ބަލަންޖެހޭ ކަންކަމަށް ނުބަލާ ކައިވެނިކޮށްފަ މިންވަރުފުޅު ކަމަކަށް ނުބުނެވޭނެ! ބައިވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަށް ސަމާލުކަން ދެއްވާ!: ނޫމާން އަލީ ޚާން

ކިޔުމަށް ހޭދަވާނީ 4މ 47ސ
ބަލަންޖެހޭ ކަންކަމަށް ނުބަލާ ކައިވެނިކޮށްފަ މިންވަރުފުޅު ކަމަކަށް ނުބުނެވޭނެ! ބައިވެރިއެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފައަށް ސަމާލުކަން ދެއްވާ!: ނޫމާން އަލީ ޚާން

ޢާއިޝަތު ރަފާޙް ޢަލީ

 

ކައިވެންޏަކީ މިންވަރުފުޅުގައި ލިޔެވިފައިވާ ކަމެއްތޯއާއި، ބައިވެރިޔާއަކީ ކޮންކަހަލަ މީހެއްކަން ދެނެގަނެ، އެ ނިންމުން ނިންމާނީ ކިހިނެއްތޯ؟

އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ކަންކަމުގައި މާބޮޑަށް ޖަޒުބާތީވެއެވެ. މީހަކާ ކައިވެނިކުރަން ބޭނުންވުމުން، އެއީ "ﷲ މިންވަރުކުރެއްވި ގޮތް" ކަމަށާއި އެއީ "ފުރިހަމަ ބައިވެރިޔާ" ކަމަށް ބުނެއެވެ. ނަމަވެސް، އެންގޭޖްމަންޓް ރޫޅާލަން ޖެހުމުން، އެކަން މެދުވެރިވި ސަބަބާ މެދު ސުވާލު އުފައްދައި، މިންވަރުފުޅުގެ ހަގީގަތް އޮޅުންނުފިލާ ކަމަށް ބުނެއެވެ. 

ދަންނާށެވެ! ކައިވެންޏަކީ ބޭނުންވާ މައުލޫމާތު ހޯދައި، ބުއްދީގެ ބޭނުންކޮށްގެން ނިންމަންޖެހޭ މުހިންމު ނިންމުމެކެވެ. ދެ އާއިލާ ބައްދަލުވެ، އެއީ ތިމާއަށް އެންމެ އެކަށީގެންވާ ގޮތްތޯ ބަލައި، ކަންކަން ދެނެގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭނެއެވެ.

މިއީވެސް ދިރިއުޅުމުގެ އެހެނިހެން ނިންމުންތައް ފަދަ ކަމެކެވެ. ފެހި ކުލައިގެ ކާރެއް ގަތުމަކީ ނުވަތަ މެންދުރު ކުކުޅު ސޭންޑްވިޗެއް ކެއުމަކީ މިންވަރުފުޅުގައި އޮތް ގޮތްތޯ އެއްވެސް މީހަކު ސުވާލެއް ނުކުރެއެވެ. އެހެން ހުރިހާ ކަމެއްގައި އަމިއްލަ ޒިންމާ އުފުލާއިރު، ކައިވެނީގެ މައްސަލާގައި ހަމައެކަނި "މިންވަރުފުޅޭ" ބުނެ އިހުމާލުވަނީ ކީއްވެ ހެއްޔެވެ؟

އެހެންކަމުން، އެކަށީގެންވާ މައުލޫމާތު ހޯދައިގެން ގޮތް ނިންމަވާށެވެ. ކައިވެނިކުރަން އުޅޭ މީހާގެ ކިބައިގައި ހުރި ސިފަތަކާއި ދެމީހުންގެ މިޒާޖު ގުޅޭތޯ ބަލާށެވެ. މި ހުރިހާ ކަމަކަށް ސަމާލުކަން ދިނުމަށްފަހުވެސް، ދިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިވެދާނެއެވެ. ނޫޙު އަލައިހިއްސަލާމަށް ލިބިވަޑައިގަތީ އީމާންތެރިކަން ކުޑަ އަނބިކަނބަލެކެވެ. އާސިޔަތުގެފާނަށް ލިބިވަޑައިގަތީ އަނިޔާވެރި ފިރުޢައުނެވެ. 

އިންސާނުންނަކީ ބަދަލުވާ ބައެކެވެ. ކައިވެނި ކުރި އިރު ހުރި ގޮތް ނޫން ގޮތަކަށް ފަހުން ބަދަލުވެދާނެއެވެ. އިހުސާސްތަކާއި ދިރިއުޅުމުގެ ތަޖުރިބާތަކުގެ ސަބަބުން އިންސާނާއަށް ބަދަލު އާދެއެވެ. އެއީ މިންވަރުފުޅުގެ މައްސަލައެއް ނޫނެވެ. އެއީ ދުނިޔަވީ ހަގީގަތެވެ. 

އިސްލާމްދީނަކީ ފުރިހަމަ ދީނެކެވެ. ކައިވެނީގެ ގުޅުން ބިނާކުރާނެ ރީތި އުސޫލުތައް ދީނުގައި ބަޔާންކޮށްދީފައިވެއެވެ. ކައިވެންޏާ ގުޅޭގޮތުން ދެވޭނެ އެންމެ މުހިންމު ނަސޭހަތަކީ، ގިނަ މީހުންނަށް ސަމާލުކަން ނުދެވޭ ކަމެކެވެ. ބައެއް މީހުން "ލޯބިވާތީ" ކައިވެނިކުރަން ބޭނުންވާއިރު، އަނެއް ބަޔަކު ބަލަނީ ހަމައެކަނި "ދީންވެރިކަމަށެވެ." 

ނަމަވެސް ހަނދާންކުރަންވީ ކަމަކީ، ތިބާ ކައިވެނި ކުރަނީ ހަމައެކަނި ބޭރުފުށުގެ ސިފައަކަށް ނުވަތަ ވަކި ދީނީ ކަމަކަށް ނޫން ކަމެވެ. ތިބާ ކައިވެނި ކުރަނީ އިންސާނަކާއެވެ. މީހަކު ފަސް ވަގުތު ނަމާދުކޮށް، ދީނީ ކަންކަމަށް ފަރުވާތެރިވީ ނަމަވެސް، އެމީހެއްގެ އަޚުލާގާއި މިޒާޖު ނުބައިވެދާނެއެވެ. ކޮންމެ އަހަރަކު ޙައްޖަށްދާ މީހަކީވެސް އިންތިހާއަށް ރުޅިގަދަ މީހަކަށް ވެދާނެއެވެ.

ކައިވެނީގެ ގުޅުމާ ބެހޭގޮތުން މާތް ﷲ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބަޔާންކުރައްވާފައިވަނީ: " وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ ‎﴿٢١﴾‏ މާނައީ: ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ. (21) 

މި އާޔަތުގައިވާ "لِتَسْكُنُوا" (ހިތްހަމަޖެހުން ލިބިގަތުމަށް) މިއީ ކައިވެނީގެ އަސާސީ މަގުސަދެވެ. "ލޯތްބާއި އޯގާތެރިކަން" (مَوَدَّةً وَرَحْمَةً) އަންނަނީ އޭގެ ފަހުންނެވެ. އެހެންކަމުން، އެންމެ އިސްކަންދޭންޖެހޭ ކަމަކީ "ހިތްހަމަޖެހުމާއި އަމާންކަން" (Peace) ހޯދުމަށެވެ. 

ބައެއް ފަހަރު ތިބާ މީހަކު ދެކެ ލޯބިވީ ނަމަވެސް، އެމީހަކަށް އިހުތިރާމް ނުކޮށްފާނެއެވެ. ނުވަތަ ތެދުވެރިކަމެއް ނެތި، އާއިލާއަށް ނަފުރަތު ކޮށްފާނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ދިރިއުޅުމުގެ ހަމަޖެހުން ގެއްލިގެންދެއެވެ. ލޯބި އޮތަސް ހިތްހަމަޖެހުމެއް ނެތް ނަމަ، ކައިވެނީގެ އަސްލު މަގުސަދު ފުރިހަމައެއް ނުވާނެއެވެ. ކައިވެނީގެ އެންމެ ބޮޑު އަމާޒަކީ ހަމައެކަނި ލޯތްބެއް ނޫނެވެ؛ އެއީ ﷲ މިންވަރުކުރައްވާ އެއްޗެކެވެ. ތިބާގެ މަގުސަދަކަށް ވާންޖެހޭނީ ހިތްހަމަޖެހުމާއި އަމާންކަން ލިބޭނެ ފަދަ ބައިވެރިއަކު އިޚްތިޔާރު ކުރުމެވެ.

 

- މިއަދުނޫސް

 

                   

                   

މިއަދު އޮންލައިން