ބޭވަފާތެރިވުމަކީ ދިރިއުޅުމަށް ހުރަސްތައް ކުރިމަތިވާ ކަމެއް! ބައިވެރިޔާއަށް ވަފާތެރިވުމާ ޒިންމާ އުފުލުމަކީ ތަނަވަސްކަމާ އުފާވެރިކަން އިތުރުކުރައްވަވާ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 16ސ
ބޭވަފާތެރިވުމަކީ ދިރިއުޅުމަށް ހުރަސްތައް
ކުރިމަތިވާ ކަމެއް! ބައިވެރިޔާއަށް ވަފާތެރިވުމާ ޒިންމާ އުފުލުމަކީ ތަނަވަސްކަމާ
އުފާވެރިކަން އިތުރުކުރައްވަވާ ސަބަބެއް!

ވަރަށް ގިނަ ބައެއްގެ އެންމެ ބޮޑު އެއް

ކަންބޮޑުވުމަކަށްވެފައި އޮންނަނީ ކުރާ މަސައްކަތުގައި ކުރިނާރާ މައްސަލައެވެ. އެފަދަ މީހުން ފުރަތަމަ ކަމަކަށްވެސް ވިސްނާލަންވީ ތިމާ އާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާފައިވާ ޢާއިލީ ޒިންމާތައް އަދާކުރެވޭވަރާއިމެދުގައެވެ. ބައިވެރިޔާއަށް ވަފާތެރިވެވޭ މިންވަރާއިމެދުގައެވެ.

 

ކޮންމެ މީހަކީވެސް ޚިޔާލު ތަފާތު މީހެކެވެ. މިޒާޖުވެސް ތަފާތު މީހެކެވެ. އަދި އަޚްލާޤީ ގޮތުންވެސް ތަފާތު މީހެކެވެ. އެހެންކަމުން ރުޅި ގަދަ މީހުންނާއި ހަރުކަށި މީހުން ވެސް ތިބޭނެއެވެ. އަޚްލާޤީ ގޮތުން ދަށުދަރަޖައިގެ މީހުންވެސް ތިބޭނެއެވެ. އަމިއްލަ މައިން ބަފައިންގެ ތެރޭގައިވެސް ތިބޭނެއެވެ. އަޚުންނާއި އުޚުތުންގެ ތެރޭގައިވެސް ތިބޭނެއެވެ. އަނބިން، ފިރިން އަދި ދަރިންގެ ތެރޭގައިވެސް ތިބޭނެއެވެ.

 

މިހުރިހާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ ތަޢާލާ ކީރިތި ޤްރްއާނުގައި ވަޙީ ކުރައްވަވާފައި ވަނީ، އަހަރެމެން އެންމެންނަށް އަމުރުފުޅު ކުރައްވަވާފައިވަނީ މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އަނބިދަރިންނަށް އޯގާތެރިވުމަށެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމަށެވެ. ވީމާ މިއިން އެއްވެސް ކަމެއް ނުކޮށް ދޫކޮށްލެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ.

 

އަބަދުވެސް ބުނާ ފަދައިން އަހަރެމެންގެ މައިން ބަފައިން ކަނޑައަޅަނީ އަހަރެމެންނެއް ނޫނެވެ. ޢާއިލާގެ މީހުން ކަނޑައަޅަނީ އަހަރެމެންނެއް ނޫނެވެ. އަދި ދަރިން ކަނޑައަޅަނީވެސް އަހަރެމެންނެއް ނޫނެވެ. އަހަރެމެންނަށް ކަނޑައެޅެނީ ހަމައެކަނި އަނބިމީހާ ކަމަށް ބުނެވިދާނެއެވެ. ވީމާ އަނބިމީހާ ކަމު ނުދާނަމަ ދޫކޮށްލުމުގެ އިޚްތިޔާރުވަނީ ދެއްވަވައިފައެވެ. ނަމަވެސް ދަރިންނާއި މައިންބަފައިންނާއި ޢާއިލާގެ މީހުންނަކީ ދޫކޮށްލެވެން ތިބި ބައެއް ނޫނެވެ. ސަބަބެއް ކަމަށް އަހަރެން ދެކެނީ އެއީ އަހަރެމެންނާއިއެކުގައިވުމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ބައަކަށްވުން ކަމަށެވެ.

 

މީސްތަކުންނޭވެ! އާއިލާގައި ހިތްހަމަ ނުޖެހޭ މީހުން ތިބޭނެއެވެ! ޢާއިލާގެ މީހަކާއިމެދު ހިތްހަމަ ނުޖެހޭތީ ރަޙިމުގެ ގުޅުން ނުކަނޑާށެވެ! ދެމެހެއްޓެން އޮތް ގޮތަކަށް ގުޅުން ދަމަހައްޓާށެވެ! މައިން ބަފައިންނަކީ ކޮންމެ މިޒާޖެއްގެ ބައެއް ނަމަވެސް، އަދި ތިބާ އާއިމެދު ކޮންމެ ގޮތަކަށް އަމަލުކޮށްފައިވާ ބައެއް ނަމަވެސް އަޅައިނުލާށެވެ. އެމީހުންގެ ޙައްޤުތައްވެސް އަދާކުރާށެވެ! ދަރިންގެ ޙައްޤުތަކަކީ އަމުދުން ނެއްޓެވޭނެ ޙައްޤުތަކެއް ނޫނެވެ.

 

އެމީހުންނަށް ނުބަލާށެވެ! ތިބާގެ ވާޖިބާއި މަސްއޫލިއްޔަތު ތިބާ އަދާކުރާށެވެ! ތިބާ އެކަން ކުރި ގޮތް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ! އެކަމަށް ޙައްޤު ޖަޒާ ﷲ ތަޢާލާ ދެއްވަވާނެތެވެ. ރަނގަޅުގޮތުގައި އެކަންކަން ދަމަހައްޓައިފި ނަމަ ދެއްވަވާނެ ނިޢްމަތްތައް ގުނައި އަދަދު ވެސް ނުކުރެވޭނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ!

 

ބައިވެރިޔާއަށް ބޭވަފާތެރިވުމަކީ ދިރިއުޅުމަށް ހުރަސްތައް ކުރިމަތިވާ ކަމެއްކަމާއި ބައިވެރިޔާއަށް ވަފާތެރިވުމާ ޒިންމާ އުފުލުމަކީ ތަނަވަސްކަމާ އުފާވެރިކަން އިތުރުކުރައްވަވާ ސަބަބެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.

 

--މުފްތީ މެންކުގެ ދަރުސަކުން

 

 

 

 

 

 

މިއަދު އޮންލައިން