އެކަނިވެރިކަން އިޙްޞާޞްކުރަންޖެހުމަކީ ދުނިޔޭގެ ސުންނަތެކެވެ. ވީމާ އެކަން އަބަދުވެސް މީސްތަކުންނަށް ކުރިމަތިވާނެއެވެ. މާޒީގައިވެސް ކުރިމަތިވިއެވެ. އަދި ދާނީވެސް ކުރިމަތިވަމުންނެވެ.
އުފަލުގައި ހުރެވޭއިރު އެކަން އިޙްޞާޞްނުކުރެވެނީއެވެ. ޙާލަތެއް ކުރިމަތިވެ ހިތްދަތިކަން ލިބި އެކަނިވެރިވާންޖެހުމުން އެކަން އިޙްޞާޞްކުރެވެނީއެވެ. ދެން ބަލައިލަންވީ ކީރިތި ޤުރްއާނަށެވެ.
ޔޫސުފްގެފާނު އެބޮޑުވަޅުގައި އޮންނެވީ ގިނިކަންޏާއިއެވެ. އިބްރާހީމްގެފާނު އަލިފާންގަނޑަށް އެއްލައިލެވުނީ ގިނިކަންޏާއިއެވެ. ޔޫނުސްގެފާނު އެބިޔަބޮޑު މަހުގެ ބަނޑުގައި އޮންނެވީ ގިނިކަންޏާއިއެވެ. ހަށިކޮޅުން ލޭފޮދު އޮހޮރެމުންދިއައިރު ޠާއިފްގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ހުންނެވީ ގިނިކަންޏާއެވެ.
މޫށާގެފާނަށް ވިސްނައިލަމާ ހިނގާށެވެ! މިޞުރު ދޫކުރައްވަވައި މަދުޔަނަށް ވަޑައިގަތީ ގިނިކަންޏާއިއެވެ. އަތްޕުޅުގައި އެއްވެސް އެއްޗެއް ނެތެވެ. އަޅައިލާނެ އެހީތެރިއަކު ނެތެވެ. ސަމާލުކަންދޭންވީ ކުރެއްވެވި ދުޢާއަށެވެ. ބަޔާންކުރެއްވެވީ އަތްޕުޅުގައި އެއްވެސް އެއްޗެއް ނެތްކަމާއި ﷲ ތަޢާލާ މިންވަރުކުރެއްވެވި ކޮންމެ އެހީތެރިކަމަކަށް ބޭނުންފުޅުވާ ކަމެވެ. ދުޢާ ޢިޖާބަކުރެއްވެވިއެވެ. އަންތބަކާއިއެކު ދިރިއުޅުއްވެވޭނެ ގޮތް މިންވަރުކުރެއްވެވިއެވެ. ލަހަކުން ނޫނެވެ. ހަމަ ވަޤުތުންނެވެ.
ލޮބުވެތި އެކުވެރިންނޭވެ! އަހުރެމެންނަށް ކުރިމަތިވާ އެކަނިވެރިކަމާ ނިކަމެތިކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. ހިތަށް ލިބޭ ހިތްދަތިކަންވެސް ދެނެވޮޑިގެންވެއެވެ. އަހުރެމެންނާއިއެކުވެސް ﷲ ތަޢާލާ ވޮޑިގެންވެއެވެ. އެކަން ޤަބޫލުނުކުރެވެނީ އަހުރެމެންނަށެވެ. އެކަން ޤަބޫލުކޮށް ދުޢާކުރުމުން އެބޭކަލުންނަށް ރަޙްމަތް ލެއްވެވި ފަދައިން އަހުރެމެންނަށްވެސް ރަޙުމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
ވީމާ ކުރިމަތިވި އެކަނިވެރިކަމާ ކަންބޮޑުވުމަށް ނުވިސްނާށެވެ! ތިބާއަކީ އެކަނިވެރިއެއް ނޫނެވެ. ތިބާއާއިއެކު ﷲ ތަޢާލާ ވޮޑިގެންވެއެވެ. ކިޔަމަންތެރިވެ ދުޢާކުރުމުން ހެޔޮ ގޮތްތައްވެސް މިންވަރުކުރައްވަވާނެތެވެ. އެކަނިވެރިކަމުންވެސް ސަލާމަތްކުރައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން