ތިބާގެ ބައިވެރިޔާ ނަމަވެސް އަދި އެހެން މީހަކުނަމަވެސް ތިބާގެ ކިބައިން ކުށެއް ދައްކައިފިނަމަ އުފާކުރާށެވެ! އެއީ އެކަމެއް އިޞްލާޙްކުރަން ﷲ ތަޢާލާ ދެއްވެވި މެސެޖެއް ކަމަށް ޤަބޫލުކޮށް އަވަހަށް އެކަން ބަލައިގަނެ އިޞްލާޙްކުރާށެވެ. އަދި ކުށްދެއްކި މީހާއަށް ޝުކުރުވެރިވާށެވެ!
ދެން އޮތީ ތިބާ ކުށެއް ނުކުރަނީސް ކުށެއް ކޮށްފިކަމަށް ބުނެ އިލްޒާމް އެޅުވުމެވެ. އެއީވެސް ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. އެކަމުގެ ސަބަބުން ތިބާއަށް ހެޔޮ ގޮތްތައް ﷲ ތަޢާލާ މިންވަރުކުރައްވަވާނެތީއެވެ. އެއީ ލައްވަވާ ބޮޑު ރަޙްމަތަކަސްވެގެންދާނެތީއެވެ! އިން ޝާ ﷲ
މިގޮތުގައި ތިބާއަށް ޘާބިތުވެ ހުރެވޭނީ ފުރަތަމަ ކަމަކަށް ތިބާގެ ނިޔަތް ރަނގަޅުކޮށްގެންނެވެ. ކުރާ ކަންކަމުގައި އިޚްލާޞްތެރިވެގެންނެވެ. ތިމާ ކުރާ ކޮންމެ ކަމެއް ކުރަނީވެސް ﷲ ތަޢާލާއަށްޓަކައިކަން ހިތުގައި ބާއްވައިގެން ކަންކަން ކުރުމުންނެވެ.
ހެޔޮނިޔަތުގައި ކަމެއް ކުރަންއުޅެނިކޮށް ކުށެއް ކުރެވުމަކީ، ނުވަތަ އެންމެ ރަނގަޅު ގޮތުގައި ކަމެއް ނުކުރެވުމަކީވެސް މައްސަލައެއް ނޫނެވެ. އެހެނީ ތިބާގެ ނިޔަތް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ގޯސްކޮށް އެކަން ކުރެވުނީ ތިބާގެ ކިބައިގައި އެކަމުގެ ޢިލްމް ނެތުމުންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ.
ވީމާ ވަޒީފާއަދާކުރުމުގައިވެސް، ޢާއިލީ ޒިންމާ އުފުލުމުގައިވެސް، ޢާއިލާއަށް ޚިދުމަތްކުރުމުގައިވެސް، ބައިވެރިޔާއަށް ޚިދުމަތްކުރުމުގައިވެސް އަދި އެކުވެރިއަކަށް ނުވަތަ އެހެން މީހަކަށް ކަމެއްކޮށްދިން ނަމަވެސް ފުރަތަމަ ކަމަކަށްވެސް ހެޔޮ ނިޔަތުގައި އިޚްލާޞްތެރިކަމާއިއެކު ކަންކަން ކުރަމުން ގެންދާށެވެ. ހެޔޮ ނިޔަތުގައި ކަންކަން ކުރަން މަސައްކަތް ކުރުމުން އެކަމަށް ﷲ ތަޢާލާ ހެޔޮޖަޒާ މިންވަރުކުރައްވަވާނެތެވެ.
މީހުން ބުނާ ނުބައިބަސްތަކަށް ނުވަތަ ކުރާ ނުބައި ކޮމެންޓްތަކަށް ކަންބޮޑުވެވޭނަމަ ފުރަތަމަ ކަމަކަށްވެސް ތިމާގެ ނިޔަތާއިމެދު ވިސްނައިލާށެވެ! އިޚްލާޞްތެރިވާން މަސައްކަތްކުރެވުނު މިންވަރާއިމެދު ވިސްނައިލާށެވެ! އެއިރުން ހުރިހާ ކަންބޮޑުވުމެއް ފިލައިގެންދާނެއެވެ. އިން ޝާ ﷲ
- ޝައިޚާ ޑރ. ހައިފާ ޔޫނިސްގެ ދަރުސަކުން