އަޅުގަނޑު ކައިވެނީކުރީ އިސްތިޚާރާކޮށްފައެވެ.
އެކަމަކު އަހަރުވެސް ނުވަނީސް ކައިވެނި ރޫޅިއްޖެއެވެ. އެކަނިވެއްޖެއެވެ. އެއީ ކީއްވެގެންތޯ؟
މިއީ އެކި ޢިބާރާތުން ގިނަ ބައަކު ކުރަމުން ގެންދާ ސުވާލަކަށްވާތީ މިގެނެސްދެނީ ޖަވާބު ލިބިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ
އެކަމަކީ ކުޑަކުޑަ ކަމެއްގެ ގޮތުގައި ބައެއް މީހުންނަށް ވިސްނުނަސް އިންސާނެއްގެ ދިރިއުޅުމަށް އެންމެ މުހިންމު އެއްކަމަކީ ކައިވެންޏެވެ. އަންތބެކޭވެސް ފިރިއެކޭވެސް ނުބުނާނަމެވެ. އަހުރެން ބުނާނި ދިރިއުޅުން ކާމިޔާބުކޮށް އުފާވެރިކޮށްދޭ އެންމެ ބޮޑުބާރަކީ ރަނގަޅު ހެޔޮލަފާ ބައިވެރިއަކު ލިބުން ކަމަށެވެ. ހެޔޮލަފާ ބައިވެރިއަކު ލިބުމުން އެއީ ދީނުގެ އެއްބައި ފުރިހަމަވީކަމަށް އޮތީ އެސަބަބަށްޓަކައެވެ.
ވީމާ ކުރަން އެންމެ މުހިންމު އަދި އެންމެ ބޮޑަށް ގަދައަޅައި މަސައްކަތްކުރަންވީ ކައިވެނި ކާމިޔާބުކުރުމަށެވެ.
އިސްތިޚާރާ ނަމާދު:
އިސްތިޚާރާ ނަމާދަކީ އަމިއްލައަށް ގޮތް ނިންމަން އުނދަގޫވާ ކަންކަމުގައި ރަނގަޅު ގޮތް ފަހުމްކޮށްދެއްވެވެވުން އެދިގެން ކުރާ ނަމާދެކެވެ. އަލަށް ކަމެއްކުރަން ފަށަންއުޅޭއިރު ކުރަން މިފެށެނީ ތިމާއަށް ފައިދާހުރި ކަމެއްކަން ފަހުމްކުރައްވަވައިދެއްވެވުން އެދިގެންވެސް އޮތީ އިސްތިޚާރާ ނަމާދުކުރުމެވެ.
ބައެއް މީހުން ލޯބިވެގެން އެތައް ދުވަހަކު އެކުގައި އުޅެފައި ކައިވެނިކުރަންވުމުން އިސްތީޚާރާ ނަމާދުކުރެއެވެ. ނަމަވެސް ރަނގަޅުގޮތަކީ އެމީހަކާއި ގުޅެން ނިންމުމުގެ ކުރިން، ނުވަތަ ޙަޔާތުގެ ބައިވެރިއަކަށް އެމީހާ ކަނޑައެޅުމުގެ ކުރިން އިސްތިޚާރާ ނަމާދުކުރުމެވެ.
އިސްތިޚާރާނަމާދުކޮށްގެން ކުރާ ކައިވެނި ރޫޅުމުން
ބައެއް މީހުން ޝަކުވާކުރެއެވެ. އެކަން އެގޮތަށް މެދުވެރިވާ ސަބަބަކީ ތިބާއަށް އެންމެ ރަނގަޅު ބައިވެރިޔާ ލިބުން އޮތީ 2 ވަނަ ކައިވެނީގައިކަމަށްވާނަމަ ފުރަތަމަ ކައިވެނިކުރަން ކުރާ އިސްތިޚާރާގައި މިބަޔާންކުރި ގޮތް މެދުވެރިވެދާނެއެވެ. އެއީ ތިބާއަށް އުފަލުގައި އެކުގައި އުޅެވޭނެ ބައިވެރިޔާ 2 ވަނަ ކައިވެނިން ލިބެން އޮތުމުންނެވެ.
މީގެ އިތުރުން އިސްތިޚާރާ ކުރުމުން ލިބޭ ވިސްނުން ދެނެގަންނަން ނުއެނގުމުގެ މައްސަލަވެސް ކުރިމަތިވެއެވެ. އެހެންވީނަމަވެސް އިސްތިޚާރާ ނަމާދުކުރަންޖެހޭ ކަންކަމުގައި އިސްތިޚާރާ ނަމާދުކުރަންވާނެއެވެ. ދެން އޮތްބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!
--މުފްތީ މެންކުގެ ދަރުސަކުން