މިއަހަރުގެ ބޮޑުޢީދު އައިސް ޖެހުނީއެވެ. ތިބާ ވާނީ
ގިނަބައެއްގެ ސަމާލުކަން ހޯދަން ފޭރާންލާ މީހަކަށް ހެއްޔެވެ؟ ނުވަތަ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ފޭރާންލާ މީހަކަށް ހެއްޔެވެ؟ ޤިޔާމަތް ދުވަހު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް އާއި ބައްދަލުވާހިނދު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ތިބާއާއިމެދު ފަޚުރުވެރިވެވަޑައިގަންނަވާނެ ގޮތަށް ފޭރާންލާ މީހަކަށް ހެއްޔެވެ؟ ބޭނުންވާ ގޮތެއް އިޚުތިޔާރުކުރުމުގެ އިޚްތިޔާރު ތިބާއަށް އެބައޮތެވެ!
އެހެންކަމުން ނަޞޭޙަތެއްގެ ގޮތުން މިގެނެސްދެނީ މުފްތީ މެންކް ވިދާޅުވެފައިވާ ބަސްފުޅެކެވެ.
އައުފޭރާމެއް ލިބިއްޖެނަމަ ޝުކުރުވެރިވާށެވެ! ހެދުން އަޅައިއުޅުމުގަ އާއި ކުޅިވަރުކުޅެ އުފާ ކުރުމުގެ ވަގުތުތަކުގައިވެސް ﷲ ތަޢާލާގެ މަތިން ހަނދާން ނައްތައިނުލާށެވެ! ހެދުން ފެހުމުގައިވެސް އަދި ގަތުމުގައިވެސް މިކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންވާނެއެވެ.
އަހަރެމެން ކޮންމެ މުސްލިމެއްގެ ވެސް އެންމެ ބޮޑު އެދުމަކަށްވާނީ ރަސޫލް (ﷺ) އާއި ބައްދަލުކުރުމެވެ. ރަސޫލް (ﷺ) އާއި ބައްދަލުވާހިނދު ތިބާއަކީ އިސްލާމް ދީނުގައި އޮތް މަގުން ހެދުނަ ލައި އުޅުނު މީހަކު ކަމުގައިވާނަމަ އެކަމަށްޓަކައި ރަސޫލް (ﷺ) ފަޚުރުވެރިވެވަޑައިގަންނަވާނެއެވެ. މިއީ އާދައިގެ ނިޢްމަތެއް ނޫނެވެ.
ބައެއް ޢިލްމުވެރިން ބަޔާން ކުރައްވާ ގޮތުގައި އަންހެނުން ނިވާ ނުވާނަމަ އެމީހުންނަކަށް ޙަޤީޤީ އުފަލެއް އަދި ހިތްހަމަ ޖެހުމެއް ނެތެވެ. ނިވާވެގެން ތިބޭނަމަ ހިތްހަމަޖެހުމާއި އުފާވެރިކަން ލިބޭނެއެވެ. އެއީ ނިވާވެގެން ތިބޭ މީހުންނާއި ﷲ ތަޢާލާ އާއި ދެމެދު އުފެދިފައި އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ.
--މުފްތީމެންކުގެ ދަރުސަކުން