަ އުޚުޠުންނެވެ.
ވިސްނާށެވެ! ތިބާ ހިނިތުންވެގެން ހުންނާތީ، ނުވަތަ ދުލުން ހެޔޮބަސްތައް ބުނާތީ ތިބާހުރީ ހިތުގައި ޙަސަދަލައިގެންކަން އުޚުތާއަށް ނުއެނގިދާނެއެވެ. ނަމަވެސް ތިބާގެ ހިތުގައިވާ ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ހިތުގައި ޙަސަދަލައިގެންހުރިނަމަ އެކަންވެސް ދެނެވޮޑިގެންވެއެވެ.
ހިތުގައި ޙަސަދަލައިގެންހުރިކަން އުޚުތާއަށް ނުއެނގޭތީ ތިބާއަށް ހެޔޮކޮށް ހިތައި ހަދިޔާވެސް ދީފާނެއެވެ. ނަމަވެސް އެކަން ﷲ ތަޢާލާ ދެނެވޮޑިގެންވާތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ.
ލޮބުވެތި އެކުވެރިންނޭވެ! އަނެކާއަށް ޙަސަދަވެރިވެގެން ހުރުމަކީ ތިމާއަށް ކައިވެނި ނުކުރެވިދާނެ، އެކަމަށް ހުރަސްތައް ކުރިމަތިވެދާނެ ކަމެކެވެ. އަދި ރަނގަޅު ބައިވެރިއަކު ނުލިބޭ ސަބަބަކަށްވެސް ވެދާނެއެވެ.
ވީމާ އަހުރެން އިލްތިމާސްމިކުރަނީ އުޚުތާއަށް ކައިވެނިކުރެވުމުން ނުވަތަ ރަނގަޅު ބައިވެރިއަކު ލިބުމުން ޙަސަދަވެރިނުވެ އެދެމަފިރިންނަށްޓަކައި ހެޔޮދުޢާކުރުމެވެ. އެދުޢާގެ ސަބަބުން ތިބާއަށް ކައިވެނިކުރެވި ހެޔޮލަފާ ރަނގަޅު ބައިވެރިއަކު ދެއްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން