ޢަލީ އިޙްޞާން ފިރާޤް
ފުރައުއްތަވުން:
ތާރީޚު ފޮތްތަކުގައި ބަޔާންވެފައިވާ ގޮތުގައި، عيسى عليه السّلام އުޑަށް އުފުއްލެވިއިރު މަރްޔަމުގެފާނު ދުނިޔޭގައި އިންނެވިއެވެ. އިސްލާމީ ތާރީޚު ދިރާސާ ކުރައްވާ ފަރާތްތަކަށް އެނގިވަޑައިގެންފައިވާނެ ފަދައިން، ނަޞާރާއިން عيسى عليه السّلام ކަމަށް ހީކޮށް ޞަލީބަށް އެރުވީ އެކަލޭގެފާނުގެ ސިފަޖައްސަވައިފައިވާ އެހެން މީހެކެވެ. އޭގެ ކުރީން އަރަހުށި މާތްﷲ ވަނީ عيسى عليه السّلام އެކަލާނގެ ޙަޟްރަތަށް އުފުއްލަވައިފައެވެ.
އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތުގައި ލިޔުއްވައިފައިވެއެވެ. އަލްޙާފިޡު އިބްނު އަސާކިރު، ޔަޙްޔާ ބުން ޙަބީބުގެ އަރިހުން ރިވާ ކުރައްވައިފައިވެއެވެ. އެމީހާ ޞަލީބަށް އެރުވުނުތާ ހަތްދުވަސްފަހުން މަރްޔަމުގެފާނު، ރަސްގެފާނުގެ އަރިހަށް ވަޑައިގެން އެކަލޭގެފާނާ ބެހޭ ގޮތުން ސުވާލުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ހަށިކޮޅު ޞަލީބުން ބާލައި ވަޅުލުމަށް އެދިވަޑައިގެންނެވިއެވެ. އެހެނީ އެބައިމީހުން ބުނަމުން ގެންދިޔައީ ޞަލީބަށް އެރުވިފައިވަނީ އެކަމަނާ ދަރިކަލުން عيسى عليه السّلام ކަމަށެވެ. ދެން އެބައިމީހުން މަރްޔަމުގެފާނު އެދިވަޑައިގެންނެވުމާ އެއްގޮތަށް އެހަށިގަނޑު ޞަލީބުން ބާލައި ވަޅުލައިފިއެވެ.
އޭގެ ފަހުން އެއްދުވަހަކު މަރްޔަމުގެފާނު، ޔަޙްޔާގެފާނުގެ މައިކަނބަލުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. [ކަމަނާ ޢީސާގެފާނުގެ ޤަބުރުފުޅަށް ޒިޔާރަތް ކުރައްވާކަށް ވަޑައެއް ނުގަންނަވާނަންތޯއެވެ؟] ދެން އޭގެ ދެކަނބަލުން ޤަބުރުސްތާނަށް ވަޑައިގެންނަވަނިކޮށް މަރްޔަމުގެފާނަށް އެތަނުގައި ފިރިހެނަކު ހުރިތަން ފެނިވަޑައިގެން ވިދާޅުވިއެވެ. [ކަމަނާ ފަރުދާ ނުކުރައްވާނަން ތޯއެވެ؟] ޔަޙްޔާގެފާނުގެ މައިކަނބަލުން ވިދާޅުވިއެވެ. [ފަރުދާ ކުރަންވީ ކާކަށް ހެއްޔެވެ؟] މަރްޔަމުގެފާނު ވިދާޅުވިއެވެ. [އެތާ އެހުރި މީހާއަށެވެ.] ޔަޙްޔާގެފާނުގެ މައިކަނބަލުން ވިދާޅުވިއެވެ. [އަޅުގަނޑަކަށް އެތަނުން އެއްވެސް މީހަކު ނުފެނެއެވެ.]
ދެން މަރްޔަމުގެފާނަށް އެއީ ޖިބްރީލުގެފާނުކަން އެނގިވަޑައިގަތެވެ. ޔަޙްޔާގެފާނުގެ މައިކަނބަލުން މަހާނައާ ތަންކޮޅެއް ދުރުގައި މަޑުކޮށްލުމުން، މަރްޔަމުގެފާނު މަހާނަ ކައިރިއަށް ވަޑައިގަތެވެ. އެވަގުތު ޖިބްރީލުގެފާނު ވިދާޅުވިއެވެ. [އޭ މަރްޔަމެވެ. ކަމަނާ ތިޔަވަޑައިގަންނަވަނީ ކޮންތާކަށްތޯއެވެ؟] މަރްޔަމުގެފާނު ވިދާޅުވިއެވެ. [ތިމަންކަމަނާ މިދަނީ މަޞީޙުއަށް ޒިޔާރަތްކޮށް އެކަލޭގެފާނަށް ސަލާމް ދެންނެވުމަށެވެ.] ޖިބްރީލުގެފާނު ވިދާޅުވިއެވެ. [މިއީ މަޞީޙުގެފާނުގެ ޤަބުރެއް ނޫނެނެވެ. މާތްﷲ އެކަލޭގެފާނު ކާފިރުންގެ ކިބައިން ސަލާމަތްކުރައްވަވައި އުޑަށް އުފުއްލެވީއެވެ. މިއީ އެކަލޭގެފާނުގެ ސިފަޖެއްސެވި ޒުވާނާއެވެ. އެބައިމީހުން އެކަލޭގެފާނު ކަމަށް ހީކޮށް އެޒުވާނާ ޤަތުލުކޮށް ޞަލީބަށް އެރުވީއެވެ. އެޒުވާނާގެ ގޭގެ އަޙްލުވެރިން އޭނާ ގެއްލިގެން އެބަ ހިތާމަކޮށް ހަދައެވެ. ކަމަނާ މަސީޙުއާ ބައްދަލުކުރައްވަން ބޭނުންފުޅުކަމުގައިވާނަމަ، الغيضة އަށް ވަޑައިގަންނަވާށެވެ.]
ދެން މަރްޔަމުގެފާނު، ޔަޙްޔާގެފާނުގެ މައިކަނބަލުންގެ އަރިހަށް ވަޑައިގެން މިވާހަކަތައް ވިދާޅުވެ ދެއްވިއެވެ. އެއަށްފަހު ޖިބްރީލުގެފާނު ވިދާޅުވި ދުވަހު الغيضة އަށް ވަޑައިގެންނެވުމުން عيسى عليه السّلام އާ މަރްޔަމުގެފާނާ ބައްދަލުވެވަޑައިގަތެވެ. މަރްޔަމުގެފާނަށް ދަރިކަލުން ފެނިވަޑައިގެން އަވަސްއަވަހަށް ވަޑައިގެން ދަރިކަލުންގެ ގައިކޮޅުގައި ބޮސްދެއްވައި، އެކަލޭގެފާނަށް ހެޔޮ ދުޢާކޮށް ހެއްދެވިއެވެ. عيسى عليه السّلام އެކަލޭގެފާނުގެ މައިކަނބަލުންނާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ.
[ޤައުމުގެ މީސްތަކުނަށް އަޅުގަނޑު ޤަތުލެއް ނުކުރެވުނެވެ. އެކަލާނގެ ޙަޟްރަތަށް އަޅުގަނޑު އުފުއްލެވީއެވެ. އެކަލާނގެ އަޅުގަނޑު މަންމާފުޅާ ބައްދަލުކުރުމުގެ އިޒްނަދެއްވިއެވެ. މަންމާފުޅާއެވެ. މަރު ދާދި އަވަހަށް މަންމާފުޅާ ބައްދަލުކުރައްވާނެއެވެ. ކެތްތެރިވެވަޑައިގަންނަވާށެވެ. ގިނަގިނައި މާތްﷲ ހަނދުމަފުޅުކުރައްވައި ޒިކުރު ކުރައްވާށެވެ.]
އޭގެ ފަހަކުން މަރްޔަމުގެފާނާ عيسى عليه السّلام ބައްދަލުވެވަޑައެއް ނުގަންނަވައެވެ. عيسى عليه السّلام އަށްފަހު މަރްޔަމުގެފާނު ދުނިޔޭގައި އިންނެވީ ފަސް އަހަރު ދުވަސްވަންދެނެވެ. އެކަމަނާ ފުރައުއްތަވިއިރު ޢުމުރުފުޅަކީ 53 އަހަރުފުޅެވެ. {އިބްނު ކަޘީރު، އަލްބިދާޔަތު ވައްނިހާޔަތު، ދެވަނަ ޖިލްދު، ޞަފްޙާ 514-515}