މުޖުތަމަޢަށް ބަލައިފިނަމަ ޢުމުރުން ދުވަސްވީ ގިނަ އަންހެނުންތަކެއް އެއްވެސް ވަޒީފާއެއް ނެތި ބާކީވެ ވަރަށް ދަތިޙާލުގަ އުޅެމުންދާތަން ފެންނާނެއެވެ. އެއީ ކީއްވެގެންކަމާއިމެދު އެބަ ވިސްނަމު ހެއްޔެވެ؟
ވިސްނާށެވެ! ކައިވެނިކުރީ ޢުރުން 20 އަހަރުގައެވެ. އެހިސާބުން އޭނާ ކިޔަވަންފަށަނީ ގެއިންނެވެ. ޚިދުމަތްކުރަނީ ފިރިމީހާއަށާއި ދަރިންނަށާއި ޢާއިލާއަށެވެ. މަސައްކަތުގެ ތަޖުރިބާ ހޯދަނީ ކުރާ ޚިދުމަތުންނެވެ.
ޢުމުރުން 50 އަހަރުވާއިރު ހުންނާނީ 30 އަހަރު ގެއިން ކިޔެވި މަސައްކަތުގެ ތަޖުރިބާ ލިބިފައި ނޫންހެއްޔެވެ؟ އެހެންކަމުން ދެން އޮންނާނީ މަރުވަންދެން ވަޒިފާޔަޤީންކޮށްދިނުން ނޫންހެއްޔެވެ؟ އެކަމަކު ކަންކަން މެދުވެރިވަނީ އެހެނެއް ނޫނެވެ. ވަރިކޮށް ނިކަމެތިކޮށްލެވެނީއެވެ. ކިޔެވި އެއްޗަކާ ހޯދިތަޖުރިބާ އުވިގެންދިއައީއެވެ.
އެޙާލަތުގައި އޭނާއަށް ދިރިއުޅެން ބޭނުންވާ ޚަރަދުކުރާނެ މުސާރަ ލިބޭ ވަޒީފާއެއް ހޯދަން އުޅުމުން ވަޒީފާދޭނީ ކާކުހެއްޔެވެ؟ މުސާރަދޭ މީހާ އޭނާލައްވައި ކުރުވަން ބޭނުންވާ މަސައްކަތަށް ތަޢުލީމު ލިބިފައެއް ނެތެވެ. އެމަސައްކަތަށް ތަޖުރިބާއެއްވެސް ނެތެވެ.
އަހުރެން މިބުނި ވާހަަކކޮޅަށް ފުންކޮށްވިސްނާށެވެ. ތިމާއަށް ޚިދުމަތްކޮށް ޢުމުރުގެ އަގުހުރި ދުވަސްތައް ނަގައިލި އަނބިމީހާ މިބުނިމަގުން ނިކަމެތިކޮށްނުލާށެވެ. ތިބާއަށް ކުރިއެރުމާ ތަނަވަސްކަން ލިބިފައި ތިއަހުރީ އެއަނބިމީހާ ތިބާއަށްޓަކައި ކުރި ޚިދުމަތުންނެވެ. އެކަމުގެ އަގުވަޒަން ނުކުރާ މީހުންނަށް ﷲ ގެ ލަޢްނަތް ޙައްޤުވާނެއެވެ. އެއީ ބިރުހުރި ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން