މިއީ ކިތަންމެ ދެރަކަމެއްނަމަވެސް އެކަން ކޮންމެ އަހަރަކުވެސް ހިނގައެވެ. ރަމަޟާން މަހަށްފަހު ގިނަ ބައަކު ފޭލްވެގެންދެއެވެ.
ތަޤްވާވެރިކަމާއި ދުރަށް ދެއެވެ. ކުރަމުން އައި އަޅުކަން މަދުކުރަމުންގޮސް ފަރުޟް ފަސްނަމާދުކުރަން ބުރަވާ ހިސާބަށްވެސް ދެއެވެ. ދާދި އަވަހަށް މިއަހަރުގެ ޙައްޖުމަސް ބައްދަލުކުރާނެއެވެ. އިން ޝާ ﷲ. ޙައްޖުމަހުގެ ފުރތަަ 10 ދުވަހަކީ އަހަރުގެ ހުރިހާ ދުވަސްތަކުގެ ތެރެއިން ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަންބޮޑު ދުވަސްތަކެވެ. ވީމާ އެކަމުގެ ފައިދާ ލިބިގަންނަމާ ހިނގާށެވެ. މިހައި ތަނަށް އިހްމާލްވެވުނު ކަންކަން އަލުން ކުރަން ފަށަމާ ހިނގާށެވެ.
މިއީ ކޮންމެހެން ވަކިދުވަހަކު ކުރަން ފަށަން އޮތް ކަމެއްވެސް ނޫނެވެ. ހަމަ މިއަދުވެސް ކުރަން ފަށަންވީއެވެ. އެހެންކަމާއިއެކުވެސް ކުރިއާލައި ތައްޔާރުވެލައި އައުޢަޒުމެއްގައި މަސައްކަތް ފަށަން ބޭނުންވާ މީހުން ވަރަށް ގިނަވާނެއެވެ. އެހެންވެ ކުރިއާލައި ހަނދުމަކޮށްލައިދިނީއެވެ.
މިއަހަރުގެ ރަމަޟާން މަސް ނިމުމާއިއެކުވެސް އެއްބައަކު މިސްކިތްތަކާއި ދުރުހެލިވެއްޖެއެވެ. އަނެއްބައަކު ކުރިން ކުރަމުން އައިފަދަ ފާފަތައް ކުރަން ފަށައިފިއެވެ. އެހެންކަމުން މިއީ ވަރަށް ފުންކޮށް ވިސްނާލަންޖެހޭނެ ކަމެކެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! އެއިރުން މިހާރު ތިމާއަށް ޢަމަލުކުރެވޭ ގޮތާއި އުނިވެގެން ދިއަ ކަންކަން އިޙްޞާޞްކުރެވޭނެއެވެ. އިން ޝާ ﷲ
ރަމަޟާން މަސް ނިމިގެންދިއައީ އެވެ. ހެޔޮ އަމަލުތައް ކުރުމަށާއި ހެޔޮ ގޮތުގައި އުޅުމަށް މަސް ދުވަހު ގަދައަޅައި މަސައްކަތްކޮށްފީމުއެވެ. އެހެންކަމުން ރަމަޟާން މަސް ނިމުމުން ކުރިއާއި އެއްގޮތަށް އަމަލުތައް ދީލައިލައިފިނަމަ އެއިގެ މާނައަކީ ރަމަޟާން މަހުގެ ބޭނުން ހެޔޮ ގޮތުގައި ނުހިފެނީއެވެ.
ދޭތެރެއަކުން ހެޔޮ އަމަލެއް ކޮށްލުމަކީ ގިނަ ބައެއްގެ އާދައަކަށްވެފައި އޮންނަ ކަމެކެވެ. ނަމަވެސް ﷲ ތައާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ އެއީ ކިތަންމެ މަދު އަމަލެއް ނަމަވެސް އެ އަމަލެއް ކުރުންމަތީގައި ދެމިހުރެ ކުރާ އަމަލުތަކެވެ. ވީމާ އަޅުގަނޑުމެން އަބަދުވެސް ދެމިތިބެން ޖެހޭނީ ހެޔޮ އަމަލުކުރުންމަތީގައެވެ.
Abu Huraira reported: The Messenger of Allah, peace and blessings be upon him, said,
“Take up good deeds only as much as you are able, for the best deeds are those done regularly even if they are few.”
Source: Sunan Ibn Mājah 4240
Grade: Sahih (authentic) according to Al-Albani
ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތއް ހުޅުއްވަވައި ނަރަކައިގެ ދޮރުތައް ބަންދުކުރައްވަވައެވެ. ޝައިޠާނުންގެ ތެރޭގައި ހިމެނޭ ނުބައި ވަސްވާސްތައް ދޭ ބޮޑެތި މާރިދުންތައް ކަސްތޮޅު އަޅުއްވަވައެވެ. މިފަދަ ހުރިހާ ކަންކަން މިންވަރުފުޅު ކުރައްވަވަނީ ރަމަޟާން މަހުގެ ތަރުބަވީ މަދުރަސާއިން ފިލާވަޅުތައް ލިބިގަނެ އެކަމުގެ ފައިދާ ޙާޞިލުކުރުމަށެވެ. އެކަމަށްޓަކައި ފަހިކޮށް ދެއްވަވާ ފުރުޞަތުތަކެކެވެ. ވީމާ ރަމަޟާން މަހުގެ މޫސުން ނިމިގެން ދިއުމަށްފަހުގައިވެސް އެކަމުގެ އަސަރު އަޅުގަނޑުމެންގެ ކިބައިގައި ހުންނަން އެބަ ޖެހެއެވެ.
ރޭއަޅުކަން ކުރުމާއި އެނޫންވެސް ވަރަށް ގިނަ ހެޔޮ އަމަލުތައް ރަމަޟާން މަހު އަޅުގަނޑުމެން ކޮށްފީމުއެވެ. ރަމަޟާން މަސް ނިމުމުން އެކަންކަން ކުރުން ދޫކޮށްލެވޭނަމަ އެއިގެ މާނައަކީ އެކަންކަން ކުރުމަކީ ހަމައެކަނި ރަމަޟާން މަހު ކުރަންޖެހޭނެ ކަންކަން ކަމުގައި ޤަބޫލުކުރެވޭ ކަމެވެ.
ރަމަޟާން މަސް ނިމިގެންދިއައިރު ވަރަށް ގިނަ ހެޔޮ އަމަލުތަކެއް ކުރިކަމުގެ ޓްރެކް ރެކޯޑްތަކެއް އަޅުގަނޑުމެންގެ އެބައޮތެވެ. ވީމާ ރަމަޟާން މަސް ނިމިގެން ދިއުމުން ވެސް ޕްލޭންތަކެއް ހަދައި އެއަމަލުތައް ކުރުމަތީގައި ދެމިތިބެވޭނެ ގޮތްތަކެއް ރާވަން ޖެހޭނެއެވެ. ވަކި ތަރުތީބެއްގެ ދަށުން އެކަންކަން ކުރުންމަތީގައި ދެމިތިބެވިއްޖެ ނަމަ ﷲ ތަޢާލާގެ ޙަޞްރަތުން އެކަމުގެ ނިޢްމަތްތައް އަޅުގަނޑުމެންނަށް ލިބެމުންދާނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން