ޢަލީ އިޙްޞާން ފިރާޤް
އުއްމުލް މުއުމިނީން ޙަފްޞަތުގެފާނާއި އުއްމުލް މުއުމިނީން ޢާއިޝަތުގެފާނުގެ ވާހަކަ ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ ތަޙްރީމު ސޫރަތުގައެވެ. އެއީ މާތް ރަސޫލާصلّى اللّـه عليه وسلّم ގެ ސިއްރެއް އެދެބޭފުޅުން ގެ ފަރާތުން ހާމަވެގެން ދިޔުމުގެ ސަބަބުންނެވެ. އެކަމާ އަރަހުށި މާތްﷲ ރުހިވޮޑިނުގެން ތަޙްރީމު ސޫރަތުގެ އާޔަތްތެކެއް ބާވައިލެއްވިއެވެ. ތަޙްރީމު ސޫރަތުގެ 3 ވަނަ އާޔަތުން ފެށިގެން 5 ވަނަ އާޔަތުގެ ނިޔަލަށް މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَإِذْ أَسَرَّ النَّبِيُّ إِلَىٰ بَعْضِ أَزْوَاجِهِ حَدِيثًا فَلَمَّا نَبَّأَتْ بِهِ وَأَظْهَرَهُ اللَّهُ عَلَيْهِ عَرَّفَ بَعْضَهُ وَأَعْرَضَ عَن بَعْضٍ ۖ فَلَمَّا نَبَّأَهَا بِهِ قَالَتْ مَنْ أَنبَأَكَ هَٰذَا ۖ قَالَ نَبَّأَنِيَ الْعَلِيمُ الْخَبِيرُ ﴿٣﴾ إِن تَتُوبَا إِلَى اللَّهِ فَقَدْ صَغَتْ قُلُوبُكُمَا ۖ وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلَاهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ ۖ وَالْمَلَائِكَةُ بَعْدَ ذَٰلِكَ ظَهِيرٌ ﴿٤﴾ عَسَىٰ رَبُّهُ إِن طَلَّقَكُنَّ أَن يُبْدِلَهُ أَزْوَاجًا خَيْرًا مِّنكُنَّ مُسْلِمَاتٍ مُّؤْمِنَاتٍ قَانِتَاتٍ تَائِبَاتٍ عَابِدَاتٍ سَائِحَاتٍ ثَيِّبَاتٍ وَأَبْكَارًا ﴿٥﴾
މާނައީ: [ނަބިއްޔާ، އެކަލޭގެފާނުގެ ބައެއް އަނބިކަނބަލުންގެ އަރިހުގައި (އެބަހީ: حفصة ގެފާނުގެ އަރިހުގައި) ވާހަކައެއް ސިއްރުން ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ފަހެ، އެކަމަނާ އެވާހަކައިން (عائشة ގެފާނަށް) خبر ކުރެއްވިހިނދު، އަދި اللَّه، އެކަލޭގެފާނަށް އެކަން ފާޅުކުރެއްވުމުން، އެވާހަކައިން ބައެއް އެކަލޭގެފާނު (އެކަމަނާއަށް) އަންގަވައި، އަނެއްބައި ނާންގަވައި ދޫކޮށްލެއްވިއެވެ. ފަހެ، އެކަމަނާއަށް އެވާހަކައިން އެކަލޭގެފާނު خبر ކުރެއްވުމުން އެކަމަނާ ވިދާޅުވިއެވެ. ކަލޭގެފާނަށް މި خبر ދިނީ ކާކުތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް އެ خبر އެންގެވީ، މޮޅަށް ދެނެވޮޑިގެންވާ، خبير ވަންތަ ރަސްކަލާނގެއެވެ. ތިޔަ ދެބޭކަނބަލުން اللَّه އަށް توبة ވާނަމަ (އެގޮތް ތިޔަ ދެބޭކަނބަލުންނަށް ހެޔޮކަން ބޮޑެވެ.) ފަހެ، ތިޔަ ދެބޭކަނބަލުންގެ ހިތްޕުޅު (رسول އާ އެދިވަޑައިގަންނަވާ ކަންތަކުން) އެއްކިބާވެއްޖެކަން ކަށަވަރެވެ. އަދި ތިޔަ ދެބޭކަނބަލުން އެކަލޭގެފާނާ ދެކޮޅަށް އެކަކު އަނެކަކަށް ވާގިވެރިވާނަމަ، ފަހެ، ހަމަކަށަވަރުން، اللَّه އީ، އެކަލޭގެފާނުގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. އަދި جبريل ގެފާނާއި، صالح مؤمن ންވެސްމެއެވެ. އަދި އެއަށްފަހު، ملائكة ންވެސް، އެކަލޭގެފާނުގެ އެހީތެރިން ކަމުގައިވެއެވެ. އެކަލޭގެފާނު، ތިޔަކަނބަލުން ވަރިކުރައްވައިފިނަމަ، ތިޔަކަނބަލުންނަށްވުރެ ހެޔޮކަންބޮޑު އަނބިންތަކެއް، އޭގެބަދަލުގައި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެކަލޭގެފާނަށް ދެއްވައިފާނެތެވެ. (އެއީ) إسلام ވެގެންވާ، إيمان ވެގެންވާ، ކިޔަމަންވާ، توبة ވާ، އަޅުވެރި، ރޯދަހިފާ، ބިކުރުވެރިނޫން އަނބިންނާއި، ބިކުރުވެރި އަނބިންނެވެ.]
މި ދެންނެވި އާޔަތުގައި ވާ ހާދިސާ ހިނގި ގޮތާމެދު އިބްނު ކަޘީރު އޭނާގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. މާތް ރަސޫލާصلّى اللّـه عليه وسلّم، ޒައިނަބު ބިންތި ޖަޙުޝް ރަޟިޔަﷲ ޢަންހާގެ ގެކޮޅުގައި މާ ގިނައިރު މަޑުކުރައްވާތީ ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނު އެކަމާ ކަންބޮޑުވެވަޑައިގެންނެވިއެވެ. އެ ދެބޭކަނބަލުން ބެއްލެވި ބެއްލެވުމުން އެނގިވަޑައިގަތީ ޒައިނަބުގެފާނުގެ ތިމާގެބޭފުޅަކު އެކަމަނާއަށް ވެދުމަށް އެރުވި މާމުއި ގުޅިއަކުން މާތް ރަސޫލާصلّى اللّـه عليه وسلّم މާމުއި ހިއްޕަވާތީ އެކޮޓަރިކޮޅުގައި މަޑުކޮށްލަވަނީ ކަމުގައެވެ.
އެހެންކަމުން ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނު މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ ކީރިތި ރަސޫލާصلّى اللّـه عليه وسلّم ޒައިނަބުގެފާނުގެ ގެކޮޅުގައި އެހާ ގިނައިރު މަޑު ނުކުރައްވާނެ ގޮތެއް ރާވައިލުމަށެވެ. އެގޮތުން އެދެބޭކަނބަލުން ނިންމެވީ މާތް ރަސޫލާصلّى اللّـه عليه وسلّم އެދެބޭކަނބަލުންގެ ކޮޓަރިކޮޅަށް ވަޑައިގެންނެވުމުން އެކަލޭގެފާނުގެ އަނގަފުޅުން މަޣާފީރުގެ ވަސް ދުވާކަމުގައި ބުނުމަށެވެ. މަޣާފީރަކީ ނުބައި ވަހެއް ހުންނަ އެއްޗެކެވެ. އެދެބޭކަނބަލުންވަނީ ސައުދަތުގެފާނާއި ޞަފިއްޔަތުގެފާނުގެ އަރިހުގައިވެސް މާތް ރަސޫލާصلّى اللّـه عليه وسلّم ވަޑައިގެންނެވުމުން އެކަލޭގެފާނުގެ އަނގަފުޅުން މަޣާފީރުގެ ވަސްދުވާ ކަމުގައި ވިދާޅުވުމަށް އަމުރު ކުރައްވައިފައެވެ.
ކޮންމެއަކަސް ހަތަރު އަނބިކަނބަލަކު އެކަލޭގެފާނުގެ އަނގަފުޅުން ނުބައިވަސް ދުވާކަމުގައި ވިދާޅުވުމުން އެކަލޭގެފާނު މާމުއި ޙަރާމްކުރެއްވިއެވެ. އެކަލޭގެފާނު މާމުއި ފަރީއްކުޅުއްވުން ޙަރާމް ކުރެއްވީ ހުވާ ކުރައްވަމުން ހުވާގެ ޢިބާރާތާއެކުގައެވެ. އެކަލޭގެފާނު މާމުއި ޙަރާމްކުރެއްވި ވާހަކަ ވިދާޅުވީ އުއްމުލްމުއުމިނީން ޙަފްޞަތުގެފާނުގެ އަރިހުގައެވެ. އެވާހަކަ ސިއްރުކުރައްވަން އެކަމަނާއަށް އަންގަވަމުންނެވެ. ނަމަވެސް ޙަފްޞަތުގެފާނު އެވާހަކަ ޢާއިޝަތުގެފާނުގެ އަރިހުގައި ވިދާޅުވިއެވެ. އަދި އެވާހަކަ ދެން ތިއްބެވި އަނބިއަނބިކަނބަލުންނަށްވެސް އެނގިވަޑައިގެންނެވިއެވެ. {އިބްނު ކަޘީރު، ތަފްސީރު އިބްނު ކަޘީރު}
އިމާމު އަޙްމަދު ރިވާކުރައްވައިފައިވެއެވެ. އިބްނު ޢައްބާސްގެފާނުގެ ވިދާޅުވެފައިވެއެވެ. {إِن تَتُوبَا إِلَى اللَّهِ فَقَدْ صَغَتْ قُلُوبُكُمَا} މި އާޔަތުގައިވާ މާތް ރަސޫލާصلّى اللّـه عليه وسلّم ގެ ދެ އަނބިކަނބަލުންނަކީ ކޮބައިތޯ ޢުމަރުގެފާނުގެ އަރިހުގައި އެހުމަށް އަހަރެން ހުރީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެއްފަހަރަކު ޙައްޖުދަތުރެއްގައި އަހަރެން ޢުމަރުގެފާނުގެ އަރިހުގައި ދެންނެވީމެވެ.
[އޭ މުއުމިނުތަކުންގެ އަމީރެވެ. ޤުރްއާނުގައި {إِن تَتُوبَا إِلَى اللَّهِ فَقَدْ صَغَتْ قُلُوبُكُمَا} މިފަދައިން މާތްﷲ ވަޙީ ކުރައްވައިފައިވާ ނަބިއްޔާ صلّى اللّـه عليه وسلّم ގެ ދެ އަނބިކަނބަލުންނަކީ ކޮބައިތޯއެވެ؟]
ޢުމަރުގެފާނު ވިދާޅުވިއެވެ. [ކަލޭގެފާނު ތިޔަ ކުރެއްވި ސުވާލާމެދު ޢަޖާއިބުވަމެވެ. އެއީ ޙަފްޞާ އާއި ޢާއިޝަތުގެ ވާހަކައެވެ.]
ޙަފްޞަތުގެފާނާއި ޢާއިޝަތުގެފާނަށް އެބާވަތުގެ ކަންތައްތައް ކުރެވެނީ އެދެބޭފުޅުން މާތް ރަސޫލާصلّى اللّـه عليه وسلّم ދެކެ އިންތިހާއަށް ލޯބިފުޅުވެވަޑައިގަންނަވާތީއެވެ. މި މައްސަލައިގައި އެއިން ބޭކަނބަލަކަށް ބުރަ ބަހެއް ބުނުން ހެޔޮ ނުވާ ހުއްޓެވެ. ޙަފްޞަތުގެފާނުގެ މާތްކަމާއި ޢާއިޝަތުގެފާނުގެ މާތްކަން ބަޔާންވެގެންވާ ޞައްޙަ ޙަދީޘްތައް އެބަހުއްޓެވެ.
އެއްފަހަރަކު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުއްމުލް މުއުމިނީން ޙަފްޞަތުގެފާނު ވަރިކުރެއްވުމުން ވަޙީގެ މަލާއިކަތާ ޖިބްރީލުގެފާނު ވަޑައިގެން މާތް ރަސޫލާصلّى اللّـه عليه وسلّم އަށް ދެންނެވިއެވެ.
رَاجِعْ حَفْصَةَ؛ فَإِنَّهَا صَوَّامَةٌ قَوَّامَةٌ، وَإِنَّهَا زَوْجَتُكَ فِي الْجَنَّةِ { روى الحاكم (6753) حسنه الألباني لغيره في " سلسلة الأحاديث الصحيحة " (2007)
މާނައީ: [ޙަފްޞަތުގެފާނުގެ ކާވެނިފުޅު ރުޖޫޢަކުރައްވާށެވެ. ހަމަކަށަވަރުން އެކަމަނާއަކީ ގިނަގިނައިން ރޯދަހިއްޕަވާ ރޭއަޅުކަން ކުރައްވާ ބޭކަނބަލެކެވެ. ހަމަކަށަވަރުން އެކަމަނާ ވެވަޑައިގަންނަވާނީ ސުވަރުގޭގައިވެސް ކަލޭގެފާނުގެ އަނބިކަނބަލަކަށެވެ.]
ޙަފްޞަތުގެފާނަކީ ވަރަށް ވަރަޢަވެރި ތަޤުވާވެރި ބޭކަނބަލެކެވެ. ވަރަށް ގިނައިން ރޯދަ ހިއްޕަވާ އުއްވި ޞާލިޙު ބޭކަނބަލެކެވެ. ހިޖުރައިން 45 ވަނަ އަހަރު އެކަމަނާ އަވަހާރަވީއިރުވެސް އިންނެވީ ރޯދަފުޅަށެވެ.
ޢާއިޝަތުގެފާނަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم އެންމެ ލޯބިފުޅުވެވަޑައިގަންނަވާ އަނބިކަނބަލުންނެވެ. އެކަމަނާގެ މާތްކަމާއި، މާތް ރަސޫލާގެ އަރިހުގައި އެކަމަނާގެ މަޤާމުގެ މަތިވެރިކަން ހާމަވެގެންދާ ވަރަށް ގިނަ ޙަދީޘްތައް ރިވާވެގެންވެއެވެ.
ޢާއިޝަތުގެފާނުގެ މާތްކަމުގެ ތެރޭގައި އެކަމަނާއަށް ވަޙީގެ މަލާއިކަތާ ޖިބުރީލުގެފާނު ސަލާމް ވިދާޅުވުން ހިމެނެއެވެ. ޞަޙީޙުލް ބުޚާރީގައި ރިވާވެގެންވެއެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ޢާއިޝަތުގެފާނާ މުޚާތަބު ކުރައްވައި ޙަދީޘު ކުރެއްވިއެވެ. [ يَا عَائِشَ، هَذَا جِبْرِيلُ يُقْرِئُكِ السَّلاَمَ ] އޭ ޢާއިޝް އެވެ. މިހުންނެވީ ޖިބުރީލުގެފާނެވެއެވެ. އެކަލޭގެފާނު ކަމަނާއަށް ސަލާމް ވިދާޅުވިއެވެ. އެހިނދު ޢާއިޝަތުގެފާނު وَعَلَيْهِ السَّلاَمُ وَرَحْمَةُ اللَّهِ وَبَرَكَاتُهُ އޭ ވިދާޅުވެ ޖިބްރީލުގެފާނަށް ސަލާމުގެ ރައްދު ދެއްވިއެވެ.
{صحيح البخاري،كتاب فضائل أصحاب النبى صلى الله عليه وسلم،باب فَضْلِ عَائِشَةَ رضى الله عنها، ޙަދީޘް ނަނަބަރު3768،}
ޢާއިޝްއަކީ، މާތް ރަސޫލާ صلّى اللّـه عليه وسلّم ޢާއިޝަތުގެފާނަށް ލޯބިން ވިދާޅުވާ ނަންފުޅެކެވެ.
އަދިވެސް އިމާމު ބުޚާރީ ރިވާ ކުރައްވައިފައިވެއެވެ. އަބޫ މޫސަލް އަޝްއަރީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. އެއްފަހަރަކު މާތް ނަބިއްޔާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [وَإِنَّ فَضْلَ عَائِشَةَ عَلَى النِّسَاءِ كَفَضْلِ الثَّرِيدِ عَلَى سَائِرِ الطَّعَامِ] އެހެން އަންހެންތަކުންގެ މައްޗަށް ޢާއިޝަތުގެފާނުގެ މާތްވެގެންވަނީ އެހެން ކާތަކެތީގެ މައްޗަށް ޘަރީދު މާތްވެގެންވާ ފަދައިންނެވެ.]
{صحيح البخاري كتاب أحاديث الأنبياء،بَابُ قَوْلِ اللَّهِ تَعَالَى: {وَضَرَبَ اللَّهُ مَثَلاً لِلَّذِينَ آمَنُوا امْرَأَةَ فِرْعَوْنَ} إِلَى قَوْلِهِ: {وَكَانَتْ مِنَ الْقَانِتِينَ}، ޙަދީޘް3411}
އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވައިފައިވަނީ ޢާއިޝަތުގެފާނު އަވަހާރަވީ ހިޖުރައިން 58 ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ އަންގާރަ ވިލޭރޭ އިރާކޮޅުގެ ވަގުތުގަކަމަށެވެ. އެންމެ މަޝްހޫރު ބަހަކީ މިއީ ކަމަށްވެސް އޭނާ ލިޔުއްވައިފައިވެއެވެ. އެރޭގެ ވިތުރިއަށްފަހު އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ މަޝްހޫރު ޞަޙާބީ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުއެވެ.