ވިތުރިކުރަން ކުރެއްވެވި ވަޞިއްޔަތްފުޅަށް ވިސްނައިލިނަމަވެސް އެއީ ކުރަން ހުއްޓައިލާނެ ޢަމަލެއް ނޫން! މާމަތިވެރި އަޅުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ވިތުރިކުރަން ކުރެއްވެވި ވަޞިއްޔަތްފުޅަށް ވިސްނައިލިނަމަވެސް އެއީ ކުރަން ހުއްޓައިލާނެ ޢަމަލެއް ނޫން! މާމަތިވެރި އަޅުކަމެއް!

އަހުރެން ވަރަށް ކުރުކުރުކޮށް މިބުނެލަނީ ވަރަށް މުހިންމު ވާހަކައެވެ. ވަރަށް ފައިދާކުރާނެ ވާހަކައެކެވެ.  

ވިތުރި އާ ދަމުނަމާދަކީ ހަމައެކަނި ރަމަޟާންމަހު ކުރަން އޮތް އަޅުކަމެއްތޯ؟  

ހިތުގައި މިސުވާލު އުފެދެނީ ޖަވާބު ނުއެނގޭތީއެއްވެސް ނޫނެވެ. ގިނަ ބައެއްގެ ޢަމަލުތަކުން އެކަން ފެންނާތީއެވެ. ރަމަޟާން މަހު ތަރާވީޙާ ވިތުރި ނޫނީ ދަމުނަމާދާ ވިތުރި ކުރި މީހުން ރަމަމާންމަހަށްފަހު އެކަން ހުއްޓައިލާތީއެވެ.  

އަހުރެން މިބަލައިލަނީ ޙދީޘްފުޅަށެވެ. ޙަދީޘްފުޅުގައި އޮތީ ވިތުރި ނުކޮށް ނުނިދުމަށެވެ. ހަމައެކަނި ރަމަޟާން މަހަކު ނޫނެވެ. އަހަރުގެ ހުރިހާ ރެއެއްގައެވެ. އެކަމެއް ކުރުންމަތީގައި ދެމެތިބުމަށް ބާރުއަޅުއްވަވައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޞިއްޔަތެއް ކުރެއްވެވުމުން އެކަމެއް ބޮލާލައި ޖެހުމަކީ ކޮންމެ ފަދަ ނުބައި ގޮތެއް ހެއްޔެވެ؟

ހަމައެފަދައިން ތަހައްޖުދު ނަމާދު ނުވަތަ ދަމުނަމާދަކީވެސް އަހަރުގެ ހުރިހާ ރޭތަކެއްގައިވެސް ކުރަން އޮތް ނަމާދެކެވެ. ވީމާ ރަމަޟާން މަހަށްފަހުގައިވެސް ރޭއަޅުކަން ކުރުމުގައި ދެމިތިބެން ޖެހެއެވެ.  

މިއީ ހަނދުމަކޮށްލައިދިނުމެކެވެ. އާދާހެކެވެ. މިބުނެދިނީ ދުނިޔެއާއި އާޚިރަތް ކާމިޔާބުމަށް އެދިގެން ކޮންމެހެން ކުރަން ހިތްވަރުކުރަންޖެހޭ ކަމެކެވެ. އާނއެކެވެ! ސުންނަތަކަށް ފަރުޟުގެ ދަރަޖައެއް ނުދެވޭނެއެވެ. އެހެންކަމާއިއެކުވެސް އަހުރެމެންގެ ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިފަދައިން ކުރައްވަވާފައިވާ ވަޞިއްޔަތްފުޅުތަކުގެ މުހިންމުކަން ޤަބޫލުކޮށް ޢަމަލުކުރަންވާނެއެވެ. ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ދެކެ ލޯބިވާ މީހުންގެ ތެރެއިން ވެވޭނީ އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން