އަބަދުވެސް އަހުރެން ބުނާ އެއްވާހަކައަކީ ކޮންމެ ކަމެއް ކުރަންވެސް ތަރުތީބެއް އޮވެއެވެ. ފައިދާކުރާނީ އެކަމެއް ކުރަން އޮންނަ ތަރުތީބުން އެކަމެއް ކުރުމުންނެވެ. އެހެންވެ ވިސްނައިލާށެވެ! ފުރާނައަށް ނުރައްކާވާފަދަ އިމަރޖެންސީއެއް ނެތަނަމަ ޑޮކްޓަރުން ބޭސްދޭނީ ޓެސްޓްތައް ހަދައިފައެވެ. ނަމާދުކުރަން އޮތީ ހިނައި ޠޯހިރުވެ ވުޟޫކޮށްގެންނެވެ. ބަންގި ގޮވުމުން ނަމާދަށް އަވަސްވެގަންނަން ޖެހެއެވެ. އެކަމަކު އިމާމްމީހާ ޤަނަތްދިނަސް ނަމާދުކުރެވޭނީ ވުޟޫކޮސްގެންނެވެ. ނޫންނަމަ ނަމާދުކުރިޔަސް ކުރާނެ ފައިދާއެއް ނެތެވެ.
މިފަދަ ކޮންމެ ކަމަކުންވެސް މިއެނގެނީ ކޮންމެ ކަމަކުން ނަމަވެސް ފައިދާކުރާނީ އެކަމެއް އޮތް ތަރުތީބުން ކުރުމުން ކަމެވެ. ދެން މިބަލައިލަނީ އެސްފީނާއާ ސިޙުރާ، މީހަކު ދީފާނެ ގެއްލުންތަކުންނާ މިފަދަ ހުރިހާ ކަމަކުން ތިމާއާ އަނބިދަރިންނަށް ރައްކައުތެރިކަން ލިބިގަންނަން ފުރަތަމަކުރަންޖެހޭ ކަންތަކުގެ މައްޗަށެވެ.
މީހަކު ދީފާނެ ގެއްލުމަކަށް ބިރުން ރައްކައުތެރިކަން ހޯދަން އެންމެންވެސް މަސައްކަތްކުރެއެވެ. އެއްބައަކު ހަށިފާރަވެރިން ގެންގުޅެއެވެ. އަނެއްބައަކު ސިހުރު ފަންޑިތަހަދާ މީހުންގެ ގާތަށް ދެއެވެ. ގޭގައި ވޮޗަރުން ބައިތިއްބައެވެ. އެންމެންވެސް ގެދޮރު ތަޅުލައި ރައްކައުތެރިކަން ލިބިގަނެއެވެ. އެމީހަކަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރެއެވެ.
އަހަރެންގެ ސުވާލަކީ ސިހުރާއި، އެސްފީނާ އާއި އަދި މީހަކު ދީފާނެ ގެއްލުމަކުން ސަލާމަތްވާން މިފަދަ ހުރިހާ ކަންކަންކުރާއިރު، ތިމާއާއި އަނބިދަރިންނާއި ގެދޮރާއި މުދައު ރައްކައުތެރިކުރަން ފުރަތަމަ ކުރަންޖެހޭ ކަންކަން ކުރެވޭބާވައެވެ! އަހުރެންނަށް ބޮޑަށް ޤަބޫލުކުރެވެނީ އެކަންކުރުމުގައި ގިނަ ބައަކު ވަރަށް ބޮޑަށް އިހްމާލްވާކަމަށެވެ.
ހަމަ ކޮންމެ މުސްލިމަކަށްވެސް އެނގޭނެއެވެ. އަދި ޔަޤީންވެސް ކުރެވޭނެއެވެ. ކޮންމެ ކަމަކުންވެސް ރައްކައުތެރިކަން ލިބުންވަނީ ﷲ ތަޢާލާ ރައްކައުންތެރިކަން ދެއްވެވުމުންނެވެ. މިއީ އެއްވެސް މުސްލިމަކު ދެބަސްވާނެ ކަމެއް ނޫނެވެ.
އެހެންކަމަށްވާއިރު ރައްކައުތެރިކަން ހޯދަން ހެނދުނާއި ހަވީރު ކިޔަންހުރި ޛިކްރްތައް ކިޔަމުހެއްޔެވެ؟ ގެއިން ނުކުންނައިރުގައާއި އެނބުރި ވަންނައިރު ކިޔަންޖެހޭ ޛިކްރްތައް ކިޔަމުހެއްޔެވެ؟ ކިޔާނަމަ އެކަން އެމީހަކަށް އެނގޭނެއެވެ. އަހަރެން އެކަމާ އިތުރަށް ސުވާލުކުރާކަށް ނެތީމެވެ.
ކޮންމެއަކަސް އަހަރެން ބުނެލަން ބޭނުންވަނީ ނުވަތަ ކޮށްލަންބޭނުންވާ ސުވާލަކީ ކުރިން ބުނިފަދައިން މީހަކު ދީފާނެ ގެއްލުމަކުން ނުވަތަ ސިހުރާއި އެސްފީނާއިން ސަލާމަތްވާން ކުރަން ތިމާއަށް ﷲ ތަޢާލާ އަނގަވާފައިވާ ކަންކަން ނުކޮށް ހަށިފާރަވެރިންނާއި ވޮޗަރުން ބެއިތިއްބުމުން ނުވަތަ ސިހުރުވެރިންގެ ގާތަށް ދިއުމުން ހޯދޭނީ ކޮން ރައްކައުތެރިކަމެއް ހެއްޔެވެ؟
ވީމާ އެންމެންވެސް މިކަމަށް ވިސްނައި ސަމާލުކަންދޭށެވެ. ކޮންމެ މީހަކަށް ގެއްލުން ދޭންވެސް ކޮންމެވެސް ބައަކު އަބަދުވެސް މަސައްކަތްކުރާނެއެވެ. މީހަކު މަސައްކަތް ނުކުރިނަމަވެސް ހަމަ ގައިމުވެސް ޝައިޠޯނާ، އޭތީގެ މަސައްކަތްހުއްޓައެއް ނުލާނެއެވެ. ވީމާ އެކަންކަމުން ސަލާމަތްވެ ހުންނަން އެދޭމީހާ ކޮންމެ ދުވަހަކުވެސް ހެނދުނާއި ހަވީރުގެ ޛިކްރްތައް ކިޔަމުން ގެންދާށެވެ. ގެއިން ނުކުންނަމުންނާއި އެނބުރިވަންނަމުންވެސް ޛިކްރްތައް ކިޔާށެވެ.
ޔަޤީންވާ ކަމަކީ އެމީހަކަށް ﷲ ތަޢާލާ ރައްކައުތެރިކަން ދެއްވަވައިފި އެއްވެސް މީހަކަށް ކިތަންމެ ކުޑަނަމަވެސް ގެއްލުމެއް ދެވޭނެ ހަމައެކަކުވެސް ނުހުންނާނެ ކަމެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން