ކުދިންނަށްޓަކާ ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ދަރިން ޖަމާއަތަށް ގެންދިއުމަށާ ނުގެންދެވޭ ޙާލަތުގަ ވަޤުތު ޖެހުމުން ގޭގަ ނަމާދުކުރުވުމަށް ދޭ ސަމާލުކަން އިތުރުކުރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ކުދިންނަށްޓަކާ ދެވޭނެ އެންމެ އަގުބޮޑު ހަދިޔާއަކީ ދަރިން ޖަމާއަތަށް ގެންދިއުމަށާ ނުގެންދެވޭ ޙާލަތުގަ ވަޤުތު ޖެހުމުން ގޭގަ ނަމާދުކުރުވުމަށް ދޭ ސަމާލުކަން އިތުރުކުރުން!

މިސްކިތުގެ ޖަމާޢަތަށް ޤަވާއިދުކޮށް ގެންދެވޭ ކުދިންގެ ފަރާތުން ފެންނަ ކަންކަމުން ހިތަށް އުފާވެރިކަން ލިބެއެވެ. ޢުމުރުން 7 އަހަރުނުވާއިރުވެސް ނަމާދުކުރާލެއް ފުރިހަމަކަމުންނެވެ. އެހެންކަމާއިއެކުވެސް ހިތާމައާއިއެކުވެސް ފާހަގަކުރަންޖެހެނީ އެކުދިންގެ ޢަދަދު މަދުކަމެވެ.  

މިސްކިތުގެ ޖަމާއަތަށް ގެންދަންޖެހޭ ކުދިން ގެންދެވޭނަމަ ކޮންމެ ނަމާދެއްގައިވެސް މަދުވެގެން  2، 3 ސަފު ކުދިން އެކަނިވެސް ފުރައިލެވޭހާ ކުދިން ކޮންމެ މިސްކިތެއްގެ ދާދި ގާތުގައިވެސް އުޅެއެވެ. ނަމަވެސް ފެންނަނީ 2،3 ކުދިންނެވެ. މިއީ ކޮންފަދަ ބޮޑު ދެރަކަމެއްތޯއެވެ؟  

ދަރިންނަށް ދެވޭ އަގުބޮޑު ހަދިޔާތަކާއި އެކުދިންނަށްޓަކައި ހޯދައިދެވޭ ތަނަވަސްކަމަށްވުރެ ކުއްޖާއަށް މުހިންމުވާނީ އަދި ފައިދާކުރާނީވެސް ކުއްޖާއަކީ ނަމާދުކުރާ ކުއްޖެއްގެ ގޮތުގައި ތަރުބިއްޔަތުކުރެވިގެންކަން ހުރިހާ ޢިލްމުވެރިންވެސް ފާހަގަކުރައްވައެވެ. 

ދަރިން ޤަވާއިދުން މިސްކިތަށް ގެންދާ ބެލެނިވެރިންގެ އަދަދު މަދުކަން ފާހަގަކުރަންޖެހެއެވެ. ކޮންމެ ދުވަހަކުވެސް ތިމާ ނަމާދުކުރުމަށާއި ދަރިންލައްވައި ނަމާދުކުރުވުމަށް މަސައްކަތްކުރަން ޖެހެއެވެ. އެއީ ބޮލުން ނައްޓައިލެވެން އޮތް ޒިންމާއެއް ނޫނެވެ. 

ހުރިހާ ޢިލްމްވެރިންހެން އެބޭފުޅުންގެ އަޑުފުޅަށް ލެއްވުނުހައި ބާރެއް ލައްވައި ގޮވާލައްވަނީ ކޮންމެ ޙާލެއްގައިވެސް ނަމާދުކުރުމަށެވެ. ފާފަކުރެވުނު ނަމަވެސް ނަމާދުކުރުމަށެވެ.  

ކޮންމެ މީހަކަށްވެސް ފާފަތައް ކުރެވޭނެއެވެ. ފާފަކުރެވުމުން މީހާ ސަލާމަތްކޮށްދޭނެ އައްޑަނައަކީ ނަމާދުކުރުމެވެ. ތިމާއާއި ތިމާގެ އަހުލުވެރިން ނަރަކައިން ސަލާމަތްކުރަން މަސައްކަތްކުރުމަކީ ﷲ ގެ އަމުރުފުޅެކެވެ. ވީމާ މިއީ އެންމެ ގިނައިން ދައްކަންޖެހޭ ވާހަކައެވެ.   

ސްކޫލްތަކުންނާއި އެކިއެކި ފަރާތްތަކުން ހިންގާ ކުޅިވަރުތައް ހިންގުމުގައި ސަމާށލުކަންދޭން އެބަޖެހެއެވެ. ދެނަމާދުދޭތެރޭގައާއި އަދި ޢިޝާނަމާދުގެ ޖަމާޢަތަށް ކުދިންނަށް ނުދެވޭނެ ގޮތަށް ކުޅިވަރުގެ ޙަރަކާތްތައް ކުރިއަށް ގެންދާތީ ގިނަބައަކު ކަންބޮޑުވެއެވެ. ނަމަވެސް ސޯ ނޫނީ މިސް ބުނީމާ އެކަން ނުކޮށްފިނަމަ ދަރިފުޅަށް އެކި ގޮތްގޮތުން ލިބޭ ގެއްލުން ބޮޑުވީމާ ސޯމެންނާއި މިސްތައް ބުނާހައި ގޮތަކަށް ކަންކަންކުރަން ޖެހެނީއެވެ.  

ކިތަންމެ ކުޑަނަމަވެސް ދެކޮޅަށް ބަހެއް ބުނެފިނަމަ އެބެލެނިވެރިއަކު ލިސްޓްކުރަނީ ހަރުކަށިފިކުރުގެ މީހެއްގެ ގޮތުގައެވެ. މިއީ ބެލެނިވެރިންނަށް އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. މަޑުކަށި ފިކުރުގެ މީހަކަށްވުމަށްޓަކައި މަޖުބޫރުވަނީ މަޑުންހުންނާށެވެ!  

ދުޢާއަކީ ހުރިހާ ކުދިންނަކީވެސް ނަމާދުކުރުމަށް ލޯބިޖެހި ނަމާދުކުރާ ކުދިން ކަމުގައި ލެއްވެވުމެވެ. އާމީން

 

- މިއަދުނޫސް

 

   

މިއަދު އޮންލައިން