ބޮޑުޢީދު ކައިރިވަނީ! މިޔުޒިކަށް ސަމާލުވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 5ސ
ބޮޑުޢީދު ކައިރިވަނީ! މިޔުޒިކަށް ސަމާލުވޭ!

"ޢިލްމްވެރިންގެ ތެރެއިން މަދުބައަކު ނަމަވެސް މިޔުޒިކް ހުއްދަކުރައްވާފައިވާކަން އެނގެއެވެ. އެކަމަކު އެބޭކަލުންވެސް ހުއްދަކުރައްވަވާފައިވަނީ މިހާރު މިކުޅޭ މިޔުޒިކެއް ނޫނެވެ. މިހާރު މިކުޅޭ މިޔުޒިކް އެއްވެސް ޢިލްމްވެރިއަކު ހުއްދަކުރައްވާފައެއް ނުވެއެވެ." : މުފްތީ މެންކް

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!

މިޔުޒިކް ޢާންމުވަމުން އަންނަވަރު ބޮޑުކަމުން މިޔުޒިކްގެ ޙުކުމާއިމެދު ގިނަ ބައަކަށްވަނީ ބޮޑެތި އޮޅުންތައް އަރައިފައެވެ. މިޔުޒިކަކީ ބައެއް ބާވަތުގެ ބަލިތަކަށް ޝިފާ ލިބޭ ފަރުވާއެއް ކަމަށް ބުނެ ބައެއް ޑޮކްޓަރުން ދެމުން ގެންދާ ފަތުވާ ތަކުގެ އަސަރުވެސް ގިނަބައަކަށް އަންނަނީ ކުރަމުންނެވެ. އެއިގެ ތެރޭގައި ދީނަށް ޢަމަލުކުރަން މަސައްކަތްކުރާ ބައެއް މީހުންވެސް ހިމެނި ބައެއް ސުވާލުތައް ލިބެމުންދާތީ ދަންނަވަމެވެ. ތިރީގައިވާ ލިޔުމުން މިޔުޒިކްގެ ޙުކުމް ސާފުވެލައްވާނެއެވެ. އިން ޝާ ﷲ

މިއުޒިކާއި މިއުޒިކު ސާމާނުގެ ޙުކުމަކީ މިފަހަކަށް އައިސް އޭގެ ޙުކުމާމެދުގައި ވަރަށް ގިނަ ވާހަކަދެކެވެމުންދާ މައްސަލައެކެވެ. ޚާއްސަކޮށް އިސްލާމީ ޓީވީ ޗެނަލްތަކާ މަދަޙައަށް ޚާއްޞަ ޗެނަލްތައް ގިނަވުމާގުޅިގެންނެވެ. 

ހަތަރު މަޒުހަބުގެ ހުރިހާ އިމާމުން ވެސް (އަބޫޙަނީފާ، މާލިކު، އައްޝާފިޢީ، އަޙްމަދު رحمهم الله جميعا) ދެކެވަޑައިގަންނަވާގޮތުގައި މިއުޒިކަކީ ޙަރާމް އެއްޗެކެވެ. އަދި މިކަން ޙަރާމްވުމުގެ މައްޗަށް އިޖުމާޢުވެފައިވާކަމުގައި އެތައް ޢިލްމުވެރިންނެއް ރިވާކުރައްވައެވެ. އޭގެތެރޭގައި، އިމާމު އާޖުއްރީ، އަބުއްޠައްޔިބު އައްޠަބަރީ އައްޝާފިޢީ، އަދި އައްނަވަވީއާއި މިނޫން އެހެން ބޭކަލުންވެސް ހިމެނެއެވެ. އަލްޙާފިޡު އިބްނު އައްޞަލާޙް ވިދާޅުވިއެވެ. 

"ދަންނާށެވެ! ތާރަޖެހުމާއި އޮނުފުމުމާއި ލަވަކިޔުން އެކުވެއްޖެނަމަ އެއަޑުއެހުމަކީ ހަތަރު މަޒުހަބުގެ އިމާމުންގެ އަރިހުގައްޔާއި މުސްލިމުންގެ އެހެނިހެން ޢިލްމުވެރިންގެ އަރިހުގައިވެސް ޙަރާމް ކަމެކެވެ. އަދި އިޖުމާޢުވުމާއި އިޚްތިލާފުވުމުގެ މައްސަލަތަކުގައި އެބައެއްގެ ބަސްޤަބޫލުކުރެވޭވަރުގެ އެއްވެސް ބޭކަލެއްގެ އަރިހުން އެ އަޑުއެހުން އެއީ ހުއްދަކަމެއްކަމުގައި ނަޤުލުވެފައެއްނުވެއެވެ."

މި މައްސަލައާމެދު ޚިލާފު އުފެދުނީ ފަހުގެދުވަސްވަރެއްގައެވެ. އެއީ އިބްނު ޙަޒަމްއާއި އެހެން ބައެއް ބޭކަލުންގެ ފަރާތުންނެވެ. ނަމަވެސް އިސްލާމްދީނުގެ ގިނަ އިމާމުވެރިބޭކަލުންވަނީ މިރައުޔަށް ރައްދުދެއްވާ އިންކާރުކުރައްވާފައެވެ. މިއާމެދު އިބްނު ރަޖަބު ވިދާޅުވިއެވެ.

"އިހުގެ ދަންނަބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު މިއުޒަކަކީ ހުއްދަ އެއްޗެއްކަމުގައި ވިދާޅުވެފައެއް ނުވެއެވެ. އަދި އެއީ ހުއްދަ އެއްޗެއް ކަމުގައި ބުނެފައިވަނީ އެބައެއްގެ ބަހުގައި ހިފޭވަރު ބުރަދަނެއް ނެތް ޡާހިރީންނާއި ޞޫފީންގެ ތެރެއިން ބައެއް މީހުންނެވެ." 

މިހުރިހާ ދަލީލުތަކާއި ދަންނަބޭކަލުންގެ ބަސް މިކަމުގެ ޙަރާމްކަމާމެދު އައިސްފައިވާއިރުވެސް މިޒަމާނުގެ ބައެއްމީހުން، މިއުޒިކު ޙަރާމްކަމަށް ބުނާމީހުންނާ ދިމާލަށް ހަރުކަށި އަދި ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް ބުނެ ތުހުމަތުގެ އިނގިލި ދިއްކުރެއެވެ. އަދި އަނެއްބަޔަކު އެއީ ޒަމާނީ މައްސަލަތައް ނުވިސްނޭ، ބުއްދިކޮށި ޝާއްޛު ޤައުލުގައި ހިފާބައެއްކަމަށް ބުނެއެވެ. ހެއްކާއި ދަލީލުނެތި ބުނަން ނުވާވަރުގެ މިނޫންވެސް ބަސްތައް އެއްވެސް ޖެހިލުމެއްނެތި ބުނަމުންދެއެވެ. މީގައި އެންމެ ހައިރާންވާންޖެހޭކަމަކީ ދީނީ މައްސަލަތަކާމެދު ދިރާސާކުރެވޭނެ އަހުލުވެރިކަމެއް، ޤާބިލުކަމެއްނެތް ބަޔަކު ދަލުބޭރުން ޖެހިގެން ގެންނަމުންދާ ހިނިއަންނަ ޒާތުގެ އަޖާއިބެއްފަދަ ވާހަކަތަކެވެ. މީގެ ސަބަބުން މީސްތަކުން އެބައިމީހުންގެ ދީނުގައި ފިތުނަވެރިވެ މަގުއޮޅޭހިސާބަށް ހިނގައްޖެއެވެ. ދެން އަނެއް ޖަމާޢަތުގެ ބަޔަކު މާމޮޅު ގޮތެއްކަމުގައި ނަކަލުކުރީ ބަނީއިސްރާއީލު މީހުންގެ ގޮތެވެ. އެއީ ތޯއެވެ!؟ މިއުޒިކު ކުޅޭ ސާމާނުން ނެރޭ އަޑާއެއްވެސް ތަފާތެއްނެތް އަޑުތަކެއް އަނގައިންނާއި ކޮމްޕިއުޓަރުފަދަ ސާމާނުން ގެނެސްގެން ﷲ تبارك وتعالىގެ ޝަރީޢަތުގެ ކަންކަމާމެދު ޙީލަތްހަދަން އުޅެގަތީއެވެ. އެކަމަކު ޠާހިރުވެގެންވާ އިސްލާމީ ޝަރީޢަތުގައި އެއްގޮތް ކަންތައްތަކުގައި ޙުކުމް ތަފާތުވުމެއް ނުވެއެވެ. 

ހަރުކަށިކަން ނުވަތަ ފަރުވާކުޑަކަމާއި ދޫދިނުމުގެ މިންގަނޑު ކަނޑައެޅުމުގައި އަޅުގަނޑުމެން ބަލަންޖެހެނީ މީސްތަކުން އެކަމަކަށް އާދަވެފައިވާ ގޮތް ނުވަތަ އެބައިމީހުންގެ ގައުމުގައި ނުވަތަ ރަށުގައި ޢާންމުވެފައިވާ ގޮތަކަށް ނޫނެވެ. ބަލަންޖެހޭ އަދި ޢަމަލުކުރަން އޮތްގޮތަކީ ޝަރުޢީ ނައްޞުތައް ޙުކުމްވެރިކުރުމެވެ. އަދި ޝަރީޢަތުގެ ޙުކުމްފުޅުތައް މަތިވެރިކޮށް އެއަށް މާތްކޮށްހިތުމެވެ. އަދި ދީނީ ޙުކުމްތަކުގެ މައްޗަށް އަމިއްލަގޮތާއި ވިސްނުން އިސްކުރުމުން މުޅީން ދުރުވެ ރައްކައުތެރިވުމެވެ. 

 އަޅުގަނޑުމެން ހުރިހާ މުސްލިމުން އަދި ވަކިން ޚާއްޞަކޮށް ދީން ކުރިއެރުވުމަށްޓަކައި ތަފާތު ޙަރަކާތްތައް ރާވައިހިންގާ މީހުން، (އެއީ ކޮންމެ ފިކުރެއްގެ ބަޔެއްކަމުގައިވިއަސް) ސަމާލުކަންދޭންޖެހޭ އަދި އެގޮތެއްގެ މަތީގައި ތަރުބިއްޔަތު ވާންޖެހޭ މުހިއްމު ކަމެއްގެ ވާހަކަ މިތާ ފާހަނގަކޮށްލާނަމެވެ. އެއީ ޝަރުޢީ ނުޞޫޞުތައް (ﷲ ތަޢާލާގެ ވަޙީ ބަސްފުޅުތަކާއި رسول الله صلى الله عليه وسلمގެ ޙަދީޘްފުޅު) މަތިވެރިކޮށް އެއަށް ތަބާވުމެވެ. ދީނުގެ ޙުކުމްތަކަށް ތެދުވެރިކަމާއެކު ބޯލަނބައި ވަރުގަދައަށް އޭގައި ހިފުމެވެ. 

ﷲتعالىވަޙީކުރައްވާފައިވެއެވެ: 

(ثُمَّ جَعَلْنَاكَ عَلَىٰ شَرِ‌يعَةٍ مِّنَ الْأَمْرِ‌ فَاتَّبِعْهَا وَلَا تَتَّبِعْ أَهْوَاءَ الَّذِينَ لَا يَعْلَمُونَ ﴿١٨﴾ إِنَّهُمْ لَن يُغْنُوا عَنكَ مِنَ اللهِ شَيْئًا ۚ وَإِنَّ الظَّالِمِينَ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۖ وَاللهُ وَلِيُّ الْمُتَّقِينَ ﴿١٩﴾) [الجاثية: ١٨-١٩]

މާނައަކީ: "ދެން ތިމަންއިލާހު ދީނުގެ ކަންތަކުގައި (ފާޅުވެގެންވާ) ޝަރީޢަތެއްގެ މަތީގައި ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު އެޔަށް ތަބާވެވަޑައިގަންނަވާށެވެ! އަދި ނުދަންނަ މީހުންގެ އެދުންތަކަށް ކަލޭގެފާނު ތަބާވެވަޑައި ނުގަންނަވާށެވެ! [18] ހަމަކަށަވަރުން، އެއުރެންނަކަށް ﷲގެ ޙަޟްރަތުން ކަލޭގެފާނަކަށް އެއްވެސް ކަމެއް ފުއްދައެއް ނުދެވޭނެތެވެ. އަދި ހަމަކަށަވަރުން، އަނިޔާވެރިންނީ އެއުރެންގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންނެވެ. އަދި ﷲއީ، ތަޤްވާވެރިންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. [19]"

 

- އައްޝައިޚު ޙަސަން ނާޖީ

 

މިއަދު އޮންލައިން