ޒުވާބުކޮށް ތަޅާފޮޅަމުން ދަރިންނަޓަކާ ދެމަފިރިން އެކުގަ އުޅުމުން ދަރިންނަށް ކުރާނެ ފައިދާއަށްވުރެ ދެވޭ ގެއްލުން މާބޮޑުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ޒުވާބުކޮށް ތަޅާފޮޅަމުން ދަރިންނަޓަކާ ދެމަފިރިން
އެކުގަ އުޅުމުން ދަރިންނަށް ކުރާނެ ފައިދާއަށްވުރެ ދެވޭ ގެއްލުން މާބޮޑުވާނެ!

 

ދަރިންދެކެލޯބިން ދަރިންނަށްޓަކާ ކަމެއްކޮށްދޭނަމަ ކުރަން އޮތް ފުރަތަމަކަމަކީ ދެމަފިރިން ލޯބިން އެކުގައި އުޅުމެވެ. އެމަންޒަރު ދަރިންނަށް ދެއްކުމެވެ. މަންމަ ޢާއި ބައްޕަ އެކުގައި އުޅެނީ ލޯބިންކަމުގެ ޔަޤީންކަން ދަރިންނަށް ލިބޭނެ ގޮތަށް އުޅުމެވެ.   

ދެން އަހަރެން ޖަވާބު މިދެނީ އަހަރެންނާއި ކޮށްފައިވާ ސުވާލަކަށެވެ. ސުވާލަކީ ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިނުވިނަމަވެސް އަބަދު ޒުވާބުކޮށް ތަޅާފޮޅަމުންވެސް ދަރިން ތިބިނަމަ ރަނގަޅު ގޮތަކީ ދަރިންނަށްޓަކައި ދެމަފިރިން އެކުގައި އުޅުންހެއްޔެވެ؟

ސުވާލަށް ޖަވާބު މިދެނީ އަހަރެންގެ އަމިއްލަ ވިސްނުމުންނެވެ. ޖަވާބަކީ، ދެމަފިރިން، ކޮންމެ ދުވަހަކު އެކަކު އަނެކަކަށް ނުބައި ބަސްތައް ބުނަމުން، ޒުވާބުކުރަމުން، ތަޅާފޮޅަމުން އެމަންޒަރު ދަރިންނަށް ދައްކަމުން، ދަރިން ތިބިކަމަށްޓަކައި ދެމަފިރިން އެކުގައި ދިރިއުޅުމަކީ ދަރިންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ.

އެހެނީ އެއިރުން ދަރިން އަބަދުވެސް ތިބޭނީ ހާސްވެ ކަންބޮޑުވެފައެވެ. ހިތްހަމަނުޖެހިފައެވެ. އެދަރިންނަށް ދަސްވާނީ އެކަންކަމެވެ. ނަތީޖާއަކަށްވާނީ ދަރިން ބޮޑެތިވެ ކައިވެނިކުރުމަށްފަހު އެކުދިންނަށް މައިންބަފައިންގެ ކިބައިން ދަސްވެފައިވާ ގޮތަށް އެކުދިންގެ ބައިވެރިޔާ އާއިމެދު ކަންކަންކުރަމުން ގެންދިއުމެވެ.

އެއްވެސް ޙާލެއްގައި މިބުނަނީ ކަމެއް ދިމާވާއިރަށް ދެމަފިރިން ދުރުވާކަށް ނޫނެވެ. ކަންކަން ދިމާވާނެއެވެ. އޮތީ އެކަންކަން ޙައްލުކުރަން މަސައްކަތްކުރުމެވެ. ޙައްލުކުރަން ކުރެވެންހުރި ކަންކަން ކުރުމުންވެސް ޙައްލުނުކުރެވޭނަމަ އޮތީ ޞުލްޙައިގައި ދެމީހުން ވަކިވުމެވެ. ﷲ ތަޢާލާ އަންގަވާފައިވަނީވެސް އެގޮތެވެ. އެއިރުން ދެމީހުންނަށްވެސް ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ.  

ދެން ބުނެލަން އޮތީ ދެމަފިރިންގެ މެދުގައި މައްސަލަތައް ގިނަވެ، އެކުގައި ދިރިނުއުޅެވޭ ޙާލަތަށް ކަންކަން ދިއުމުންވެސް ދަރިންނަށްޓަކައި އެކުގައި އުޅެންޖެހޭނެކަން ބަޔާންކުރާ އެއްވެސް އާޔަތެއްވެސް އަދި ޙަދީޘްފުޅެއްވެސް އަހަރެން ނުދެކެމެވެ.

ދެން އޮތީ ދެމަފިރިން ރީތިގޮތުގައި ދުރުވުމަށްފަހު ދަރިންގެ މައްސަލައެވެ. ދެމަފިރިން އެކުގައި ދިރިއުޅުނުނަމަވެސް އަދި ވަކިން ދިރިއުޅުނު ނަމަވެސް ދަރިންގެ މަސްއޫލިއްޔަތަކަށް އެއްވެސް ބަދަލެއް ނައުދެއެވެ. ދެމަފިރިންނަށްވެސް އޮތީ އެމީހެއްގެ ވާޖިބުތައް އަދާކުރުމެވެ. ވަކިން ދިރިއުޅޭނަމަ މަސްއޫލިއްޔަތު އެންމެ ރަނގަޅުގޮތުގައި އަދާކުރަންދޭ ސަމާލުކަން އިތުރުކުރަންވާނެއެވެ.  

-މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން