ޢަލީ އިޙްޞާން ފިރާޤް
ޚުލުޤުފުޅު:
އައްސައްޔިދާ މަރްޔަމް ޢަލައިހާ ސަލާމްއަކީ، ކީރިތި ޤުރްއާނުގައި އެކަމަނާގެ މާތް އަޚުލާޤުގެ ވާހަކައިން އީމާންވެއްޖެ މީސްތަކުންނަށް މިސާލު ޖައްސަވައިފައިވާ ކަނބަލެކެވެ. ކީރިތި ޤުރްއާނުގައި އެކަމަނާ ސިފަކުރައްވައިފައިވަނީ ވަރަށް ޢިއްފަތްތެރި އުޅުއްވުން ރީތި ކަނބަލެއްގެ ގޮތުންނެވެ. އެގޮތުން ޤުރްއާނުގެ ތަޙްރީމު ސޫރަތުގެ 12 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَمَرْيَمَ ابْنَتَ عِمْرَانَ الَّتِي أَحْصَنَتْ فَرْجَهَا فَنَفَخْنَا فِيهِ مِن رُّوحِنَا وَصَدَّقَتْ بِكَلِمَاتِ رَبِّهَا وَكُتُبِهِ وَكَانَتْ مِنَ الْقَانِتِينَ ﴿١٢﴾
މާނައީ: [އަދި عمران ގެ ދަރިކަނބަލުން مريم ގެފާނުގެ مثال ވެސްމެއެވެ. އެކަމަނާއީ، އެކަމަނާގެ فرج ރައްކާތެރިކުރެއްވި ކަމަނާއެވެ. ފަހެ، ތިމަންރަސްކަލާނގެ روح ފުޅުން އެކަމަނާގެ ގައިކޮޅަށް ފުމެލެއްވީމެވެ. އަދި އެކަމަނާގެ ވެރިރަސްކަލާނގެ كلمة ފުޅުތަކާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތައް އެކަމަނާ ތެދުކުރެއްވިއެވެ. އަދި އެކަމަނާ ވަނީ، ކިޔަމަންތެރި އަޅުވެރިންގެ ތެރެއިންނެވެ.]
އައްސައްޔިދާ މަރްޔަމުގެފާނުގެ ޢިއްފަތްތެރިކަމާއި އަޚްލާޤުގެ ފުރިހަމަކަން ދޭހަވާ އަނެއް ޙާދިޘާއަކީ، ޖިބްރީލުގެފާނު ފުރިހަމަ ފިރިހެނެއްގެ ސިފައިގައި އެކަމަނާއަށް ފެނިވަޑައިގެންނެވުމުން އެކަމަނާ ކަންތައް ކުރެއްވި ގޮތްކޮޅެވެ. ފިރިހެނެއްގެ ސިފައިގައި އެ މަލާއިކަތާ ފެނިވަޑައިގެންނެވުމުން އެކަމަނާ ވަރަށް ކަންބޮޑުވެވަޑައިގެންނެވިއެވެ. މިވާހަކަ މަރްޔަމުގެ ސޫރަތުގެ 18 ވަނަ އާޔަތުގައި ޙިކާޔަތުގެ ގޮތުން މާތްﷲ ވަޙީ ކުރައްވާފައިވަނީ މިދަންނަވާ ފަދައިންނެވެ.
قَالَتْ إِنِّي أَعُوذُ بِالرَّحْمَـٰنِ مِنكَ إِن كُنتَ تَقِيًّا﴿١٨﴾
މާނައީ: [އެކަމަނާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިބާގެ ކިބައިން ސަލާމަތް ކުރެއްވުމަށް، رحمن ވަންތަ ރަސްކަލާނގެ حضرة ން އަހުރެން ވާގިއެދި، ރައްކާތެރިކަން ލިބިގަންނަމެވެ. ތިބާއަކީ (اللَّه އަށް) ބިރުވެތިވާ މީހަކު ކަމުގައި ވަނީނަމައެވެ.]
މީގެ އިތުރުން ކީރިތި ޤުރްއާނުގައި މަރްޔަމުގެފާނު ސިފަކުރައްވައިފައިވަނީ ޞިއްދީޤާއެއް ކަމުގައެވެ. ޞިއްދީޤުންނަކީ ބަހާއި ޢަމަލުގައި ތެދުވެރީންނެވެ. މާއިދާ ސޫރަތުގެ 75 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
مَّا الْمَسِيحُ ابْنُ مَرْيَمَ إِلَّا رَسُولٌ قَدْ خَلَتْ مِن قَبْلِهِ الرُّسُلُ وَأُمُّهُ صِدِّيقَةٌ ۖ كَانَا يَأْكُلَانِ الطَّعَامَ ۗ انظُرْ كَيْفَ نُبَيِّنُ لَهُمُ الْآيَاتِ ثُمَّ انظُرْ أَنَّىٰ يُؤْفَكُونَ ﴿٧٥﴾
މާނައީ: [رسول އަކު ކަމުގައި މެނުވީ مريم ގެފާނުންގެ ދަރިކަލުން المسيح ނުވެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ކުރިންވެސް رسول ން އިސްވެގޮސްފައިވެއެވެ. އެކަލޭގެފާނުގެ މައިކަނބަލުންނަކީ ތެދުވެރި ބޭކަނބަލެކެވެ. އެ ދެމައިކަނބަލުން (އެހެނިހެން މީހުންފަދައިން) ކާތަކެތި ފަރިއްކުޅުއްވައި އުޅުއްވިއެވެ. ތިމަންރަސްކަލާނގެ އެއުރެންނަށް آية ތައް (އެބަހީ: ހެކިތައް) بيان ކޮށްދެއްވަނީ ކޮންފަދަޔަކުންކަން ދެކޭށެވެ! ދެން އެއުރެން (حق ގެމަގުން) އެއްކިބާވަނީ ކޮންފަދަޔަކުންކަން ދެކޭށެވެ!]
ޝައްކެއް ނެތް ގޮތުގައި މަރްޔަމުގެފާނަށް ޞިއްދީޤެއްގެ ދަރަޖައަށް ވާޞިލުވެވަޑައިގެންނެވުނީ ތަޙްރީމު ސޫރަތުގެ 12 ވަނަ އާޔަތުގައިވާ ފަދައިން އެކަމަނާގެ ވެރިރަސްކަލާނގެ كلمة ފުޅުތަކާއި، އެކަލާނގެ (ބާވައިލެއްވި) ފޮތްތައް އެކަމަނާ ތެދުކުރެއްވި ކަމުގެ ސަބަބުންނެވެ. ކިޔަމަންތެރިކަމާއި އަޅުވެރިކަމުގެ ސަބަބުންނެވެ.