ޢާއިޝަތު ރަފާޙް ޢަލީ
މީހެއްގެ ވިސްނުން ކުށް މަގަކަށް އެނބުރި، ސީދާ މަގުން ކައްސާލުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ، މާތްﷲ އެ އަޅަކަށް ތައުފީޤު ނުދެއްވައި، ނިކަމެތިކަމާއި އިހާނެތިކަމުގެ ތެރެއަށް އެމީހަކު ދޫކޮށްލެއްވެވުމެވެ. މާތްﷲ އަޅަމެންގެ އަތުގައި ހިއްޕަވައި ސީދާ މަގު ނުދެއްކެވިނަމަ، އަޅަމެންގެ ޙާލަކީ ކޮބައިތޯއެވެ؟ އަޅަމެންނަށް އަމިއްލައަށް ހިދާޔަތް ހޯދިދާނެތޯއެވެ؟ ނޫނެކެވެ. މީސްތަކުންނަށް ހިދާޔަތް ދެއްކުމަކީ ތިބާގެ އިޚްތިޔާރުގައިވާ ކަމެއް ނޫނެވެ. އެހެނެއްކަމަކު، މާތްﷲ އިރާދަކުރެއްވި އަޅަކަށް ހިދާޔަތް ދައްކަވަތެވެ.
އިސްލާމްދީނުގެ ހިދާޔަތާއި އީމާންކަމުގެ މަގު ދައްކަވަނީ މާތްﷲއެވެ. މިއީ އެކަލާނގެ އަޅުތަކުންނަށް ދެއްވާ "މިންނަތެއް" ނުވަތަ ބޮޑުވެގެންވާ އިޙްސާންތެރިކަމެކެވެ. މިންނަތަކީ އެމީހަކު އެކަމަށް ޙައްޤުނުވާއިރުވެސް، ބަދަލަކާ ނުލައި ދެއްވާ ދެއްވުމެވެ. މާތްﷲ އަޅަމެންނަށް ހިދާޔަތް ދެއްވަނީ އެކަލާނގެ ދީލަތިވަންތަކަމުންނެވެ.
ވިސްނުން ސީދާ މަގުގައި ބެހެއްޓުމަށްޓަކައި އެންމެ މުހިންމު ކަމަކީ މާތްﷲގެ ތައުފީޤެވެ. ތައުފީޤަކީ މީހެއްގެ އެންމެހައި ކަންކަމުގައި މާތްﷲގެ އެހީތެރިކަމާއި މަގުދެއްކެވުން ލިބުމެވެ. އަދި މާތްﷲ އެ އެހީތެރިކަން އަޅާގެ ކިބައިން ގެންދަވައި، އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށް އޭނާ ދޫކޮށްލެއްވުމެވެ. މީހަކު އޭނާގެ އަމިއްލަ ނަފްސަށް ދޫކޮށްލެވިއްޖެނަމަ، އޭނާ ވެއްޓޭނީ ފުން އަނދަވަޅަކަށެވެ. އެހެންކަމުން، ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގައިވެއެވެ: "މިއަޅާގެ އަމިއްލަ ނަފްސުގެ މައްޗަށް އެސްފިޔަޖަހާލާހާ ހިނދުކޮޅަކަށްވެސް މިއަޅާ ދޫކޮށްނުލައްވާށިއެވެ!" ސަބަބަކީ އަމިއްލަ ނަފްސަށް ދޫކޮށްލެވިއްޖެ މީހާ މަގުއޮޅި ހަލާކުވެދާނެތީއެވެ.
އަޅަކަށް މާތްﷲގެ ތައުފީޤު ގެއްލި، ނިކަމެތިކަން ލިބެނީ ވަކި ސަބަބުތަކަކާ ހުރެއެވެ. ތިބާއަށް ލިބޭ ކޮންމެ ހެޔޮކަމަކީ މާތްﷲގެ ހަޟްރަތުން އަންނަ އެއްޗެކެވެ. އަދި ލިބޭ ކޮންމެ ނުބައިކަމަކީ ތިބާގެ އަމިއްލަ ނަފްސުގެ ސަބަބުން މެދުވެރިވާ ކަމެކެވެ. އޭގެ ތެރޭގައި:
އަޅުކަންތަކުގައި ފަރުވާކުޑަވުން.
މާތް ﷲ ގެ ހަޟްރަތަށް ރުޖޫޢަވުން ބަލިކަށިވުން.
ކީރިތި ރަސޫލާ ﷺ ގެ ސުންނަތުގައި ހިފެހެއްޓުން ކުޑަވުން.
ޢިލްމު އުގެނުމާއި، ސަލަފުއްޞާލިޙުންގެ މަގުގައި ހިފެހެއްޓުން ބަލިކަށިވުން.
އިމާމް މާލިކް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ: "އެމީހެއްގެ ދީނަކީ ޖަދަލުކުރުމާއި ދެބަސްވުންތަކަށް ހުށަހެޅިފައިވާ އެއްޗަކަށް ހަދާ މީހާ، މަގުއޮޅުމުގެ ތެރެއަށް ވެއްޓުން ގާތެވެ." މިޒަމާނުގައި ޓީވީ ޗެނަލްތަކާއި އެކި ވަސީލަތްތަކުން ފެންނަ ބައެއް މީހުންނަކީ ދީނުގެ ކަންކަމުގައި އެއްވެސް ޢިލްމެއް ނެތި ޝައްކުތަކާއި ވަސްވާސްތައް ފަތުރާ މީހުންނެވެ. އެފަދަ މީހުންގެ ވާހަކަތައް އަޑުއަހާ މީހުންނަށް، އަމިއްލަ ނަފްސު ދިފާޢުކުރާނެ ޢިލްމީ ޤާބިލުކަން ނެތުމުގެ ސަބަބުން، މަގުއޮޅުމުގެ ބިރު އިންތިހާއަށް ބޮޑެވެ.
އެހެންކަމުން، މާތްﷲގެ ހަޟްރަތުން ބޭރުވެ، ނިކަމެތިވެދާނެ އެންމެހައި ސަބަބުތަކުން ދުރުހެލިވާށެވެ. ގިނަގިނައިން ދުޢާކޮށް، މާތްﷲއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ދެމިހުންނާށެވެ. ފިތުނަވެރިކަމާއި ފަސާދައިން ދުރުހެލިވާށެވެ. ޝައްކު އުފެދޭ ކަންކަމާ މެދު ރަސޫލާ ﷺ ދެއްވާފައިވާ އިރުޝާދަކީ އެފަދަ ކަންކަމުން ދުރުހެލިވުމެވެ. ޝައްކު އުފެދޭ ކަންކަމުން ދުރުހެލިވާ މީހާ އޭނާގެ ދީނާއި އަބުރު ސަލާމަތްކޮށްފިއެވެ.
ވިސްނުން ސައްޙަ މަގުގައި ބެހެއްޓުމަށްޓަކައި މާތްﷲގެ މަގަށް ރުޖޫޢަވުމާއި، އެކަލާނގެ އަޅާ ދޫކޮށްލައްވައިފާނެ ކޮންމެ ކަމަކުން ރައްކާތެރިވުން ލާޒިމެވެ. ސަބަބަކީ މާތްﷲގެ އެހީތެރިކަން ނެތިއްޖެނަމަ، އިންސާނާގެ ވިސްނުން ކޮޅުނެތްކޮޅަށް ފަސާދަވެގެންދާނެތީއެވެ.
- މިއަދުނޫސް