ޢަދަދަށް ނުބަލާށެވެ! އިޚްލާޞްތެރިކަމާއެކު އަސްތަޣްފާރުކުރާ މީހާއަށް ކުރިމަތިވާ ހުރިހާ މާޔޫސްކަމަކުން ސަލާމަތް ކުރައްވަވާނެ! އިން ޝާ ﷲ: ޝައިޚް އަބްދުއްރަޙްމާން އަލްޙަރަމީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 22ސ
ޢަދަދަށް ނުބަލާށެވެ! އިޚްލާޞްތެރިކަމާއެކު އަސްތަޣްފާރުކުރާ މީހާއަށް ކުރިމަތިވާ ހުރިހާ މާޔޫސްކަމަކުން ސަލާމަތް ކުރައްވަވާނެ! އިން ޝާ ﷲ: ޝައިޚް އަބްދުއްރަޙްމާން އަލްޙަރަމީ

ޢާއިޝަތު ރަފާޙް ޢަލީ

 

ފާފަފުއްސެވުމަށް އެދި ދެންނެވުން ނުވަތަ އިސްތިޣްފާރު ކުރުމަކީ ދިރިއުޅުމުގެ ދަތި އުނދަގޫތަކުން މިންޖުވެ، ތަނަވަސްކަމާއި ފަސޭހަކަމުގެ މަގުތައް ހުޅުވިގެންދާނެ މަތިވެރި ސަބަބެކެވެ. މިއީ ޔޫނުސް އަލައިހިއްސަލާމްގެ ވާހަކައިން އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް އަގުހުރި ފިލާވަޅެކެވެ. އަދި މިއީ އަބްދުއްރަޙްމާން އަލްޙަރަމީ ދެއްވާފައިވާ ވަރަށް އަސަރުގަދަ އިރުޝާދެކެވެ.

ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ފެންނަން އޮތީ "ވަޙީ" (މާތް الله ބާވައިލެއްވި ބަސްފުޅު) ގެ ތެރެއިންނެވެ. އެ މަތިވެރި ވަޙީގެ ބަސްފުޅުތަކުން މެނުވީ ޙަޤީޤީ އުފާވެރިކަން ނުހޯދާށެވެ. އެނޫން އެހެން އެއްވެސް މަގަކުން އެ އުފާވެރިކަމެއް ނުފެންނާނެއެވެ. 

ތިޔަބޭފުޅުންގެ ހިތްތަކުގައިވާ ކަންބޮޑުވުންތަކާއި، ދިރިއުޅުމުގައި ކުރިމަތިވާ މައްސަލަތައް ކިތަންމެ ބޮޑުވި ނަމަވެސް، ގަވާއިދުން އިސްތިޣްފާރުކުރާ މީހަކަށް، ކޮންމެ ހާސްކަމަކުން ނުކުންނާނެ މަގެއް އަދި ކޮންމެ ދަތިކަމަކުން ފަސޭހަކަމެއް މާތް الله މިންވަރުކޮށްދެއްވާނެއެވެ."

މާޔޫސްކަމުގެ ތެރޭގައިވާ މީހާއަށް އޮތް އެންމެ ފުރިހަމަ ޙައްލަކީ، އެހެން މީހެއްގެ އެހީތެރިކަމަށް އެދުމުގެ ކުރިން މާތް الله ގެ ޙަޟްރަތަށް ދިއުމެވެ. ގިނަގިނައިން އިސްތިޣްފާރު ކުރާށެވެ. އޭގެ ނަތީޖާ މާލަސްތަކެއްނުވެ ފެންނާނެއެވެ. މާތް الله އާ މުޢާމަލާތްކުރާއިރު އަދަބުވެރިކަމާއި ކިޔަމަންތެރިކަން އިސްކުރާށެވެ. އެކަލާނގެ އަމުރުފުޅުތަކަށް އެއްވެސް ޝައްކެއްނެތި އިޖާބަދޭށެވެ. ދުނިޔަވީ މިސާލަކަށް ބަލާއިރު، ސިފައިންގެ މީހަކު އޭނާގެ މަތީ އޮފިސަރުގެ އަމުރަށް "ކީއްވެތޯ؟" ސުވާލުނުކޮށް ކިޔަމަންތެރިވާ ފަދައިން، ހުރިހާ ތަކެއްޗެއްގެ ވެރި ރަސްކަލާނގެ އަމުރުފުޅުތަކަށް އަޅުގަނޑުމެން ކިޔަމަންތެރިވާންޖެހޭ މިންވަރު މާ ބޮޑެވެ. 

އިސްތިޣްފާރު ކުރުމުގައި ވަކި އަދަދަކަށް ހިފެހެއްޓުމުގެ ބަދަލުގައި، އިޚްލާޞްތެރިކަމާއެކު ގިނަގިނައިން "އަސްތަޣްފިރުﷲ ވައަތޫބު އިލައިހި" ކިޔައި ދަންނަވާށެވެ. ބައެއް ޒިކުރުތަކަށް ވަކި އަދަދެއް ކަނޑައެޅިފައިވީ ނަމަވެސް، އިސްތިޣްފާރު ކުރުމުގައި އޮތީ އެކަމުގެ މަތީގައި ދެމިހުރުމެވެ.

ޔޫނުސް އަލައިހިއްސަލާމްގެ ޙާދިޘާއަށް ފިކުރުކޮށްލާށެވެ. އެކަލޭގެފާނު މަހުގެ ބަނޑުތެރޭގެ އަނދިރިކަމުގައި އޮންނަވައި މާތް الله އަށް ދެންނެވި ދެންނެވުމަކީ އިންސާނީ ބުއްދިއަށް އޮޅުންނުފިލާ ފަދަ މުޢުޖިޒާތެކެވެ. ރޭގަނޑުގެ އަނދިރިކަމާއި، ކަނޑުގެ އަޑީގެ އަނދިރިކަމާއި، މަހުގެ ބަނޑުތެރޭގެ އަނދިރިކަން އެކުވެފައިވީ ހިނދު، އެކަލޭގެފާނު ދެންނެވީ: "لَّا إِلَٰهَ إِلَّا أَنتَ سُبْحَانَكَ إِنِّي كُنتُ مِنَ الظَّالِمِينَ" އެވެ.

މާތް الله އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި، އެ ބޮޑު ހިތާމައިން ސަލާމަތްކޮށްދެއްވިއެވެ. އަދި ކީރިތި ޤުރުއާނުގައި ވަނީ ހަމަ އެފަދައިން މުއުމިނުން ސަލާމަތްކުރައްވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. އެހެންކަމުން، ކޮންމެ ދަތިކަމެއްގައިވެސް މާތް الله އަށް އީމާންވެ، ފާފަފުއްސެވުމަށް އެދި ދެންނެވުންމަތީ ދެމިތިބެންޖެހެއެވެ.

މިއީ އަޅުގަނޑުމެންގެ މާޒީ އިޞްލާޙުކުރުމަށް ލިބޭ ވަރަށް ބޮޑު އިބުރަތެކެވެ. އުފާވެރިކަމުގެ ވަގުތުގައި މާތް الله މަތިން ހަނދުމަކުރާ މީހާއަށް، ދަތި އުނދަގޫ ވަގުތުތަކުގައި އެކަލާނގެ ނަޞްރާއި މަދަދު ދެއްވާނެއެވެ. 

ވީމާ، މިއަދަކީ މާދަމާގެ މާޒީކަމުގައި ދެކި، މި ވަގުތުން ފެށިގެން ހެޔޮ އަމަލުތަކާއި އިސްތިޣްފާރުން ތިޔަބޭފުޅުންގެ މާޒީ ބިނާކުރައްވާށެވެ. މާތް الله އަށް ފުރިހަމައަށް ކިޔަމަންތެރިވާ، ބޮޑާކަމެއްނެތް، ތަވާޟުޢުވެރި އަޅަކަށް ވާށެވެ. މީސްތަކުންގެ މައްޗަށް ކިބުރުވެރި ނުވާށެވެ.

 

- މިއަދުނޫސް

 

                   

މިއަދު އޮންލައިން