ދަރިންނާއިމެދު ޙާޞިލުކުރެވޭނެ އެންމެ ބޮޑު ކާމިޔާބީ ބައެއް މައިންބަފައިންނަށް އޮޅިއްޖެއެވެ. މަދު ބައަކަށް ނޫނެވެ. ގިނަ ބައަކަށެވެ. ވީމާ އެކަމުގެ މައްޗަށް ބަލައިލާނަމެވެ.
ބައެއް މީހުން ވަރަށް ފަޚުރުވެރިވެލާފައި ބުނެއެވެ. "އަހަރެންގެ 6 ފިރިހެން ދަރިން އެބަތިއްބެވެ. ހުރިހާ ދަރިންވެސް އުޅެނީ އަހަރެންގެ އަމިއްލަ ވިޔަފާރީގެ މަސައްކަތުގައެވެ."
ތިމާގެ ދަރިން ތިމާގެ ވިޔަފާރީގައި ބައިވެރިވެގެން ވިޔަފާރި ކުރިއަރުވަން މަސައްކަތްކުރުމަކީ ދުނިޔަވީ ގޮތުން ބަލައިފިނަމަ ހަމަ ރަނގަޅުކަމެކެވެ. ނަމަވެސް 20 ދަރިން ތިބެފައި އެހުރިހާދަރިން އެކުގައި ތިމާގެ އަމިއްލަ ވިޔަފާރީގައި އުޅުނު ނަމަވެސް ޤިޔާމަތް ދުވަހުން އެކަމުން ތިމާއަށް އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟
ފަޚުރުވެރި ބައްޕައަކީވެސް އަދި މަންމަ އަކީވެސް އެމީހެއްގެ ހުރިހާ ދަރިން ގޮވައިގެން ސުވަރުގެއަށް ވަންނަން މަސައްކަތްކުރާ މީހެކެވެ. އެންމެ ފަޚުވެރި ޢާއިލާއަކީ ޢާއިލާގެ އެންމެން އެކުގައި ސުވަރުގެ ވަދެވޭ ޢާއިލާއެވެ. ނަމަވެސް މައިންބަފައިންގެ ތެރެއިން މިކަމަށް ވިސްނަނީ ހަމަ ވަރަށް މަދު ބައެކެވެ. ގިނަ ބައަކު ބަލަނީ ޢާއިލާގެ ވިޔަފާރީގައި ވީހައި ގިނަ ދަރިން ބައިވެރިކޮށް ވިޔަފާރި ބޮޑުކޮށް ފުޅައުކޮށް އިތުރު މުއްސަނދިކަން ހޯދުމަށެވެ!
އަނެއްބައި ޢާއިލާތަކުން ދެކެނީ ކާމިޔާބީއަކީ ދަރިން ކިޔަވައި ބޮޑު މުސާރަލިބޭ ވަޒީފާތަކުގައި ތިބުން ކަމަށެވެ.
ތިމާގެ އަމިއްލަ އަނބިދަރިން ނަމަވެސް އެއްވެސް މީހަކު ސުވަރުގެ ވެއްދުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ސުވަރުގެ ވަދެވޭނީ އެމީހަކު އެކަމަށް އެދިގެން ގަދައަޅައި މަސައްކަތްކުރުމުންނެވެ. ވީމާ ޢާއިލާތައް އެކުގައި ތިބެގެން މަސައްކަތްކުރަންވީ ސުވަރުގެ ވެއްދެވުން އެދިގެންނެވެ. ކުރަންވީ މަސައްކަތަކީ ސުވަރުގެ ލިބިގަތުމަށް ކުރަން ޖެހޭ މަސައްކަތެވެ! ޙަޤީޤީ ކާމިޔާބު ޙާޞިލުކުރެވޭނީ އެއިރުންނެވެ.
ދަރިން ވިޔަފާރި ނުކުރީތީ ނޫނީ ބޮޑު މުސާރަލިބޭ ވަޒީފާއެއްގައި ނެތުމަކީ ޤިޔާމަތް ދުވަހު ސުވާލުކުރައްވަވާނެ ކަމެއް ނޫނެވެ. ސުވާލުކުރައްވަވާނީ ﷲ ތަޢާލާއަށް ބިރުވެތިވާ ދަރިންގެ ގޮތުގައި ތަރުބިއްޔަތު ނުކުރިނަމަ އެކަމާއިއެވެ.
- މުފްތީ މެންކުގެ ދަރުސަކުން