ބޭވަފާތެރިން މިހާގިނަވަމުންމިދަނީ ކީއްވެތޯ؟ ގިނަ ބައަކު ސުވާލުކުރެއެވެ. މިކަމުގަ ފާހަގަކުރަންޖެހޭ އެއްކަމަކީ މިސުވާލުކުރާ ގިނަބައަކުވެސް ބޭވަފާތެރިންގެތެރޭގައި ހިމެނޭ ކަމެވެ. ވީމާ މިއީ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހިފައިވާ އެއް މައްސަލައެވެ.
ބައިވެރިޔާއަށް ވަފާތެރި ދިރިއުޅުމެއް ގިނަ ބައަކަށް ނުއުޅެވެނީ އެކަމުން ކުރާނެ ފައިދާ ދަސްނުކުރެވޭތީއެވެ. އަޚްލާޤީ ފިލާވަޅުތައް ލިބިނުގަނެވޭތީއެވެ. މިކަމުގައި ޝައިޠޯނާ ވަރަށް ހުޝިޔާރެވެ! ބޭވަފާތެރިވާން ދަސްކޮށްދެއެވެ. އެކަމަށް މަގުފަހިވެސް ކޮށްދެއެވެ. ވަފާތެރިން މަދުވެ ބޭވަފާތެރިވުމުގެ މައްސަލަތައް ގިނަވެ އިތުރުވަމުން މިދާ ސަބަބަކީ އެއީއެވެ.
ޢާންމު ގޮތެއްގައި ކޮންމެ ދެމީހަކުވެސް ކައިވެނިކުރަނީ ވަރަށް ލޯބިންނެވެ. ދެމީހުންގެ މެދުގައި އެތައް ބައިވަރު ވަޢުދުތަކާއި ޢަހުދުތައްވެ ޢުމުރަށް ލޯބިން، ވަފާތެރިކަމާއިއެކު ލޯބިން ދިރިއުޅޭނެކަމަށް ހުވާތައް ކުރަމުންނެވެ. ނަމަވެސް ގިނައީ އެވަޢުދުތަކާއި ހުވާތައް ދާދި އަވަހަށް އުވާލައި ބޭވަފާތެރިވާ މީހުން ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
އެހެންވެ ބުއްދިވެރިއަކު ބުނެފައިވާ ބަސްކޮޅެއް ހާމަކޮށްލާނަމެވެ.
"ސާފުކިރުފޮދަކަށް ޒަހަރުތިއްކެއް އެޅުމުން މުޅި ކިރުފޮދު ޒަހަރަށް ބަދަލުވާފަދައިން ބޭވަފާތެރިކަމުގެ ކިތަންމެ ކުޑަ ޢަމަލަކުންވެސް ތެދުވެރި ލޯބި ގެއްލި ޢުމުރަށް ބޮޑު ވިހައަކަށްވެދާނެއެވެ."
ބަސްކޮޅު ވަރަށް ކުރެވެ. ނަމަވެސް ބުނެފައި އެވަނީ ވަރަށް ފައިދާހުރި ވާހަކައެކެވެ.
ކިރުތަށްޓަކީ ކިތަންމެ ސާފު، ޠޯހިރު ކިރުތަށްޓެއް ނަމަވެސް އެއިގެ ތެރެއަށް ޒަހަރުގެ ތިއްކެއް އެއްކުރެވުނުނަމަވެސް އެކިރުތަށި ބޯން އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. ތިމާގެ ފުރާނައަށް ލިބިދާނެ ގެއްލުމަކަށް ބިރުންނެވެ. ފުރާނައަށް އެއްވެސް މިންވަރެއްގެ ނުރައްކަލެއް ކުރިމަތިވާން ބޭނުން ނުވާނެތީއެވެ.
ހަމަ އެފަދައިން ކިތަންމެ ލޯބިން ދިރިއުޅެމުން އައިނަމަވެސް ބޭވަފާތެރިވުމުގެ ޢަމަލެއް ހިންގައިފިނަމަ އިތުބާރާއި ލޯބި ގެއްލި އެއީ މުޅި ޢުމުރަށްވެސް ދެމިގެންދާ ކަމަކަށްވެގެންދެއެވެ. ވީމާ އެކަންވެގެންދަނީ ދިރިއުޅުމަށް ލެވޭ ވިހައަކަށެވެ.
މިއީ އެންމެންވެސް ޤަބޫލުކުރާ ކަންކަމެވެ. ނަމަވެސް މައްސަލައަކަށްވަނީ ސަމާލުކަން ނުދެވޭ ކަމެވެ. އިޙްމާލްވެވޭކަމެވެ. ސަމާލުކަންދީ އިހްމާލްވެވިއްޖެނަމަ މުޅި ޢުމުރަށްވެސް އެކަމުގެ ފައިދާކުރާނެއެވެ. އިން ޝާ ﷲ
--އަލަފް / މިއަދުނޫސް