ޤުރުއާން ހިތުދަސްކުރުމުގައި ފުރިހަމަކަން ހޯދުމަށްޓަކައި ގާރީ އައްޝައިޚް އަބްދުއްރަޝީދު ސޫފީ ދެއްވާފައިވާ އަގުހުރި ނަސޭހަތްތަކެއް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ޤުރުއާން ހިތުދަސްކުރުމުގައި ފުރިހަމަކަން ހޯދުމަށްޓަކައި ގާރީ އައްޝައިޚް އަބްދުއްރަޝީދު ސޫފީ ދެއްވާފައިވާ އަގުހުރި ނަސޭހަތްތަކެއް-

ޢާއިޝަތު ރަފާޙް ޢަލީ

 

ގުރުއާން ހިތުގައި ސާބިތުކޮށް ބެހެއްޓުމަކީ ރަސޫލާ ﷺ ދެއްވާފައިވާ މުހިންމު ވަސިއްޔަތްފުޅެކެވެ. އެކަލޭގެފާނު ވަނީ ގުރުއާން މުރާޖައާކުރުމަށް އަހުދުކަށަވަރު ހިފުމަށް އަމުރުކުރައްވާފައެވެ. މުހައްމަދުގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއަވަވައި ވިދާޅުވެފައިވަނީ، އޮޅި ފިލައިގެންދާ ޖަމަލަށްވުރެ ބާރަށް، މީހާގެ ހިތުން ގުރުއާން ފިލައިގެން ހިނގައިދާނެ ކަމަށެވެ. 

އަޅުގަނޑު އަނެއްކާވެސް ތަކުރާރުކޮށް ދަންނަވަމެވެ. އަޅުގަނޑު ގުރުއާން ހިތުދަސްކުރީންސުރެ، މީހުންނާއެކު ނަމާދުކުރުމަށްޓަކައި ދުވާލު ވަކިން މުރާޖައާކޮށް ތައްޔާރުވާކަށް ނުޖެހެއެވެ. މާތްﷲގެ ފަޟްލުވަންތަކަމާއެކު އަޅުގަނޑު ނަމާދަށް އަރަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ބައެއް ފަހަރު ތަފާތު ރިވާޔަތްތަކުން ކިޔަވާއިރު، ރިވާޔަތްތަކުގެ މެދުގައި ހުރި ތަފާތުތަކަށް އެކަނި ބަލާލަމެވެ. ގުރުއާން ހިތުން ކިޔެވުމަކީ ވަކި ވަގުތަކު ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ ތިބާގެ ރޭގަނޑާއި ދުވާލެވެ. ހެނދުނާއި ހަވީރެވެ. ގުރުއާން ތިބާގެ ދުލުގައި ހުންނަންޖެހޭނީ ސޫރަތުލް ފާތިޙާ ހުންނަ ފަދައިންނެވެ. ފާތިޙާ ސޫރަތް ކިޔަވަން ވަކިން ތައްޔާރުވާންޖެހޭ މީހަކު އުޅޭނެތޯއެވެ؟ ނޫނެކެވެ. އެއީ އާދަވެފައިވާ ކަމެކެވެ. 

އަޅުގަނޑުމެން އެންމެންނަކީވެސް ގުރުއާނުގެ އަހުލުވެރިން ކަމުގައި ވުމަށް ނަސޭހަތްތެރިވަމެވެ. މިކަމުގައި މީހުން ތިން ދަރަޖައަކަށް ބެހިގެންވެއެވެ: 

--ގުރުއާން އެއްކޮށް ހިތުދަސްކޮށް ނިމިފައިވާ ހާފިޒުން.

--ގުރުއާން ދަސްކުރަމުންދާ ދަރިވަރުން.

--އާންމު މުސްލިމުން.

ހާފިޒުންނަށް ދޭން އޮތް ނަސޭހަތަކީ، ގުރުއާން މުރާޖައާކުރުމުގައި ސާބިތުވެ ތިބުމެވެ. ތިބާގެ ހިތުގެ ވަރުގަދަކަމަކީ ގުރުއާން ކަމުގައި ހަދާށެވެ. ތިބާގެ ހެނދުނުގެ ނާސްތާއާއި ރޭގަނޑުގެ ކެއުން ހަނދާން ނުނެތޭ ފަދައިން، ގުރުއާން ކިޔެވުންވެސް ހަނދާން ނައްތާނުލާށެވެ. ރޯދައަށް ހުންނައިރު ކެއުން ހަނދާން ނެތުނަސް، ބަނޑުހައިވުމުން ބަނޑު އެކަން ހަނދާންކޮށްދޭ ފަދައިން، ގުރުއާނާ މެދު ހިތުގައި އޮންނަ ގުޅުން އެފަދަ ދަރަޖައަކަށް ގެންދާށެވެ. ކިޔަވަންޖެހޭ ވަގުތު ފާއިތުވެއްޖެނަމަ، އެކަމުގެ އުނިކަން ހިތަށް އިހުސާސްވާންޖެހޭނެއެވެ. އަދި ނިދުމުގެ ކުރިން އެދުވަހަކު ކިޔަވަން ކަނޑައެޅި މިންވަރު ފުރިހަމަކުރާށެވެ. ހަފްތާއަކު އެއްފަހަރު ގުރުއާން އެއްކޮށް ޚަތިމްކުރުމަށް އާދަކުރާށެވެ. 

ދަސްކުރުމުގައި ދެ ބައެއްވެއެވެ: ސިކުނޑިން ދަސްކުރުމާއި ދުލުން ދަސްކުރުމެވެ. ސިކުނޑިން ދަސްކުރާ އެއްޗެއް ވަރަށް އަވަހަށް ހަނދާން ނެތިދާނެއެވެ. މިސާލަކަށް ފޯނު ނަންބަރެއް ބުނެފިނަމަ އެ ވަގުތުން ވަގުތަށް ދަސްވެދާނެ ނަމަވެސް، ކުޑަ ވަގުތުކޮޅެއް ފަހުން އެ ހަނދާން ނެތިދާނެއެވެ. ސާބިތުވެ ހުންނަނީ ދުލުން ދަސްވާ ދަސްވުމެވެ. އެއީ އެއްވެސް ފިކުރެއް ނެތި، ހިތް އެހެން ދިމާލެއްގައި އޮތަސް، ފާތިޙާ ސޫރަތް ކިޔަވާއިރު ކުށެއް ނުޖެހޭ ފަދަ "ލިސާނީ" ނުވަތަ ދުލަށް އާދަވެފައިވާ ދަސްވުމެވެ.

މިހާރުގެ ވަގުތުތައް ގިނައިން ބޭކާރުވަނީ ފޯނާއި ސޯޝަލް މީޑިއާ ފަދަ ކަންކަމުގައެވެ. އަޅުގަނޑު މިސްރުން ކިޔަވައިގެން އެނބުރި އައި ދުވަހު ބައްޕަ އެންމެ ފުރަތަމަވެސް ކުރެއްވި ސުވާލަކީ "ދުވާލަކު ކިތައް ޖުޒުއު ކިޔަވަންތޯ؟" އެވެ. އަޅުގަނޑު ދެންނެވީ ހަފްތާއަކު އެއްފަހަރު ޚަތިމްކުރާ ކަމަށެވެ. ބައްޕަ ވަރަށް ހައިރާންވެފައި ވިދާޅުވިއެވެ: "ތިހެން ވާނީ ކިހިނެއް؟ ތިބާއަކީ ގުރުއާނުގެ އިލްމުން ހާއްސަވެފައިވާ މީހެއް. ހަފްތާއަކު އެއްފަހަރު ކިޔެވުމުގެ މާނައަކީ ކޮންމެ އާޔަތެއް ދެން ފެންނަން ހަފްތާއެއް ނަގާނެއޭ. އެއީ އެކަށީގެންވާ ކަމެއްތޯ؟" ބައްޕަ އިރުޝާދު ދެއްވީ މަދުވެގެން ތިން ދުވަހުން ނުވަތަ ހަތަރު ދުވަހުން ޚަތިމްކުރުމަށެވެ.

އެހެންކަމުން ދަރިވަރުންނަށް ދަންނަވާލަން އޮތީ، ހަފްތާއަކު އެއްފަހަރު ޚަތިމްކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. ފުރަތަމަ މަހު އުނދަގޫވި ނަމަވެސް، ފަހުން އެކަން ފަސޭހަވެ އާދަވާނެއެވެ. ދުވާލަކު 3 ފޮތް ކިޔެވުމަކީ ފަސޭހައިން ކުރެވިދާނެ ކަމެކެވެ. 

ދަސްކުރަމުންދާ ކުދިންނަށް އޮތް ނަސޭހަތަކީ، އާ ފިލާވަޅު ދަސްކުރި ނަމަވެސް، މުޅި ގުރުއާނުން ކިޔަވާ ބައި ދޫކޮށްނުލުމެވެ. އަދި ދަސްކުރާ ފޮޅުވަތްތައް ނުވަތަ ސަފުހާތައް ގިނަގިނައިން ތަކުރާރުކުރުމެވެ. ތަކުރާރުކުރުމަކީ ދަސްކުރުމުގެ އެންމެ މުހިންމު އަސާސެވެ. 

އާންމު މީހުންނަށް ދަންނަވާލަން އޮތީ، ގުރުއާނާ ދުރުނުވުމަށެވެ. ދުވާލަކު އެންމެ ޖުޒުއެއް ނަމަވެސް ކިޔަވާށެވެ. ކިޔަވަން ނޭނގޭނަމަ އަޑުއަހާށެވެ. މާތްﷲ ވަނީ ގުރުއާން ފަސޭހަކޮށްދެއްވާފައެވެ. އެހެންކަމުން އެއްވެސް މީހަކަށް ގުރުއާނާ ދުރުގައި ހުރުމަށް ދެއްކޭނެ އުޒުރެއް ނެތެވެ.

އިންޝާﷲ، މާތްﷲގެ އިރާދަފުޅާއެކު ތިޔަބޭފުޅުން މި ނަސޭހަތްތައް ގަބޫލުކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ. މާތްﷲ ތިޔަބޭފުޅުންނަށް ބަރަކާތް ލައްވައި، ގުރުއާނުގެ އިލްމާއި ކިޔެވުމުގެ ތައުފީގު ދެއްވާށިއެވެ. ގުރުއާން ކިޔެވުމަކީ ނުހަނު މުހިންމު ކަމެކެވެ. މާތްﷲ އަޅުގަނޑުމެންގެ ވަގުތުތަކުގައި ބަރަކާތް ލައްވާށިއެވެ.

 

- މިއަދުނޫސް

 

                   

                   

މިއަދު އޮންލައިން