ކޮންމެ ރަމަޟާން ަމހަކުވެސް 30 ނުވަތަ 29 ރޯދަ ހިފަމުއެވެ. ވިދިވިދިގެން 30 ރޯދަ
ހިފުމުންވެސް ގިނަ ބައަކަށް މާބޮޑު ތަކްލީފެއް ނުޖެހެއެވެ. އެއީ ﷲ ގެ ރަހްމަތެވެ. ރަމަޟާން މަހު ރޯދަހިފި ފަދައިން ސުންނަތް ރޯދަތައްވެސް ހިފަން މަސައްކަތްކުރާށެވެ!
ހޯމަ ބުރާސްފަތީގައި ނުވަތަ މަހުގެ މެދުފޮއި 3 ދުވަހު ރޯދަހިފަން ގަދައަޅައި މަސައްކަތްކުރާށެވެ. ހިތްވަރުހުރިނަމަ ހޯމަ ބުރާސްފަތީގައާއި 13،14، 15 ގައިވެސް ރޯދަހިފާށެވެ. ދެބައި ކުރިއަށް ނުގެންދެވޭނެނަމަ އެއްބައި ނަމަވެސް ކުރިއަށް ގެންދާށެވެ. އެއީ ނަރަކައާއި ތިމާ ދުރުކުރައްވަވާނެ ޢަމަލެކެވެ. ކޮންމެ ރޯދައަކަށް 70 އަހަރުގެ ރާސްތާއަށެވެ. އަދި ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބި ސުވަރުގެ ވައްދަވާނެވެސް ޢަމަލެކެވެ. ޢަމަލުތަކުގެ ތެރެއިން އިމެއްނެތި ޘަވާބު ދެއްވަވާ ޢަމަލެކެވެ.
ހަމަ އެއާއިއެކު ޤަޟާކުރަންޖެހޭ ރޯދަ ހުރިނަމަ ދަރަނި އަދާކުރަންވެސް އަވަސްވެގަންނާށެވެ! ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތަކުގައި 2 ޘަވާބަށް އެދިގެން (ޤަޟާ ރޯދަހިފުމާއި ސުންނަތް ދުވަހަކު ރޯދަހިފިކަމުގެ ޘަވާބު) އެދިގެން ރޯދަހިފީމާ ދެ ޘަވާބުވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ
ސުންނަތް ރޯދަހިފިނަމަވެސް ރޯދަ ވީއްލުމަށްފަހު އަޅުކަމަށް ސަމާލުކަންދޭށެވެ! މަޣްރިބް ނަމާދާއި ސުންނަތްކޮށް ޤުރްއާން ކިޔަވާލަން ހިދުކޮޅަކު މަޑުކޮށްލާށެވެ! އަޅުކަމާ ދުރުގަ ހޭދަކުރި ވަގުތާ ގެއްލޭ ފުރުޞަތު އަނބުރައެއް ނުލިބޭނެއެވެ!
ރޯދަހިފޭނީވެސް އެހެން އަޅުކަންކުރެވޭނީވެސް ގޭތެރޭގެ މައްސަލަތަކުން ސިކުނޑި ސަލާމަތްކުރެވިގެންނެވެ. ރަމަޟާން މަހުގައިވެސް ޢަމަލުކުރިފަދައިން ރަމަޟާން މަހަށް ފަހުގައިވެސް ދެމަފިރިން އެކަކު އަނެކަކަށް މާފުކޮށް ލޯބިން ދިރިއުޅުމަށް އިސްކަންދޭށެވެ!
ރަމަޟާން މަހުން ޙާޞިލްކުރަންޖެހޭ އެންމެ ބޮޑު އެއް ފިލާވަޅަކީ އެއީއެވެ. އުފާވެރި ދިރިއުޅުމެއް އުޅުމެވެ. އަޅުކަންކުރުމުގައި އެކަކު އަނެކަކަށް ވާގިވެރިވުމެވެ. އެކަންކަމުގައި ދެމިތިބެން ދެމަފިރިންވެސް ގަދައަޅައި މަސައްކަތްކުރާށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން