ކައިވެނީގެ ބައިވެރިޔާގެ ކިބައިން ޙާޞިލުކުރަންޖެހޭ އެންމެ މުހިންމު މަޤްޞަދު-: ޑރ. ނޫމާން އަލީ ޚާން

ކިޔުމަށް ހޭދަވާނީ 2މ 45ސ
ކައިވެނީގެ ބައިވެރިޔާގެ ކިބައިން ޙާޞިލުކުރަންޖެހޭ އެންމެ މުހިންމު މަޤްޞަދު-: ޑރ. ނޫމާން އަލީ ޚާން

ޢާއިޝަތު ރަފާޙް ޢަލީ

 

ޒަވާޖީ ޙަޔާތެއްގެ ބިންގާ އެޅުމަށްޓަކައި ބައިވެރިއަކު އިޚްތިޔާރުކުރާއިރު، އަމިއްލަ ނަފްސާ ކޮށްލަންޖެހޭ އެންމެ މުހިންމު ސުވާލަކީ، "އަހަރެންގެ ހިތަށް ހަމަޖެހުމާއި މަސަލަސްކަން ލިބެނީ ކޮން ކަމަކުންތޯ؟" މިއެވެ. ހަޔާތުގެ ބައިވެރިއަކީ ތިމާގެ ހިތަށް ފިނިކަން ގެނެސްދޭ، އޭނާއާ ވާހަކަދައްކާލުމުން ހާސްކަމާއި ނުތަނަވަސްކަން ފިލައި، ރުޅިވެރިކަން ނެތިގެންދާ ފަދަ އަމާން ބަނދަރަކަށް ވާންޖެހެއެވެ.  

ދިރިއުޅުމުގެ ތޫފާންތަކާއި ގޮންޖެހުންތަކުގެ ތެރޭގައި، ބައިވެރިޔާއަކީ ތިމާއަށް އޮތް ރައްކާތެރި ހިމާޔަތަކަށް ވާންޖެހެއެވެ. ކައިވެނީގެ މުޤައްދަސް ގުޅުން ގާއިމުކުރަންވާނީ މިފަދަ މަތިވެރި ސިފަތަކުން ޒީނަތްތެރިވެފައިވާ މީހަކާ އެކުގައެވެ. 

ކަންމިހެން ހުރިއިރު، ކައިވެނީގެ ކުރިން މުޢާމަލާތްކުރާއިރުވެސް އެމީހެއްގެ ކިބައިން ނޭދެވޭ އަޚްލާޤާއި، ރުޅިވެރިކަމާއި، ބޮޑާކަމުގެ އިތުރުން މުޢާމަލާތްކުރުމުގައި ދަތިތައް ފެންނަނަމަ، އެކަންކަމަށް ފަރުވާކުޑަކޮށްގެން ނުވާނެއެވެ. ލޯބީގެ ނަމުގައި އެފަދަ ސީރިއަސް މައްސަލަތަކަށް ލޯމަރާލައިގެން ކުރާ ކައިވެނިތަކުން ދިރިއުޅުމުގެ ބާއްޖަވެރިކަން ގެއްލިގެންދާނެކަމީ ކަށަވަރު ކަމެކެވެ. ސަބަބަކީ، ކައިވެނީގެ އެންމެ އަސާސީ މަޤްޞަދަކީ ދެމަފިރިންގެ ދެމެދުގައި އުފާވެރިކަމާއި ހިތްހަމަޖެހުން ޤާއިމުވުމެވެ.

ޒުވާނުން ކައިވެނީގެ ގުޅުމުން ގުޅުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ އެކަކު އަނެކަކަށް ހިތްހަމަޖެހުން ލިބޭނެ މަގުތައް ހޯދުމަށެވެ. "ބައިވެރިޔާއަށް އުފާވެރިކަން ލިބެނީ ކޮން ކަންތައްތަކަކުންތޯއާއި، އެކަމުގައި ތިމާއަށް ވެދެވޭނީ ކޮން އެހީތެރިކަމެއްތޯ؟" މިއީ އަބަދުވެސް އޮޅުންފިލުވަންޖެހޭ މުހިންމު ކަންކަމެވެ. މާތްﷲ ވަނީ "لِتَسْكُنُوا إِلَيْهَا" (އެކަނބަލުންގެ ފަރާތުން ތިޔަބައިމީހުންނަށް ހިތްހަމަޖެހުން ލިބުމަށްޓަކައި) މިފަދައިން ވަޙީކުރައްވައި، ކައިވެނީގެ ތެރެއިން 'ސަކީނަތް' ނުވަތަ މަސަލަސްކަން ހޯދުމަށް އިރުޝާދު ދެއްވާފައެވެ. ގިނަ ކައިވެނިތައް ރޫޅި، އާއިލީ އޮނިގަނޑު ބަރުބާދުވަނީ މި ދެންނެވި ހަމަޖެހުމާއި އަމާންކަން ގެއްލުމުގެ ސަބަބުންނެވެ. 

ކިޔަވާ ކުދިންނަށް އޮތް ނަސޭހަތަކީ، ނޭދެވޭ އާދަތަކާ ދުރުވެ، ހެޔޮލަފާ ރަޙުމަތްތެރިން އިޚްތިޔާރުކޮށް، ސާފު މަޤްޞަދެއް އޮވެގެން މުސްތަޤުބަލަށް ތައްޔާރުވުމެވެ. އަދި ހާއްސަކޮށް އަންހެން ކުދިން، މުސްތަޤުބަލުގެ ބައިވެރިޔާއާ މެދު ވިސްނައި މާބޮޑަށް ނުތަނަވަސްވާކަށް ނުޖެހެއެވެ. މާތްﷲގެ މިންވަރުފުޅަށް ފުރިހަމައަށް އިތުބާރުކޮށް، ތިމާގެ ތަޢުލީމާއި އަމިއްލަ ކުރިއެރުމަށް ސަމާލުކަން ދޭށެވެ.

ދިރިއުޅުމުގައި ސާފު ލަނޑުދަނޑިތަކެއް ކަނޑައަޅައި، އެކަންކަން ޙާޞިލުކުރުމަށް މަސައްކަތްކުރާނަމަ، ތިމާއާ އެކަށީގެންވާ ހެޔޮލަފާ ބައިވެރިއަކު މާތްﷲ މިންވަރުކުރައްވާނެއެވެ. ބައިވެރިއަކު ހޯދުމަށް މާބޮޑަށް ތަޅާފޮޅުމުގެ ބަދަލުގައި، އަމިއްލަ ނަފްސަކީ ހަރަކާތްތެރި، ވިސްނުންތެރި އަދި އުފެއްދުންތެރި މީހަކަށް ހަދާށެވެ. މުސްލިމަކަށް ވުމުގެ މަތިވެރި ނިޢުމަތަކީ ދިރިއުޅުން ފުރިހަމަވުމަށް އޮތް އެންމެ ބޮޑު ބާރެވެ. އެހެންކަމުން، އުންމީދާއެކު ކުރިއަށްދާށެވެ. އެއީ އުނދަގޫ ކަމެއް ނޫނެވެ.

 

- މިއަދުނޫސް

 

                   

                   

މިއަދު އޮންލައިން