ޚުޠުބާ: ﷲ ގެ ޙަޟްރަތުގަ އެންމެ ލޮބިވެތިކަން ބޮޑު 10 ދުވަހާ ބައްދަލުކުރަން އަވަހަށް ތައުބާވާށެވެ! އެދުވަސްތަކުގަ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ!

މިއަދު
ކިޔުމަށް ހޭދަވާނީ 9މ 58ސ
ޚުޠުބާ: ﷲ ގެ ޙަޟްރަތުގަ އެންމެ ލޮބިވެތިކަން ބޮޑު 10 ދުވަހާ ބައްދަލުކުރަން އަވަހަށް ތައުބާވާށެވެ! އެދުވަސްތަކުގަ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރާށެވެ!

މުސްލިމް އަޚުންނޭވެ! މާތް ﷲގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރުތަކަކީ ޙުރުމަތްތެރިވެގެންވާ މައްސަރުތަކެވެ. އެއީ ރަޖަބު މަހާއި، ޛުލްޤައިދާ މަހާއި، ޛުލްޙިއްޖާ މަހާއި އަދި މުޙައްރަމު މަހެވެ. އޭގެ ތެރެއިން ވެސް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މައްސަރަކީ ޙައްޖު މަހެވެ. ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އެ މަހުގެ އެންމެ މާތް ދުވަސްތަކެވެ. ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. މި ކަން ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﮋﭑ * ﭓﭔﮊ[1]  މާނައީ: "ފަތިސް ގަންދެއްވަމެވެ. އަދި ދިހަ ރޭ ގަންދެއްވަމެވެ." عَبْدُ اللهِ بْنُ عَبَّاس رَضِيَ اللّٰهُ عَنْهُمَا  ވިދާޅުވެފައިވަނީ މި އާޔަތުގައިވާ ދިހަ ރޭގެ މުރާދަކީ ޙައްޖު މަހުގެ ފުރަތަމަ ދިހަ ރެއެވެ. މި ދިހަ ދުވަހުގެ މާތްކަން ބަޔާންކޮށްދެއްވައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ أَيَّامٍ أَفْضَلُ عِنْدَ اللهِ مِنْ أَيَّامِ عَشْرِ ذِي الْـحِجَّةِ)[2] މާނައީ: "ﷲގެ ހަޟުރަތުގައި، ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަށް ވުރެ މާތްކަން ބޮޑުވެގެންވާ އެހެން އެއްވެސް ދުވަސްތަކެއް ނުވެއެވެ." 

މުސްލިމް އަޚުންނޭވެ! އަހަރެމެންގެ ކުރު މި ޙަޔާތުގައި، ހެއު ކަމުގެ މާތް މޫސުންތައް، ގިނަގުނަ ދަރުމަޔާއި ޘަވާބުލިބޭނޭ ގޮތަށް، ތަކުރާރުވާ ގޮތެއްގައި މާތް الله ލައްވައިފައިވުމީ، އެކަލާނގެ އޯގާވަންތަކަމާއި ރަޙުމަތްވަންތަކަމުގެ ބޮޑުކަން ހާމަވާ ކަމެކެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދާންތައް ފިލައިނުދަނީސް އަހަރެމެންނާ ކުރިމަތިވަމުން މި އަންނަނީ ދުނިޔެއަށް އަންނާނޭ އެންމެ މާތް ދުވަސްތަކެވެ. ހެއު ޢަމަލުކުރުމަށް މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ ދުވަސްތަކެވެ. ރަސޫލާ z ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ أَيَّامِ نِالْعَمَلُ الصَّالِحُ فِيْهَا أَحَبُّ إِلَى اللّٰهِ مِنْ هَـٰذِهِ الْأَيَّامِ) يَعْنِيْ أَيَّامَ الْعَشْرِ، قَالُوْا: يَا رَسُوْلَ اللّٰهِ، وَلَا الْـجِهَادُ فِيْ سَبِيْلِ اللّٰهِ؟ قَالَ: (وَلَا الْـجِهَادُ فِيْ سَبِيْلِ اللّٰهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ، فَلَمْ يَرْجِعْ مِنْ ذَ ٰلِكَ بِشَيْءٍ)[3] މާނައީ: "މި ދިހަ ދުވަހަށްވުރެ، ﷲ ގެ ޙަޟްރަތުގައި ޞާލިޙު ޢަމަލު ކުރުމަށް ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ." އަޞްޙާބުބޭކަލުން ދެންނެވިއެވެ. ﷲގެ ރަސޫލާއެވެ! ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް ބޮޑަށްތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މާތް ﷲގެ މަގުގައި ޖިހާދުކުރުމަށް ވުރެ ވެސް މެއެވެ. ޖިހާދުކުރުމަށް ޓަކައި އޭނާގެ ނަފުސާއި މުދާ ހިފައިގެން ނުކުމެ، އެއިން އެއްވެސް އެއްޗަކާއިގެން އެނބުރި ނައި މީހާ ފިޔަވައެވެ."

 

މުސްލިމް އަޚުންނޭވެ! މި ދުވަސްތަކަކީ ދުނިޔެއަށް އަންނަ އެންމެ ހެޔޮ ދުވަސްތަކަށް ވުމުގެ ސަބަބެއް ކަމުގައި ޢިލްމުވެރީން ބަޔާންކުރައްވަނީ، އެންމެ މަތިވެރި ހެއު ޢަމަލުތައް މި ދުވަސްތަކުގައި ޖަމާވާތީއެވެ. ނަމާދާއި ރޯދައާއި ޞަދަޤާތާއި ޙައްޖުގެ މަތިވެރި އަޅުކަން ޖަމާވާތީއެވެ. އެހެންކަމުން މި ދުވަސްތަކުގެ ބޭނުން ހެއު ގޮތުގައި ހިފުމަށްޓަކައި ހެއު ޢަމަލުކުރުމަށް އަވަސްވާށެވެ! 

މުސްލިމް އަޚުންނޭވެ! އެންމެ ފުރަތަމަ ކަމަކަށް ތެދުވެރި އިޚުލާޞްތެރި ތައުބާއަކުން ތައުބާވެ މި ދުވަސްތައް ފަށާށެވެ! ތައުބާވާ އަޅުންދެކެ މާތް ﷲ ލޯބިވެ ވޮޑިގަންނަވައެވެ. އަދި ތައުބާވުމަކީ އެންމެ ގިނައިން ކީރިތި ޤުރްއާނުގައި ގޮވައިލައްވައިފައިވާ އެއް ކަންތަކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---މާނައީ: "އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲއަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަޞީބުލިބުމަށް ޓަކައެވެ." މި ދުވަސްތަކުގައި ކުރެވޭން އޮތް އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި ރޯދަހިފުން ހިމެނެއެވެ. ޚާއްޞަކޮށް ޙައްޖު މަހުގެ ނުވަވަނަ ދުވަހުގެ ރޯދައިގެ ދަރުމައާއި ޘަވާބު މަތިވެރިވެގެން ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްބަސްފުޅުގައި ވަނީ އެ ދުވަހުގެ ރޯދައަކީ ވޭތުވެދިޔަ އަހަރާއި އަންނާން އޮތް އަހަރުގެ ފާފަތައް ފުއްސަވާނޭ ރޯދައެއް ކަމުގައެވެ.[4]

މާތް ﷲގެ އަޅުތަކުންނޭވެ! މި ދުވަސްތަކުގައި ކުރެވޭނޭ ހެއު ޢަމަލުތަކުގެ ތެރޭގައި ތަކުބީރާއި ތަސްބީޙަކިޔައި، މާތް ﷲގެ މަތީން ހަނދުމަކުރުން ހިމެނެއެވެ. އެހެނީ ކީރިތި ޤުރްއާނުގައި މި ދުވަސްތައް ސިފަކުރައްވައިފައި ވަނީ ޛިކުރުކޮށް އުޅޭ ދުވަސްތަކެއްގެ ގޮތުގައެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި (އެބަހީ: އައްޔާމުއްތަޝްރީޤުގެ ތިން ދުވަހު) ﷲ ހަނދުމަކޮށް (ތަކުބީރުކިޔައި) އުޅޭށެވެ!" މި ދުވަސްތަކުގައި ތަސްބީޙައާއި ތަހުލީލާއި ތަޙުމީދާއި ތަކުބީރުކިޔައި އުޅުމީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން ޘާބިތުވާ މަތިވެރި އަޅުކަމެކެވެ. ޙައްޖު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހު އިރުއޮއްސުމާ ހަމައަށް ދިރިއުޅޭ ގެތަކުގައްޔާއި، މަގުތަކުގައްޔާއި، ބާޒާރުމަތީގައި އަޑުހަރުކޮށް ތަކުބީރުކިޔައި އުޅުމީ ސުންނަތެކެވެ. عَبْدُ اللهِ بْنُ عُمَر އާއި أَبُوْ هُرَيْرَة رَضِيَ اللّٰهُ عَنْهُمْ  ޙައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހު ބާޒާރަށް ނުކުމެވަޑައިގެން ތަކުބީރު ވިދާޅުވާ ކަމުގައި ވެއެވެ. އަދި އެ ދެ ބޭކަލުންގެ ފަހަތްޕުޅުން މީސްތަކުން ތަކުބީރު ކިޔާކަމުގައި ވާރިދުވެފައި ވެއެވެ.[5] އަދި ޙައްޖު މަހުގެ ނުވަވަނަ ދުވަހުގެ ފަތިސްނަމާދުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހުގެ ޢަޞްރުނަމާދުގެ ނިޔަލަށް ފަރުޟު ކޮންމެ ނަމާދަކަށް ފަހު ތަކުބީރުކިޔުން ސުންނަތްވެގެން ވެއެވެ.  

މުސްލިމް އަޚުންނޭވެ! ހެއު ކަމުން ފުރިގެންވާ މި ދުވަސްތަކުގެ ބޭނުން ހެއު ގޮތުގައި ހިފުމަށްޓަކައި، މި ދުވަސްތަކުގައި ގިނަގިނައިން ޞަދަޤާތްކުރުމަކީ ވެސް މަތިވެރިވެގެންވާ އަޅުކަމެކެވެ. މާތް ﷲގެ މަގުގައި ހޭދަކުރުމުގެ މަތިވެރިކަން ބަޔާންކުރައްވައި މާތް ﷲ  ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ﷲގެ މަގުގައި އެއުރެންގެ މުދާ ހޭދަކުރާ މީހުންގެ މިޘާލީ، ކޮންމެ ކުރާގަނޑެއްގައި ސަތޭކަ އޮށް ހުންނަ ހަތް ކުރާ ގަނޑު އުފައްދާ އޮށެއްގެ މިޘާލެވެ. ﷲ އިރާދަކުރައްވާ މީހަކަށް (ޘަވާބު) ގިނަގުނަކުރައްވައެވެ. އަދި، ﷲއީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." 

މުސްލިމް އަޚުންނޭވެ! އުޟުޙިޔާ ކަތިލުމަކީ ވެސް މި ދުވަސްވަރު ކުރުމަށް ޝަރުޢުގައި ކަނޑައަޅުއްވައިފައިވާ ހެއު ޢަމަލެކެވެ. ގަދަވެގެންވާ ސުންނަތެކެވެ. އުޟުޙިޔާގެ ގޮތުގައި ކަތިލެވޭނީ ގެރި، ބަކަރި، ޖަމަލު ފަދަ ނަޢަމްސޫފީގެ ބާވަތްތަކުގެ ތެރެއިން ބާވަތެކެވެ. ޢީދު ނަމާދުގެ ފަހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ފަހު ދުވަހު އިރުއޮއްސިއްޖައުމާ ހަމައަށް މި ކަމުގެ ވަގުތު ތަނަވަސްވެގެން ވެއެވެ.  

ލޮބުވެތި އަޚުންނޭވެ! އެއްވެސް ޝައްކެއްނެތް ގޮތުގައި މި ދުވަސްތަކުގައި ކުރެވޭނޭ އެންމެ ހެއު ޢަމަލަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމެވެ. އިސްލާމްކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ފަސް ވަނަ ރުކުން ފުރިހަމަކުރުމެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތިޔަބައިމީހުން، ﷲއަށް ޓަކައި، ޙައްޖާއި ޢުމުރާގެ އަޅުކަން ފުރިހަމައަށް އަދާކުރާށެވެ!" އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِّمَا بَيْنَهُمَا، وَالْحَجُّ الْمَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلَّا الْـجَنَّةُ)[6] މާނައީ: "ޢުމްރާކުރުމަކީ އެއް ޢުމްރާއާއި، އަނެއް ޢުމްރާއާ ދެމެދު ކުރެވޭ ފާފަތަކުގެ ކައްފާރާއެއް ކަމުގައި ވެއެވެ. އަދި މަބުރޫރު ޙައްޖެއްގެ ޖަޒާއެއްކަމުގައި ސުވަރުގެ ފިޔަވައި ނުވެއެވެ." 

މުސްލިމް އަޚުންނޭވެ! އިސްވެ ބަޔާންކުރެވުނު ކަންކަމުގެ އިތުރަށް، މި މަތިވެރި ދުވަސްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި، ފަރުޟު ނަމާދުތަކަށް ފަރުވާތެރިވުމާއި، ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވުމާއި، ކީރީތި ޤުރްއާން ކިޔެވުމާއި، ޤުރްއާނާ މެދު ވިސްނައި ފިކުރުކުރުމާއި، ގިނަގިނައިން މާތް ﷲގެ ޙަޟުރަތުގައި ދުޢާދެންނެވުމާއި، ރޭ އަޅުކަންކުރުން ފަދަ ކަންކަމަށް ޚާއްޞަ ސަމާލުކަމެއްދީ ހެއުކަންކަމުގައި ޝާމިލުވެ އެ ކަންކަމުގައި ދެމިތިބޭށެވެ! 

މުސްލިމް އަޚުންނޭވެ! ޙައްޖު މަހުގެ މަތިވެރި ދުވަސްތަކުގެ ބޭނުން ހެއު ގޮތުގައި ހިފުމަށްޓަކައި މި ދުވަސްތަކުގައި ނުބައި ކަންކަމާ ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ހެއު ކަންކަމަކީ މީހާއަށް މާތް ﷲގެ ރަޙުމަތާއި ނިޢުމަތްތައް ލިބުމުގެ ސަބަބެއްކަމުގައި ދަންނާށެވެ! ހަމަ އެ ފަދައިން ފާފަތަކަށް އަރައިގަތުމަކީ މާތް ﷲ، އެކަލާނގެ ރަޙުމަތުން އެ މީހަކު ދުރުކުރައްވައި، އެކަލާނގެ ނިޢުމަތްތަކުން އެ މީހަކު މަޙުރޫމުކުރައްވާނޭ ސަބަބެއްކަން ހަނދާންކުރާށެވެ! އެހެންކަމުން ޙައްޖު މަހުގެ މަތިވެރި ދުވަސްތަކުގައި ފާފަތަކަށް އަރައިގަތުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، ދޮގުހެދުމާއި، އަރާރުންވުމާއި، މަލާމާތްކުރުމާއި، ފުރައްސާރަކުރުމާއި، ބާޠިލު ވާހަކަދެއްކުމާއި، ފިތުނައުފައްދައި، ފަސާދަކުރުން ފަދަ އެންމެހައި ނުބައިކަންކަމުން ދުރުހެލިވެ ތިބޭ ބަޔަކަށް ވާށެވެ! މާތް ﷲ ލޯބިވެ ވޮޑިގެންނުވާ އެއްވެސް ޢަމަލަކަށް އަރައިނުގަނެ، ދުނިޔެއަށް އަންނަ އެންމެ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ!

މިއަދު އޮންލައިން