މުސްލިމުންނަށް އެންމެ ފައިދާހުރި ލޯބިވެރިޔާދޫކޮށްލާފައި ތިމާ ބޭނުންވާ ލޯބި ހޯދަން އުޅުނަކަސް ނުލިބޭނެ! ދުނިޔެއާއާޚިރަތްވެސް ގެއްލޭނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
މުސްލިމުންނަށް އެންމެ ފައިދާހުރި ލޯބިވެރިޔާދޫކޮށްލާފައި ތިމާ ބޭނުންވާ ލޯބި ހޯދަން އުޅުނަކަސް ނުލިބޭނެ! ދުނިޔެއާއާޚިރަތްވެސް ގެއްލޭނީ!


އަހުރެން މިވާހަކަ ކޮންމެ ރަމަޟާންމަހަކަށްފަހުގައިވެސް ދައްކަމެވެ. އެއީ މީސްތަކުންގެ ސަމާލުކަމަށް ގެނައުމަށެވެ. އެގޮތުން މިރޭވެސް ތަކުރާރުކޮށްލާނަމެވެ!

ރަމަޟާންމަހަށްފަހު ތަޤްވާވެރިކަން ކުޑަވާވާހަކަ ގިނަ ބައަކު ދައްކައެވެ. ޙަޤީޤަތުގައި އެކަން އެހެން މެދުވެރިވަނީ ރަމަޟާންމަހަށް ފަހު ﷲ ތައާލާ އާއި ގުޅުން ކަނޑައިލާތީއެވެ. ޚާއްޞަކޮށް ރަމަޟާން މަހު ރޭއަޅުކަން ކުރިވަރާއި ގާތަކަށްވެސް ނުކުރާތީއެވެ. އަދި ގިނަ ބައަކު ހަމަ އެއްގޮތަކަށް ވެސް ރަމަޟާން މަހަށްފަހު ރޭ އަޅުކަން ނުކުރާތީއެވެ.

ﷲ ތަޢާލާ އާއި ގުޅުން ކަނޑައިލުމަށްފަހު ނުވަތަ ގުޅުން ކުޑަކޮށް ހީނަރުކޮށްލުމަށްފަހު ތަޤްވާވެރިކަން ހިފެހެއްޓޭނީ ކިހިނަކުން ހެއްޔެވެ؟ ތަޤްވާވެރިކަން ދިރުވައި އާލާ ކުރެވޭނީ ވެސް ކިހިނަކުން ހެއްޔެވެ؟

ރަމަޟާން މަސް ނިމުމުން ރަމަޟާން މަހު ކުރިވަރަށް ރޭއަޅުކަން ނުކުރެވިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ. ފަތިސްވާން 10 މިނިޓަށްވުމުން ނަމަވެސް ތެދުވެ ދަމުނަމާދުގެ 2 ރަކްޢަތް ނަމަވެސް ކުރާށެވެ! އީމާންކަން ވަރުގަދަވާން ފަށާވަރު ފެނި ތަޖުރިބާ ކުރެވެން ފަށާނެއެވެ. 

އަހަރެމެންގެ އީމާންކަން ކުޑަވަމުންދާ ކަމުގެ ވާހަކަ އެންމެންވެސް ދައްކައެވެ. ނަމަވެސް ކަމުގެ އަސްލު ސަބަބާއިމެދު ވިސްނައިލަނީ ވަރަށް މަދު މީހެކެވެ. އެހެންކަމުން މިކަމުގައި އިތުރަށް ވިސްނައި ފިކުރުކުރަން މިވަނީ ޖެހިފައެވެ.

އެ ގޮތުން އަހަރެން އެންމެ ފުރަތަމަ ކަމެއްގެ ގޮތުންވެސް ފާހަގަކުރާނީ ރޭގަނޑުގެ ވަގުތުތައް ބޭނުންކުރެވެމުން އަންނަ ގޮތެވެ. ދުނިޔޭގެ އެންމެންވެސް ޤަބޫލުކުރާ އެއްކަމަކީ ރޭގަނޑުގެ ވަގުތުތަކަކީ ލޯބިވެރިންނާއިއެކު ހޭދަކުރަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ. ލޯބިވެރިންނާއިއެކު އުފާކޮށް އުފާލިބިގަންނަން އެންމެ ރަނގަޅު ވަގުތު ކަމަށެވެ.  

އެހެންކަމުން ރޭގަނޑުވުމުން ގިނަ ބައަކު އެމީހުންގެ ލޯބިވެރިންނާއިއެކު މިދަނީ ނައިޓްކަލްބް ތަކަށެވެ. ޕާޓީތަކަށެވެ.  ކެއުންތަކަށާއި ހަފްލާތަކަށެވެ. ނަމަވެސް ޙަޤީޤީ މުސްލިމުން އަމަލުކުރަން ޖެހޭ ގޮތް ތަފާތެވެ. އަދި އަމަލުކުރަމުން އަންނަ ގޮތްވެސް ތަފާތެވެ.

 މުސްލިމުން ޢިޝާ ނަމާދުކުރުމަށްފަހު ކައިގެން ކުޑަ

ވަގުތުކޮޅަކު ޢާއިލާ އާއިއެކު މަޑުކޮށްލުމަށްފަހު އަވަހަށް ނިދާނީއެވެ. އެހެންމީހުން ދުނިޔަވީ އުފާތަކުގައި މަސްއޫލުވެ ޝައިޠާނާގެ ވަސްވާސްތަކަށް ޣަރަޤުވެފައި ތިބޭ ވަގުތު ހޭލުމަށެވެ. ހޭލައިގެން މުސްލިމުން އެންމެ ލޯބިވާ ﷲ ތައާލާއަށް އަޅުކަންކޮށް ދުޢާކުރުމަށެވެ. ރޭގަނޑުގެ ފަހުބައި މުސްލިމުން ހޭދަކުރާނީ އެމީހުން އެންމެ ލޯބިވާ ފަރާތާއިއެކުގައެވެ. މުސްލިމުންގެ އެންމެ ބޮޑު ލޯބިވެރިއަކީ ﷲ ތަޢާލާއެވެ.

ނިކަން ވިސްނައިލަބަލާށެވެ. ޞަހާބީންވެސް ރޭއަޅުކަން ކުރެއްވީ އެކިބޭކަލުން އެކިވަރަށެވެ. ނަމަވެސް ރޭ އަޅުކަމުގެ ވަގުތުގައި ކޮންމެވެސް މިންވަރަކަށް އަޅުކަން ނުކުރައްވާ އެންމެ ޞަހާބީއަކުވެސް ނެތެވެ. ނަމަވެސް މިއަދު އަހަރެމެންގެ ތެރެއިން ރޭއަޅުކަން ކުރަނީ މަދު މީހެކެވެ. އެހެންކަމަށްވާއިރު ތަްްވާވެރިކަމުގައި ޞަހާބީންނާއި އެއް ސަފެއްގައި ފައިތިލަ ސާބިތު ކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

މުސްލިމުންނާއި ކާފަރުންގެ ތަފާތަކީ ރޭގަނޑުގެ ވަގުތުތައް އެކުގައި ހޭދަކުރާ ލޯބިވެރިޔާއެވެ! މުސްލިމުން ރޭގަނޑުގެ ވަގުތުތައް ހޭދަކުރާނީ އެމީހުން އެންމެ ލޯބިވާ ﷲ ތަޢާލާ އާއިއެކުގައެވެ. އުފާ ލިބިގަންނަން މަސައްކަތް ކުރާނީ ﷲ ތައާލާގެ ޙަޟްރަތުންނެވެ. އާޚިރަތް ދުވަހު ނަރަކައިން ސަލާމަތްވުމުންނެވެ. ޙަޤީޤީ އުފަލަކީ އެއީ ނޫންހެއްޔެވެ؟

އަޑަށް ބާރުލާފައި ތަކުރާރުކޮށްލާނަމެވެ! މުސްލިމުންނަށް އެންމެ ފައިދާހުރި ލޯބިވެރިޔާ ދޫކޮށްލާފައި ތިމާ ބޭނުންވާ ލޯބި ހޯދަން އުޅުނަކަސް ނުލިބޭނެއެވެ. މިތަނުގައި ލޯބި މިމާނަކުރަނީ ދިރިއުޅުމާއި އާޚިރަތްވެސް ހިމަނައިގެންނެވެ. އެންމެ ލޯބިވެގެން ތިއައުޅޭ ދުނިޔެއާ އެންމެ ބޮޑަށް ލޯބިވާންޖެހޭ އާޚިރަތްވެސް އެމީހަކަށް ގެއްލިގެންދާނެ ކަމެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

މިއަދު އޮންލައިން