އަންހެނަކަށްވީތީ ކރިމަތިލާންޖެހޭ ބައެއް ޙާލަތްތަކުގެ ސަބަބުން ބައެއް އަންހެނުން މާޔޫސްވެއެވެ. އެއީ އަޅުކަމާއި ދުރުހެލިވާންޖެހޭތީއެވެ. ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ އެއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ސަބަބަކީ ތިބާ އަޅުކަންކުރަމުން ދަނިކޮށް އެޙާލަތު ތިބާއަށް ކުރިމަތިކުރެއްވެވީ އަޅުކަން ކުރަން ތިބާއަށް އެންގެވި ﷲ ތަޢާލާ ކަމުގައިވާތީއެވެ.
ތިބާގެ ޞިއްޙީ ޙާލަތާއި އެހެންވެސް ހުރިހާ ޙާލަތުތަކެއް ތިބާއަށްވުރެ މާބޮޑަށް، މާމޮޅަށް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. މިޘާލަކަށް ތިބާގެ ހަށިގަނޑުގައި ބައްޔެއް ހުރެމެ އެކަން ތިބާއަށް ނުއެނގިހިނގައިދާނެއެވެ. ޓެސްޓްތަކުންވެސް ނުދައްކައިފާނެއެވެ. ނަމަވެސް ﷲ ތަޢާލާ އެކަން ދެނެވޮޑިގެންވެއެވެ.
ދެން އޮތީ ހިނައި ޠޯހިރުވެގެން ކުރަންޖެހޭ އަޅުކަން ނުކުރެވުމުގެ މައްސަލައެވެ. އެކަމުގައި ފުރަތަމަ ކަމަކަށް ކުރިން ބުނިފަދައިން ވިސްނާށެވެ. މިޙާލަތު ކުރިމަތިކުރެއްވެވީ، އަދި ޙާލަތު ބަދަލުކުރައްވަވާނީވެސް ﷲ ތަޢާލާ ކަމެވެ. ހަމައެއާއިއެކު ވިސްނާށެވެ! ޢާންމު ގޮތަކަށް ބަލާނަމަ ފިރިމީހާއަށާއި ދަރިންނަށް އަދި ޢާއިލާގެ އެހެން މީހުންނަށްވެސް ކައްކައި ކާންހަދައިދިނުމަކީ އަންހެނުން ކުރާކަމެކެވެ. އެމަސައްކަތްވެސް ތިމާ އެމަސައްކަތް މިކުރަނީ ﷲ ތަޢާލާއަށްޓަކައި ކަމަށް ނިޔަތްގަނެގެން ކޮށްފިނަމަ އެއީވެސް އަޅުކަމެކެވެ. ދަރިންބެލުމާއި ގޭގެ މަސައްކަތްވެސް އެގޮތަށް ނިޔަތް ގަނެގެން ކުރުމުންވާނީ ކުރި އަޅުކަމަކަށެވެ.
އެހެންކަމަށްވާއިރު ތިމާއަށް ކުރެވޭ އަޅުކަން މަދުވެގެން އުލެންޖެހޭނެ އެއްވެސް މުސްލިމް އަންހެނަކު ނުހުންނާނެއެވެ. މައްސަލައަކަށްވަނީ ނިޔަތުގެ ސބަބުންނެވެ. އަޅުކަމަކަށްނުވާގޮތަށް ކުރެވޭތީއެވެ. ކުރާ ހިތުން އިޚްލާޞްތެރިކަމާއިއެކު ނުކުރެވޭތީއެވެ.
- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން