ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާ ބޭވަފާތެރިވާތަން ފެނުމުން ތޫނުއެއްޗަކުން ހަމަލާދޭން އުޅެފައިވެސް ފެނުން ޙަމަލާދީ މައްސަލަ ޙައްލުކުރި ފިރިއެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 58ސ
ޢިބްރަތްތެރި ވާހަކަ: ބައިވެރިޔާ ބޭވަފާތެރިވާތަން ފެނުމުން ތޫނުއެއްޗަކުން ހަމަލާދޭން އުޅެފައިވެސް ފެނުން ޙަމަލާދީ މައްސަލަ ޙައްލުކުރި ފިރިއެއްގެ ވާހަކަ-

އަޅުގަނޑުގެ ބައިވެރިޔާ ވަރަށް ސިއްރުން ހިލޭ އަންހެނަކު ގެއިން ނެރޭތަން 2 ރޭ ފެނިއްޖެއެވެ. ދެމީހުން އެކުގައި ތިއްބައި ފެނިއްޖެނަމަ ނުކުޅެދޭ މީހަކަށް ހަދާލަން އެބަވިސްނެއެވެ. އެއީ ގޯހެއްކަންވެސް ވިސްނެއެވެ. އެހެންވެ ބޭނުންވަނީ އެފަދަ ވަޤުތަކު ޢަމަލުކުރާނެ ރަނގަޅު ގޮތެކެވެ.  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިއަފަދަ ބޮޑު ކުށެއްކޮށްފައި ޖެހޭނީ ޢުމުރަށް ހިތާމަކުރާށެވެ. ޖަލަށް ވަންނަން ޖެހޭނެތީއެވެ. ވީމާ މިގެނެސްދެނީ ތިއަފަދަ ވަޤުތެއްގައި ފިރިއަކު ޢަމަލުކުރި ގޮތެވެ. ރަނގަޅަށް ވިސްނާލައިގެން ތިރީގައިވާ ކިޔައިލުން ބުއްދިވެރިއެވެ.  

ގިނަ ބައަކު އެއްބަސްވާގޮތުގައި އެންމެ ވަރުގަދައަށް ރުޅި އަންނަނީވެސް އަދި ރުޅި ކޮންޓްރޯލްކުރަން އެންމެ ބޮޑަށް އުނދަގޫވަނީވެސް ބައިވެރިޔާއަށް ވަފާތެރިކަމުގައި ހުއްޓައި ބައިވެރިޔާ ބޭވަފާތެރިވާތަން ލޮލަށް ފެންނަ ވަޤުތުގައެވެ. މިކަމުގައި އަންހެނެއްވެސް އަދި ފިރިހެނެއްވެސް އިސްތިސްނާއެއް ނުވެއެވެ.  

ކޮންމެއަކަސް އެވަޤުތަކީ ގިނަބައަކަށް ރުޅި ކޮންޓްރޯލް ނުކުރެވި އަތުންފައިން ގޯސްވެސް ހެދޭ ވަޤުތެކެވެ. ހެދޭ ގޯހުގެ ސަބަބުން ބޮޑެތި އަދަބުތައް ލިބޭފަދަ ކުށްތައްވެސް ކުރެވެއެވެ. އެފަދަ ކަމެއް ކުރެވުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އެއް ދެރައެވެ.  

ތިރީގައިވާ ވާހަކައަކީ އެފަދަ ވަޤުތަކު އަތުންފައިން ހެދެން އުޅުނު ބޮޑު ގޯސް ނުހެދި ސަލާމަތްވުމުގެ ހިތްވަރު ލިބިގަތް މީހަކު ޢަމަލުކުރި ގޮތުގެ ވާހަކައެވެ. އެފަދަ ޙާލަތުގައި އެކި މީހުންނަށް ޢަމަލުކުރެވޭނީ އެކި ގޮތަށެވެ. ކުރަން އުލެވޭނީ އެކިކަންކަމެވެ. މިވާހައިން ޢިބްރަތް ޙާޞިލުކުރަންވީ އޭނާއަށް އެލިބުނު ހެޔޮ ވިސްނުމުންނެވެ. އެފަދަ ހެޔޮ ވިސްނުމެއް ލިބިގަނެވިގެން ނޫނީ ސަލާމަތްވެވުން އޮންނާނީ ވަރަށް ދުރުގައެވެ.  

ވާހަކަ ވިދާޅުވެލައްވައި ޢިބްރަތް ޙާޞިލުކުރައްވާށެވެ!

އެއިރު އަހަރެން މަސައްކަތްކުރަނީ އަސްކަރިއްޔާގައެވެ. ކައިވެނީގެ 2 ވަނަ އަހަރު ކުއްލިއަކަށް ދުރު ސަރަހައްދަކަށް (ރާއްޖެތެރެއަށް) އަހަރެން ބަދަލުކޮށްފިއެވެ. އެހެންކަމުން ދެމީހުންނަށް ދިރިއުޅެންޖެހުނީ ދުރުގައެވެ. ދުރުގައި ހުންނަންޖެހުނު ނަމަވެސް އަނބިމީހާގެ ޙާލު ވަރަށް ގާތުން ބެލީމެވެ. ދުވާލަކު އެތައްފަހަރަކު ފޯނުކުރުމުގެ އިތުރުން ލިބޭ މުސާރަ އެކުގައިހެން ދެމެވެ. މިހެން މިބުނީ އެކައުންޓުގެ ކޭޝްކާޑް އޭނާގެ އަތަށްދީފައި އޮންނާތީއެވެ.  

އަހަރެން ފޮނުވީ 2 އަހަރު ދުވަހަށެވެ. ނަމަވެސް އަހަރުވީތަނުން އަނބުރާ އަންނަން އަންގައިފިއެވެ. އެވާހަކަ އަނބިމީހާގެ ގާތަކު ނުބުނަމެވެ. "ސަރޕްރައިޒް"އެއް ދިނުމުގެ ގޮތުން ސިއްރުކޮށްފައި ބޭއްވީއެވެ.  

ކޮންމެއަކަސް އެނބުރި ގޮސް ގެއަށްދެވުނީ ދަންވަރު 1 ޖެހިފަހުންނެވެ. ސަރޕްރައިޒްދޭން ބޭނުންވެފައިހުރިވަރުން ގެއަށްވަނީ އަތުގައި އޮތް ތަޅުދަނޑިން ވަރަށް ސިއްރުން ގެ ހުޅުވައިގެންނެވެ. ކޮޓަރިވެސް ހުޅުވީ ވަރަށް ސިއްރުން ނެވެ. ދޮރު ހުޅުވައިލެވުމާއިއެކު ދިއައީ ސިއްސައިގެންނެވެ. އަނބިމީހާ ހިލޭފިރިހެނަކާއެކި ނިދަން އޮތުމުންނެވެ.  

އިންތިހާއަށް ރުޅިގަދަވިއެވެ. ދެމީހުންގެ ކަންތައް އެކުގައި ނިންމާލަން ބޭނުންވެގެން ބަދިގެއަށް ގޮސް ވަޅިނެގީމެވެ. ވަޅިހިފައިގެން ގޮސް ކޮޓަރިއަށްވެސް ވަނީމެވެ. ނަމަވެސް އެވަގުތު އަހަރެންގެ ބުއްދި އަހަރެންގެގާތުގައި ބުންޏެވެ. "ތިއަހެދެނީ އިންސާނަކަށް ހެދޭނެ އެންމެ ބޮޑު ގޯހެވެ. ޙަމަލާދޭތަނުން އެމީހުން މަރުވެއްޖެނަމަ ޖެހޭނީ ދާއިމަށް ނަރަކައިގަ އޮންނާށެވެ. މަރުވިނަމަވެސް މަރުނުވި ނަމަވެސް ދުނިޔޭގައިވެސް އެތައް އަހަރުގެ ޖަލުޙުކުމެއް އިއްވާނެއެވެ. އެހައި ބުރަމަސައްކަތްކޮށްގެން އަޅާފައިވާ މިރީތިގޭގެ ބަދަލުގައި އޮންނަން ޖެހޭނީވެސް ޖަލުގެ ކުޑަގޮޅީގައެވެ. އެދެމީހުން މަރުވިކަމުން އަހަރެންނަށް ލިބޭނީ ކޮން އުފަލެއް ހެއްޔެވެ؟ ލިބޭނީ ހިތްދަތިކަން ނޫން ހެއްޔެވެ؟"  

މިފަދަ ޚިޔާލުތަކެއް ކުރެވުމުން މަޑުމަޑުން ދޮރުލައްޕާފައި ބޭރަށް ނުކުމެ ސިޓިންގރޫމްގައި މަޑުކޮށްލީމެވެ. އޭސީ ފުލްކޮށްލައި ފިނިކޮށްލީމެވެ. އެކަމަކުވެސް ހަށިގަނޑު ފިންޏެއް ނުވިއެވެ. އަނެއްކާވެސް ވަޅިހިފައިގެންގޮސް ކޮޓަރިއަށް ވަނީމެވެ. ހަމަ ވަންތަނުން ޚިޔާލުތައް އެނބުރެން ފަށައިފިއެވެ. "އެނަޖިސް އަންހެނާއަށް ހަމަލާދީފައި ނޫނީ މަރާލާފައި ޖަލުބަންދަށްދާންވީ ކީއްކުރަންހެއްޔެވެ؟ ކުރަންވީ ކަމަކީ މިނަޖިސްގަނޑު ގެއިން ބޭރުކޮށްލައި ރަނގަޅަށް ބްލީޗްޖަހައި ގެ ދޮވެ ސާފުކޮށްލަންވީއެވެ."  

ފާޚާނާއަށް ވަނީމެވެ. ވަޅިބާއްވާފައި ފެންހޮޅި ދޫކޮށްލައިގެން ނުކުމެ ރަނގަޅަށް އެނދަށް ފެންޖަހައިލީމެވެ. ދެމީހުން ފުންމައިގެން ތެދުވިއެވެ. ތެދުވީމަވެސް ރަނގަޅަށް ފެންޖަހައިލީމެވެ. ހިތް ފުރެންދެން ފެންޖަހާފައި ބުނީމެވެ. ވަންދޮރުން އަވަހަށް 2 މީހުންވެސް ނުކުމެގެންދާށެވެ.  

އަނބިމީހާ ވާހަކަދައްކަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް އެއްވެސް ފުރުޞަތެއް ނުދެމެވެ. އެއީ އެޙާލަތުގައި އިތުރަށް ދައްކާނެ ވާހަކައެއް އޮންނާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ.  

އެކަނި 2 އަހަރުހުރެފައި 2 ވަނަ ކައިވެނިކުރީމެވެ. ދެވަނަ ކައިވެނީގައި މިހާރު ދެދަރިންވެސް ލިބިއްޖެއެވެ. ސިފައިންގެ ވަޒީފާއިންވެސް ވަކިވެ މިހާރު މިކުރަނީ އަމިއްލަ މަސައްކަތެވެ. ކަންތައްތައް އަދި ކުރިއަށްދަނީ ވަރަށް ރަނގަޅަށެވެ. އިން ޝާ ﷲ  

މިއަދުނޫހުން ގިނައިން ފެންނަނީ އަންހެނުންނަށް ފިރިހެނުން ލަނޑުދޭ ނުވަތަ ފިރިހެނުން ބޭވަފާތެރިވާ ވާހަކަތަކެވެ. އެހެންވެ އަޅުގަނޑުވެސް އަޅުގަނޑުގެ ޙަޔާތުގައި ދިމާވި ގޮތް ޙިއްޞާކޮށްލީއެވެ. ބުނެލަން އޮތީ ނުރައްކައުތެރި އަންހެނުންވެސް މަދެއް ނޫނެވެ.

 

- އިބްރާހީމް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން