އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާ އެކުގައި ދިރިއުޅެމުންދިއައީ ވަރަށް އޮފަލުގައެވެ. ވަރަށް ލޯބިންނެވެ. ދެމަފިރިންގެ ދެމެދަށް ވަދެގަތީ އަޅުގަނޑުގެ އެންމެ ގާތްއެކުވެރިޔާއެވެ. އެކަން އެނގުނީ އެތައްދުވަހެއްވީފަހުންނެވެ. އެކަން އެނގުމުން ދެއަންތބަށް ކައިވެނިކުރަން އެދުނީމެވެ. އެއީ އަޅުގަނޑަށް ކިތަންމެ ބޮޑު ހިތްދަތިކަމެއް ލިބުނަސް 2 ދަރިން ތިބުމުން ބައްޕަގެ ލޯބިން ދަރިން މަޙްރޫމްނުކުރުވަންވެގެންނެވެ.
ނަމަވެސް އެކުވެރިޔާ އެގޮތް ޤަބޫލުނުކުރުމުން ފިރިމީހާ މަސްތުގައި ޖެހިފައިވަރުން އަޅުގަނޑާއި 2 ދަރިން ނިކަމެތިކޮށްލައި ކައިވެނިކުރީއެވެ. ވީ 3 މަސް ދުވަހެވެ. ކުރިން އެހާ ރަނގަޅަށް އަޅުގަނޑާއިއެކު ފިރިމީހާ މިހާރު ވަނީ ބަދަލުވެފައެވެ. އެހާ ލޯބިވެގެން ކައިވެނިކުރި މީހާއާއިއެކު ނިދަން ނުދާ ރޭތައް ގިނަވެއްޖެއެވެ. އެކުވެރިޔާއަށް މިހާރުހުރީ ރާކަނިމަސްކެވިފައެވެ އެބުނާގޮތްވެފައެވެ. ލަދުން ވަރިވާކަށްވެސް ނުކުރެއެވެ. އިންނަނީ ރޮއިރޮއެވެ.
މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރި ވާހަކަކޮޅެކެވެ. އެދެނީ މިހެންމިކަން ދިމާވާ ސަބަބަށް ވިސްނަވާލެއްވުމެވެ.
ފުރަތަމަވެސް ބުނެލާނަމެވެ. މިދައްކަނީ ދީނުގައި އޮތްމަގުން ދެއަނތބަށް ކައިވެނިކުރުމުގެ ވާހަކައެއް ނޫނެވެ. ދެއަނބިން ހަމަކުރުމަށް ޝަރުޠުހަމަވާނަމަ މީހެއްގެ ފިރިއަކާ ކައިވެނިކުރުމަކީ ކުރާ ކުށެއް ކަމަކަށް ނުބުނެވޭނެއެވެ. ދެއަނބިންގެ މެދުގައި ޢަމަލުކުރަން އޮންނަ ގޮތަށް ޢަމަލުކުރާނަމަ އެމީހެއްގެ ދިރިއުޅުމުގައި ބަރަކާތް ލައްވަވައެވެ. އަދި އެކުރަނީ ހުއްދަ ކަމެކެވެ.
ނަމަވެސް ޙަޔާތުގެ ބައިވެރިޔާއަށް ދޭންޖެހޭ ލޯބިދީގެން ވަފާތެރިކަމާއިއެކު ދިރިއުޅެމުންދަނިކޮށް އެދެމަފިންގެ ދެމެދަށް ވަދެގަނެ ދެމަފިރިން ދުރުކުރުވުމަކީ ކުރެވޭ ބޮޑު ކުށެކެވެ. އެއީ ފިރިމީހާ ނުވަތަ އަނބިމީހާކަމަށްވީނަމަވެސްމެއެވެ. ޚާއްޞަކޮށް ދަރިން ލިބިފައިވާނަމައެވެ.
ޒަވާޖީ ޙަޔާތުގައި ޢާންމު ގޮތެއްގައި މިއޮންނަނީ ދެ ގޮތެކެވެ. ފުރަތަމަ ގޮތަކީ ދެމީހުންވެސް އެކަކު އަނެކަކަށް ލޯބިދީގެން އުފަލުގައި ދިރިއުޅުމެވެ. ދެވަނަ ގޮތަކީ ބައިވެރިޔާގެ ކިބައިން ލޯތްބާއި އަޅައިލުން ނުލިބި ހިތާމައިގައި ދިރިއުޅުމެވެ.
މީގެ ތެރެއިން އަހުރެން ބަހެއް މިބުނަނީ ދެމީހުންވެސް އެކަކު އަނެކަކަށް ލޯބިދީގެން އުފަލުގައި ދިރިއުޅެމުން އަންނަ ދެމަފިރިންނާއިމެދުގައެވެ. އަހުރެންގެ ގާތަށް މަޝްވަރާ ހޯދަން އަންނަ ގިނަ ބައެއްގެ ކިބައިން އެނގި ޔަޤީންވާ ކަމެއްގެ ވާހަކައެކެވެ.
ބައެއް މީހުން އިތުރަށް އުފާ ހޯދަންވެގެން ލާހޫރެމުންގޮސް ދެމީހުންވެސް އެކަކު އަނެކަކަށް ލޯބިދީގެން އުފަލުގައި ދިރިއުޅޭ ދެމަފިރިންގެ މެދަށް އެބަ ވަދެގަނެއެވެ. ވަކިހިސާބަކުން އަނެކާގެ ކައިވެނި ރޫޅުވައިގެން އެބަ ކައިވެނިވެސް ކުރެއެވެ. ވަރަށް އުފަލުގައި ދިރިއުޅެވޭނެކަމަށް ހީކޮށްގެންނެވެ.
ބައަކު ރުހުނަސް އަދި ނުރުހުނަސް ޙަޤީޤަތަށް ބުނާނަމަ އެގޮތަށް ދެމީހުންވެސް އެކަކު އަނެކަކަށް ލޯބިދީގެން އުފަލުގައި ދިރިއުޅެމުން އަންނަ ދެމަފިރިއެއްގެ ކައިވެނި ރޫޅުވައިގެން ކުރާ ކައިވެނި ކުރުމަށްފަހު އުފަލުގައި ދިރިއުޅެވެނީ ހާހަކުން މީހަކަށްހައި މަދު ބައަކަށެވެ. މިބުނަނީ ސަތޭކައަކުން މީހެއްގެ ވާހަކައެއް ނޫނެވެ. ހާހަކުން މީހެއްގެ ވާހަކައެވެ.
އެގޮތަށް ކައިވެނިކުރެވުނީތީ ވަރިވެއްޖެނަމަ މީހުން ކުރާނެ މަލާމާތަށް ބަލައި ދެމީހުން އެކުގައި ދިރިއޅެފާނެއެވެ. ނަމަވެސް އެމީހުންގެ ހިތުގައި ހުންނާނީ އަލިފާންރޯވެފައެވެ. އެއަލިފާނުގެ އަސަރު މުޅިހަށިގަނޑަށް ކުރާނެއެވެ. މުޅިހަށިގަނޑަށް ހޫނުކަން ލިބެމުންދާނެއެވެ. މީހުންނަށް ނުދެއްކިޔަސް އަބަދުވެސް ތިބޭނީ ކަރުނަ އަޅައަޅައެވެ.
މިވާހަކަ މިހައި ޔަޤީންކަމާއިއެކު މިބުނަނީ ކްލައިންޓުންގެ އަމިއްލަ އިޢްތިރާފަށް ބަލައެވެ. އަހުރެން އަމިއްލައަކަށް ނޫނެވެ.
މިއީ ކައިވެނީގެ މައްސަލަތައް ޙައްލުކުރަން ލަފާދޭ ސީނިއާ ކޮންސަލްޓަންޓަކު ބުނެފައިވާ ބަސްކޮޅެކެވެ.
- އަލަފް / މިއަދުނޫސް