ތިބާއަކީ ހެޔޮލަފާ ރަނގަޅު މީހަކުކަމަށް ﷲ ތަޢާލާގެ ޙަޟްރަތުގަ ހެކިދޭނެ ގިނަ ބައަކު ލިބެން އޮތް ގޮތާ އެކަމުގެ ސަބަބުން ތިބާއަށް ސުވަރުގެވާނެކަން އެނގެން އޮތް ޙަދީޘް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ތިބާއަކީ ހެޔޮލަފާ ރަނގަޅު މީހަކުކަމަށް ﷲ ތަޢާލާގެ
ޙަޟްރަތުގަ ހެކިދޭނެ ގިނަ ބައަކު ލިބެން އޮތް ގޮތާ އެކަމުގެ ސަބަބުން ތިބާއަށް
ސުވަރުގެވާނެކަން އެނގެން އޮތް ޙަދީޘް-

އަހުރެމެން މުސްލިމުން އެންމެ ބޮޑަށް ވާދަކުރަން

އޮތް އެއްކަމަކީ އެހެން މީހުންނަށް ހެޔޮކޮށް ހިތުމެވެ. އެހެންކަމާއިއެކުވެސް އެކަން އެބަ ކުރެވޭ ހެއްޔެވެ؟ ވީމާ މިޙަދީޘްފުޅަށް ވިސްނައިލަމާ ހިނގާށެވެ.

އެއްދުވަހަކު ޞަޙާބީންނާއިއެކު ރަސޫލް (ﷺ) ހުންނަވަނިކޮށް މައްޔިތަކު ވަޅުލަން ގެންދެވުނެވެ. އެމީހާއަކީ ހެޔޮ ލަފާ، ސުވަރުގެ ޙައްޤު މީހެއްކަމަށް ޞަހާބީން ދެންނެވުމުން އެބަސްފުޅު ޤަބޫލުފުޅު ކުރައްވަވައި އޭނާއަކީ ސުވަރުގެ ޙައްޤު މީހެއް ކަމަށް ރަސޫލް (ﷺ) ބަޔާން ކުރެއްވެވިއެވެ. އަދި ދެވަނައަށް ގެންދެވުނު މީހާއަކީ ނުބައި ނުލަފާ މީހެއް ކަމަށާއި އެއީ ނަރަކަ ޙައްޤު މީހެއްކަމަށް ޞަޙާބީން ބަޔާން ކުރެއްވެވުމުން އޭނާއަކީ ނަރަކަ ޙައްޤު މީހެއް ކަމަށް ވެސް ރަސޫލް (ﷺ) ވަނީ ބަޔާން ކުރައްވަވައިފައެވެ.

މިކަމުން އެނގިގެންދަނީ އަހަރެމެން ކޮންމެ މީހަކީވެސް ހެކިވެރިއެއް ކަމެވެ. މީސްތަކުން ޙައްޤު ގޮތުގައި ދޭ ހެކިބަހުގެ ސަބަބުން މީހާއަށް ސުވަރުގެ ދެއްވަވާނެ ކަމެވެ. އަދި ނަރަކަވަންތަވެރިއަކަށްވެސް ވެދާނެ ކަމެވެ. 

ބައެއް ޤައުމުތަކުގައި ބާއްވާ ސިޔާސީ އެއްވުންތަކުން އެތައް ލައްކަ، އެތައް މިލިއަން މީހުން ފެނިގެން އެބަދެއެވެ. ސުވާލަކީ އެ އެންމެންނަކީ އެމީހާ މަރުވުމުން އެއީ ސުވަރުގެ ޙައްޤު މީހެއް ކަމަށް ހެކިދޭނެ މީހުން ހެއްޔެވެ؟ އެހެންކަމަށް ނުވާނަމަ އެކަމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ގަދައަޅައި މަސައްކަތްކުރަންވީ ތިމާ މަރުވުމުން ތިމާއަކީ ހެޔޮލަފާ، ސުވަރުގެ ޙައްޤު މީހެއް ކަމުގައި ބުނާނެ މީހުން ގިނަކުރުމަށެވެ. ތިމާގެ ޖަނާޒާގައި ބައިވެރިވެ ހެޔޮ ދުޢާކޮށްދޭނެ މީހުން ގިނަކުރުމަށެވެ. އާޚިރަތަށް ފައިދާކުރާނީ އެއިރުންނެވެ.

 

މީސްތަކުންނަށް އޯގާތެރިވެ ދީލަތިވާންވީ އެ ސަބަބަށްޓަކައެވެ. ގިނަގިނައިން ޞަދަޤާތްކުރަންވީ އެ ސަބަބަށްޓަކައެވެ. މީސްތަކުންގެ މުހުތާދުތައް ވެވުނުހައި ގިނައިން ފުއްދައިދޭންވީ އެހެންވެގެންނެވެ. އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވެ ހެޔޮ ދުޢާކޮށްދޭންވީ އެސަބަބަށްޓަކައެވެ.

 

ހަމަ އެއާއިއެކު ވިސްނައިލާށެވެ. އަމިއްލަ ޢާއިލާއަށް، އަނބިދަރިންނަށާއި މައިންބަފައިންނަށް އޯގާތެރިވެ ލޯބިދިނުމަކީވެސް ގިނަ ބައެއްގެ ހެޔޮ ދުއާ ލިބިގެންދާ ކަމެކެވެ. އެފަދަ މީހުން މަރުވުމުން މީސްތަކުން ބުނާނެތެވެ. އޭނާއަކީ އޭނާގެ މައިން ބަފައިންނަށް، އަނބިދަރިންނަށް ހާދަހާ ހެޔޮ ރަނގަޅު މީހެކެވެ.

 

އެހެންކަމާއިއެކުގައިވެސް ދަންނާށެވެ! މީސްތަކުންނަށް އެހީތެރިވެދީ ޞަދަޤާތްކޮށް ހަދަންވާނީ ﷲ ތަޢާލާއަށްޓަކައެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބަށް އެދިގެންނެވެ. ދެއްކުންތެރިކަމުގެ ނިޔަތަކު ނޫނެވެ. ﷲ ތަޢާލާ ބައްލަވައި ވޮޑިގަންނަވާނީ މީހާގެ ނިޔަތަށެވެ.

 

ސުވަރުގެ ލިބިގަތުމަށް ކުރާ މަސައްކަތް ކުރުމުގައި ގަދައަޅައި މަސައްކަތްކުރަންވީ ކުރިން ބުނި ފަދައިން ތިމާ މަރުވުމުން އެހެން މީހުންގެ ހެޔޮ ދުޢާ ލިބޭނެ އަމަލުތައް ވީހައި ގިނަކުރުމަށެވެ. ހިތާމައަކީ އެކަމަށް ވިސްނާ މީހުން މަދުކަމާއި ދުނިޔަވީ ކަންކަމުގައި ތާއީދުކުރާނެ މީހުން ގިނަ ކުރަން މަސައްކަތް ކުރެވޭ ކަމެވެ.

 

ޚުލާޞާއަކީ މީސްތަކުންގެ ތެރެއިން ގިނަ ބައަކު މީހަކާއިމެދު އެމީހަކީ ސުވަރުގެ ޙައްޤު މީހެއްކަމަށް ހެކި ދީފިނަމަ އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ. އަދި އެމީހަކީ ނަރަކަ ޙައްޤު މީހެއް ކަމަށް ހެކި ދީފިނަމަ އެމީހަކު ނަރަކައަށް ވައްދަވާނެތެވެ. ކުރިން ބަޔާންކުރި ޙަދީޘްފުޅުން އެކަން އެނގިގެންދެއެވެ.

 

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން