ﷲ ގެ ޙަޟްރަތުން ތިބާއަށް ގޮވައިލެއްވޭއަޑަށް ކަންފަތް ބީރުކުރުމަކީ ޤިޔާމަތް ދުވަހު ގަސްތަކާ ޖަނަވާރުވެސް ތިބާއާ ދެކޮޅަށް ހެކިދޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ﷲ ގެ ޙަޟްރަތުން ތިބާއަށް ގޮވައިލެއްވޭއަޑަށް
ކަންފަތް ބީރުކުރުމަކީ ޤިޔާމަތް ދުވަހު ގަސްތަކާ ޖަނަވާރުވެސް ތިބާއާ ދެކޮޅަށް
ހެކިދޭނެ ކަމެއް!

 

އަބަދުވެސް ބުނަމެވެ. ނަމާދަށް ގޮވައިލަނީ އިމާމް ނަމަވެސް އެއީ އޭނާގެ ބަހެއް ނޫނެވެ. އެގޮވައިލެވުމަކީ ﷲ ތަޢާލާގެ ޙަޟްރަތުން ތިބާއަށް ގޮވައިލެވޭ ގޮވައިލުމެކެވެ.

އެހެންކަމާއިއެކުވެސް ކޮންމެ ނަމާދުވަގުތަކު ޢާންމުކޮށް ފެންނަ މަންޒަރެކެވެ. ނަމާދުވަގުތު ޖެހުމުން އިމާމްމީހާ ބަންގިގޮވަނީއެވެ. އެއްބައަކު އެއަޑު އިވޭކަމަށްވެސް ނުހަދައި މިސްކިތްކައިރިން ހިނގާފައިދަނީއެވެ. އަނެއްބައަކު ސައިކަލާއި ކާރުގައި ދުއްވާފައި ދަނީއެވެ. ބަންގީގެ އަޑު އިވޭކަމަށްވެސް ނުހަދައެވެ.

މިސްކިތުގެ ތާޅަފިލިން ބަންގިގޮވާ ވަގުތުގައިވެސް އެއަޑު ނުއިވޭ ގިނަބައަކު އުޅޭއިރު އެކަމަށް ނިކަން ވިސްނާލަމާ ހިނގާށެވެ! މާތް ﷲ ފުރިހަމަ ގޮތުގައި އީމާންވެގެންހުރި މުސްލިމަކަށް ބަންގީގެ އަޑު އިވުމުން ވަގުތުން ޢިޖާދޭނެއެވެ. ޢިޖާބަ ނުދީ ލަސްކުރާނީ ކޮންމެހެން ލަސްކުރަންޖެހޭނެ ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމައެވެ. އެހެންކަމަށްވެއްޖެނަމަ ވީހާއަވަހަކަށް ނަމާދުކުރާނެއެވެ. 

ބަންގީގެ އަޑު އިވުމުން ނަމާދު ނުކޮށް އެހެން ކަންކަމުގައި އުޅުމަކީ ކިހައިވަރެއްގެ ބިރުވެރިކަމެއްކަން އެނގޭ ހެއްޔެވެ؟ އެހެނީ ތިބާއަށް ބަންގީގެ އަޑު އިވުނު ކަމަށް ބަންގީގެ އަޑުއެހި ގަސްގަހާގެހިވެސް ޤިޔާމަތް ދުވަހު ހެކިދޭނެއެވެ. މީގެ އިތުރުން މުސްލިމް ޖިންނިންނާއި ކާފަރު ޖިންނިތައް ވެސް ހެކިދޭނެއެވެ.  

މިޒަމާނުގައި ބަންގީގެ އަޑު އަހަން ކޮންމެހެން ތާޅަފިއްޔެއް ބޭނުމެއް ނުވެއެވެ. އެމީހަކު ބޭނުންނަމަ ނަމާދު ވަގުތު ޖެހުމުން އަމިއްލަ ފޯނުންވެސް އަޑުއެހޭނެއެވެ. ވީމާ ވަގުތު ޖެހިއްޖެކަން ނުއެނގުނީ ކަމަށް ބުނެ ދެއްކޭނެ އެއްވެސް ބަހަނާއެއް މިހާރަކު ނެތެވެ. އެހެނީ ކޮންމެ މީހަކުވެސް ފޯނެއް ގެންގުޅޭއިރު އަޑު އެހުމާއި ނުއެހުމުގެ އިޚްތިޔާރު އެމީހެއްގެ އަތުގައި އޮތުމުންނެވެ.

 

ހަމަ އެއާއިއެކު ކީރިތި ޤްރްއާން ރިވެތިކޮށް ކިޔަވަން މަސައްކަތްކުރާ މީހުންނަށް އޮތީ އުފާވެރިކަމުގެ ޚަބަރެކެވެ. އެހެނީ އެމީހުން ކީރިތި ޤްރްއާން ރިވެތިކޮށް ކިޔެވި އަޑު، ނުވަތަ ކިޔަވަން މަސައްކަތްކުރި އަޑު އިވިފައިވާ މުއުމިން ޖިންނާއި ކާފަރު ޖިންނިންވެސް އެމީހަކަށްޓަކައި ހެކިބަސް ދޭނެއެވެ. މިހުރިހާ ކަންކަމަށްވުރެވެސް ބޮޑަށް ވިސްނަންވީ އެމީހެއްގެ ހިތަށް އަރާ ކޮންމެ އެއްޗެއްވެސް ދެކެ ދެނެވޮޑިގެންވާ ﷲ ތަޢާލާ ހުރިހާ ކަމެއް ދެކެ ދެނެވޮޑިގެންވާ ކަމެވެ. ކުރާ ހެޔޮ އަމަލުތަކާއި ފާފަތައް މަލާއިކަތުން ބަރާބަރަށް ލިޔުއްވަވަމުން ގެންދަވާ ކަމެވެ. 

މިކަންކަމުން އެނގެނީ ﷲ ތައާލާގެ އެންގެވުންތަކަށް އިހްމާލްވެ ފަރުވާ ކުޑަކުރާ މީހުންނަށް ކުރިމަތިވާނެ ބިރުވެރި ޙާލަތެވެ. އަދި ރަނގަޅު ގޮތުގައި ދިރިއުޅެ ހެޔޮ އަމަލުތައް ކުރާ މީހުންނަށް ލިބިގެންދާނެ އުފާވެރިކަމެވެ.

 

ކޮންމެ ފަދަ ބުރަ މަސައްކަތެއްގައި އުޅެންޖެހުނު ނަމަވެސް ނަމާދު ނުއަޅާށެވެ! ކެއިން ބުއިމަށްވުރެވެސް ނަމާދުކުރުމަށް އިސްކަން ދޭށެވެ! ވަގުތު ނުވެއްޖެ ނަމަ މެންދުރު ކެއުން ދޫކޮށްލާށެވެ! ނަމަވެސް މެންދުރު ނަމާދު ދޫކޮށް ނުލާށެވެ! ތިބާއަށް ބޭނުންވާ ހަކަތަ ﷲ ތަޢާލާ ދެއްވަވާނެތެވެ.

 

--ޝައިޚް ޢުމަރު ސުލައިމާންގެ ދަރުސަކުން

 

 

މިއަދު އޮންލައިން