އަޅުގަނޑާ އެއް ޖަމާޢަތަކުން މިއަހަރު ރަމަޟާން މަހުގެ ޢުމުރާއަށް ދިއަ މީހަކު ރަށަށް އައިގޮތަށް އެންމެ މަޝްހޫރު ސިޙުރުވެރިޔާގެ ގާތަކުން ނުފިލާ! އޭނާއަށް ވިސްނައިދެވޭނެ ގޮތެއް އަޅުގަނޑު ބޭނުން!
ކިޔުންތެރިޔާގެ މަޤްޞަދު ވިސްނެއެވެ. އިން ޝާ ﷲ! ކޮންމެވެސް ގޮތަކުން ތިރީގައިވާ ލިޔުން ޙިއްޞާކޮށްލައްވާށެވެ. ފައިދާކުރާނެއެވެ. އިން ޝާ ﷲ
އަބަދުވެސް ބުނަމެވެ. ކިތަންމެ ގިނައިން އެއްޗެތިތަކެއް ބާސްކެޓަކަށް އެޅިނަމަވެސް ފޫނެތް ބާސްކެޓަކަށް އަޅާނަމަ ހަރެއް ނުލާނެއެވެ. ގެއްލި ހުސްވާނެއެވެ. އެހެންވީމާ ބާސްކެޓަށް އެޅުން ވާނީ ކުރެވޭ ބޭކާރު ކަމަކަށެވެ.
ރޯދަމަހަށްފަހު މީހާ އެންމެ ބޮޑަށް ފޭލްވެ އަބާއްޖަވެރިއަކަށް ވެގެންދަނީ ސިހުރުގެ ސަބަބުންނެވެ. މިބުނަނީ މީހަކު ހަދާ ސިހުރެއްގެ ވާހަކައެއް ނޫނެވެ. ތިމާ އަމިއްލައަށް ސިހުރުގެ ތެރެއަށް ވެއްޓިގަންނަ ކަމުގެ ވާހަކައެވެ.
ރޯދަ މަސް ނިމިގެންދާއިރު އެމީހަކު މަސައްކަތްކުރި ވަރަކުން އެމީހެއްގެ އީމާންކަން ހުންނާނީ ވަރުގަދަވެފައެވެ. ތަޤްވާވެރިކަން ހުންނާނީ އިތުރުވެފައެވެ. ހިތާމައަކީ ރަމަޟާން މަހު އެހައި ގިނަ މަސައްކަތްތައް ކުރުމަށްފަހުގައިވެސް ކުރި ހުރިހާ މަސައްކަތް އަމިއްލައަށް ގެއްލުވައިލާ ކަމެވެ.
ކިތަންމެ މޮޅު ސިހުރިއަކަށްވެސް އެއްވެސް މީހެއްގެ މުސްތަޤްބަލެއް ނުއެނގޭނެއެވެ. އެނގޭނީ މާޒީން މިންވަރެކެވެ. ކޮންމެ މީހަކާއިއެކުގައިވެސް ޝައިޠާނެއް ވެއެވެ. ސިހުރިވެރިޔާ ގެންގުޅޭ ޝައިޠާނު ލައްވައި އެމީހާ އާއިއެކުގައިވާ ޝައިޠާނުގެ ގާތުގައި އަހައިގެން މާޒީން ބައެއްކަންކަން އޮޅުންފިލުވަނީއެވެ. ނަމަވެސް ﷲ ތަޢާލާ ނޫން އެހެން އެއްވެސް ފަރާތަކަށް މުސްތަްްބަލެއް ނުއެނގޭނެއެވެ. ޝައިޠާނުންނަކަށްވެސް ނުއެނގޭނެއެވެ. އެނގޭ ކަމަށް ބުނެ ހަދަނީ މުޅިންވެސް ދޮގެވެ. މިއީ ކީރިތި ޤްރްއާނުން ޔަޤީންކުރެވޭ ކަމެކެވެ.
ސިހުރުވެރިއެއްގެ ގާތަށް އެއްވެސް ބޭނުމަކު ދާނީ އެމީހެއްގެ ކިބައިގައިގައި އީމާންތެރިކަން ނެތުމުންނެވެ. ﷲ ތައާލާއަށް އިތުބާރު ނުކުރާތީއެވެ. ނުކުރެވޭތީއެވެ. ނޫން ނަމަ ސިހުރުވެރިއެއްގެ ގާތަށް އެއްވެސް ބޭނުމަކު ނުދާނެއެވެ. ސިހުރުވެރިއެއްގެ ގާތަށް އެއްވެސް ކަމަކު އެދިގެން ހިނގައްޖެ ނަމަ އެމީހަކީ ސިހުރިވެރިޔާއަށް ވުރެވެސް ނުބައި މީހެކެވެ.
ނިކަން ވިސްނައިލަބަލާށެވެ! ބަލިވުމުން ނުވަތަ ކަމަކަށް ބޭނުންވުމުން ކަންކަން ކުރަނބްވީގޮތް ﷲ ތަޢާލާ ވަނީ ވަރަށް ރަނގަޅަށް ބަޔާން ކުރައްވަވައިފައެވެ. ހަކީމުންނާއި ޑޮކްޓަރުންގެ ގާތަށް ގޮސް ފަރުވާ ހޯދަން އިސްލާމް ދިނުގައި އެބައޮތެވެ. ހަމަ އެއާއިއެކު ﷲ ތާޢާލާއަށް ދުޢާކުރަން އެބައޮތެވެ! ބޭސްކުރަމުންވެސް ﷲ ތައާލާގެ ޙަޟްރަތުން ވާގި އެދެން އެބަ އޮތެވެ.
ސިހުރު ނުވަތަ އެސްފީނާ ޖެހުމުން ކަންކަން ކުރަންވީ ގޮތް ވެސް ކީރިތި ޤްރުއާނުގައި އެބައޮތެވެ. ކިޔަވަންވީ އާޔަތްތައް ވަނީ ބަޔާން ކުރައްވަވައިފައެވެ. ވީއިރު ސިހުރުވެރިއެއްގެ ގާތަށް ގޮސް އޭނާގެ ކިބައިން ބޭނުންވާނީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ ކިޔަވާ ސިހުރާ ލިޔާ ލިޔުމުން ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟
މުސްލިމުން ސިހުރު ޤަބޫލުކުރެއެވެ. ޤަބޫލުކުރަންވެސް ޖެހޭނެއެވެ. އެއީ ކީރިތި ޤްރުއާނުގައި އެކަން ވަރަށް ފުރިހަމައަށް ބަޔާންކުރައްވަވާފައިވާތީއެވެ. ނުކުރަންވީ ކަމަކީ ސިހުރުވެރިންގެ ގާތަށް ނުދިއުމެވެ. ސިހުރުވެރިއަކު ބުނާ އެއްވެސް ވާހަކައެއް ޤަބޫލު ނުކުރުމެވެ. ފުރިހަމަ މުސްލިމެއްގެ ގޮތުގައި ހުރެ އެކަކުވެސް ސިހުރުވެރިއެއްގެ ގާތަކަށް ނުދާނެއެވެ. ސިހުރު ވެރިއެއްގެ އެއްވެސް އެހީތެރިކަމެއް ނުހޯދާނެއެވެ.
މީސްތަކުންނޭވެ! މިކަމަށް ވަރަށް ބޮޑަށް ބިރުވެތިވާށެވެ! ސިހުރުން ސަލާމްތަވާން ބޭނުން ނަމަ ﷲ ތަޢާލާ އެންގެވި ގޮތުގައި ހެދުން އަޅާށެވެ. ފޭރާންލާށެވެ. ޙަރާމް ކުރެއްވެވި ކަންކަމުން ދުރުހެލިވާށެވެ. މަސްތުވާ އެއްވެސް އެއްޗެއް ބޭނުން ނުކުރާށެވެ! ހަޑިމުޑުދާރު އެންމެހައި ކަންކަމުން ދުރުހެލިވާށެވެ. ހިނައި ޠާހިރުވެގެން އަބަދުވެސް ހުންނާށެވެ!
ކީރިތި ޤްރްއާނުގެ އެންމެ ފަހު 3 ސޫރަތް ގިނަގިނައިން ކިޔަވާށެވެ. އާޔަތުލްކުރުސި ކިޔަވާށެވެ! ޚާއްޞަކޮށް ފަތިސް ނަމާދަށްފަހުގަ އާއި މަޣްރިބް ނަމާދަށްފަހުގައި ކިޔަވާށެވެ. ސިހުރުހާހޫރަތަކުން ސލާމަތްކުރައްވަވާނެތެވެ. އެއީ ﷲ ތަޢާލާ އަންގަވައި ދެއްވަވައި ބަޔާންކޮށް ދެއްވަވާފައިވާ ކަމެކެވެ. ބޮޑެތި ބަލިތަކުގައި އުޅޭ މީހުން ރޯ މާމުޔާއި ކަޅުދިރި ބޭނުންކުރާށެވެ! އެތަކެތީގައި ޝިފާ ލައްވަވާފައިވާކަން ރަސޫލް (ﷺ) ވަނީ ބަޔާންކުރައްވަވައިފައެވެ.
ސިހުރުވެރިން ގާތަށް ކަންކަން އެދިގެން ދިއުމުން ބަރަހާވެގެން ހުރެ މިވެނިކަމެއް ކުރަން ބުނެފާނެއެވެ. މިވެނި އެވެނި ތަކެތި ހޯދަން ބުނެފާނެއެވެ. އެފަދަ ކަންކަން ކުރަން ބުނާއިރު އަނެއް ކޮޅުން އެމީހުން ތިބާއަށް މަލާމާތްކޮށްފައި ހޭނެއެވެ. ނަމަނަމަ އެފަދަ އެއްވެސް ކަމެއް ނުކުރާށެވެ. ކީރިތި ޤްރުއާނާއި ސުންނަތުން ސާބިތު ނުވާ ހަމަ އެއްވެސް ކަމެއް ނުކުރާށެވެ! ނޫން ނަމަ ތިބާގެ ކިބައިގައި ތަޤްވާވެރިކަމެއް ނެތެވެ.
- މުފްތީ މެންކުގެ ދަރުސަކުން