ކައިރީގަ ހުންނަ ފިހާރަތަކުގެ ވިޔަފާރިއަށް ޙަސަދަލުމަކީ ތިމާގެ ވިޔަފާރި ބަނގުރޫޓުވެދާނެ ނުބައި ކަމެއް! ބަނގުރޫޓުވެފަވެސް އެބަހުރި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ކައިރީގަ ހުންނަ ފިހާރަތަކުގެ ވިޔަފާރިއަށް
ޙަސަދަލުމަކީ ތިމާގެ ވިޔަފާރި ބަނގުރޫޓުވެދާނެ ނުބައި ކަމެއް! ބަނގުރޫޓުވެފަވެސް
އެބަހުރި!


ތިމާއަށް ދެއްވަވަންހުރި ރިޒުޤެއް އެހެން މީހަކަށް ނުލިބޭނެކަން ޤަބޫލުނުކުރެވޭނަމަ އެމީހާގެ އީމާންކަމުގައި ބޮޑު މައްސަލައެއް އެބަހުއްޓެވެ. ވީމާ ޖެހިގެންހުރި ހުރި ފިހާރައިގެ ވިޔަފާރިއަށް ނުވިސްނާށެވެ. ވިސްނަންވީ އޭނާއަށް ދެރައެއް ދޭކަށް ނޫނެވެ. ތިމާގެ ވިޔަފާރި ކުރިއެރުވުމަށެވެ.

ރަނގަޅަށް ވިސްނާށެވެ. ވިޔަފާރީގަ ވާދަކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އަނެކާގެ ވިޔަފާރިއަށް ޙަސަދަލައި ހުރަސްއަޅަން މަސައްކަތްކުރުމަކީ ފާފައެކެވެ. ކައިރީގަ ހުންނަ ފިހާރަތަކުގެ ވިޔަފާރިއަށް ޙަސަދަލުމަކީ ތިމާގެ ވިޔަފާރި ބަނގުރޫޓުވެދާނެ ނުބައި ކަމެކެވެ. ބަނގުރޫޓުވެފަވެސް އެބަހުއްޓެވެ. އެއީ އޭނާގެ ވިޔަފާރީގައި ﷲ ތަޢާލާ ބަރަކާތް ނުލެއްވެވުމުންނެވެ.  

މިމައްސަލަ ކުރިމަތިވަނީ ތަނަވަސްކަން އިތުރުވާވަރަކަށް ދަހިވެތިކަން ބޮޑުވާ މީހުން އުޅޭތީއެވެ. ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ހިތްހަމަޖެހުމެއް ލިބިލައްވާނެއެވެ. އިން ޝާ ﷲ

މަލްޓި މިލިއަން ޑޮލަރުގެ ވިޔަފާރިކުރާ މީހުންވެސް އެމީހުން ވިއްކާ އެންމެ ބާވަތެއް ނަމަވެސް އެމީހާގެ ފިހާރަ ކައިރީގައި އެހެން މީހަކު ކުޑަކުޑަ ހަޓެއް ހަދައިގެން ނަމަވެސް ވިއްކާނަމަ ކަންބޮޑުވެއެވެ. ބައެއްފަހަރު އެކަމާއިމެދު ކަންބޮޑުވެ ނިދި ނައިސްގެންވެސް އުޅެން ޖެހޭ ހިސާބަށް ކަންތައް ދެއެވެ.  

އެއިރު އެމީހާގެ އެކައުންޓުގައި މިހާރު ހުރި އެތައް މިލިއަން ޑޮލަރަކީ އެމީހާގެ މުޅި އުމުރުގައިވެސް ބޭނުންކޮށް ހުސް ކުރެވޭނެ ވަރުގެ އަދަދަދެއް ނޫންކަމުގައިވާއިރުވެސްމެއެވެ. އަދި އެމީހާ މަރުވުމުން އެމީހާގެ ދަރިންތައް ތަޅާ ފޮޅައި އެކަކު އަނެކަކު މެރުމަށްފަހު ވެސް ހޯދަން މަސައްކަތްކުރާނެހައި ގިނަ ފައިސާއެވެ. ވީއިރު މިފަދަ މީހުންގެ އީމާންތެރިކަން ކޮބައިހެއްޔެވެ؟

މަދީނާގައި އަންހެނުންގެ އަބަޔާ ހެދުން ވިއްކާ ގިނަ ފިހާރަތައް ހުންނަނީ އެއް ސަރަހައްދެއްގައެވެ. އެމީހާގެ ފިހާރައިން ނުގަނެ އެހެން މީހެއްގެ ފިހާރައިން ގަނެފާނެތީ ކަންބޮޑުވެގެނެއް ނުއުޅެއެވެ. އަދި އެއް ދުވަހަކު އަހަރެން ލޮލުން ދުށް ކަމެކެވެ.

 

އެއް ފިހާރައަށް އެދުވަހު މީހަކު ނުވަދެއެވެ. ވިޔަފާރި ވަރަށް ދަށެވެ. ކައިރީގައި ހުރި ފިހާރައަކަށް މީހަކު ހެދުމެއް ގަންނަން ވަނުމުން ބުންޏެވެ. މިވެނި ފިހާރައަކަށް ގޮސް ހަމަ މިހެދުން ނިކަން ގަނެބަލާށެވެ! އަދި އެފިހާރައިގެ ވެރިމީހާއަށް ފޯނުކޮށްފައި ކަސްޓަމަރަކު އެބަ ފޮނުވާކަމަށްވެސް ބުންޏެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ވިޔަފާރި ނެތިފައި ހުއްޓައި ކަސްޓަމަރަކު ފޮނުވައި ދިނުމުން އެމީހާ އޭނާއަށްޓަކައި ކުރާނެ ހެޔޮ ދުޢާ އާއިމެދު ނިކަން ވިސްނައިލަ ބަލާށެވެ!  އެކަމުގެ ސަބަބުން އެމީހާއަށް ﷲ ތަޢާލާ ދެއްވަވާނެ ސަވާބާއި ރަޙްމަތާއިމެދު ނިކަން ވިސްނައިލަބަލާށެވެ. އެމީހާގެ މަސައްކަތުގައި ﷲ ތާޢާލާ ލައްވަވާނެ ބަރަކާތާއިމެދު ވެސް ވިސްނައިލަ ބަލާށެވެ!

ދަހިވެތިކަމަކީ މީހާގެ ހަލާކެވެ! ދަހިވެތިކަން ހިތްތަކުން ފޮހެލާށެވެ! ކުރާ އަޅުކަން އިތުރުކުރާށެވެ! ޞަދަޤާތްކޮށް އެހެން މީޙުންނަށް އެހީތެރިވުން ގިނަކުރާށެވެ!  

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން