ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހުގެ މަތިވެރިކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. އެހެންވީމާ އޮތީ އަޅުކަން ކުރުމުގައި ހީވާގިވުމެވެ. ކިހާވަރަކަށް ހެއްޔެވެ؟ ރަމަޟާންމަހުގެ ފަހުގެ ދިހައިގެ ރޭތަކަށްވުރެވެސް ގިނައިންނެވެ. ނުވަތަ ބޮޑަށެވެ.
އެކަމަކު އެއީ ކުރަން ފަސޭހަކަމެއް ނޫނެވެ. ރަމަޟާންމަހުގެ ފަހުދިހައިގެރޭތަކުގައި ގިނަ ބައަކު ވަރަށް ހީވާގިވެ ލައިލަތުލްޤަދުރި ލިބިގަންނަން ގަދައަޅައި މަސައްކަތްކުރިއެވެ. އެކަމަށް ހިތްވަރުލިބުނީ ގިނަބައަކު އެމަސައްކަތްކުރާތީއެވެ. ޢާއިލާގެ އެންމެންނާއި އެކުވެރިންވެސް އެކަމަށް މަސައްކަތްކުރާތީއެވެ. އެހެނެއްކަމަކު މިހާރު އަހުރެމެންނާއި ބައްދަލުކޮށްފައިމިވާ އެންމެ މަތިވެރި 10 ދުވަސް ލިބިގަންނަން މަސައްކަތްކުރާނީ ވަރަށް މަދުމީހެކެވެ.
އެގޮތަށް ކަންތައް މެދުވެރިވަނީ ދީނުގެ ކަންކަމަށް އިހުމާލުވުމާއި ފަރުވާކުޑަކުރެވުން އުންމަތުގައި ބޮޑުވެފައިވާތީއެވެ. މިދިހަ ދުވަހު ރޯދަހިފާ މީހުންނާއި ޚަތިމްކުރެވޭތޯ މަސައްކަތްކުރާ މީހުން މަދުވަނީވެސް އެހެނިހެން އަޅުކަންކުރާ މީހުން މަދުވަނީވެސް އެހެންވެގެންނެވެ.
މީސްތަކުންނޭވެ! ހީވާގިވާށެވެ! ޢާއިލީ ގުޅުންތައް ބަދަހިކުރަން މަސައްކަތްކުރުމާއި ދަތިޙާލުގައިވާ މީހުންނަށް އެހީތެރިވެދިނުން މި 10 ދުވަހުގައި އިތުރުކުރާށެވެ! ކުރާ ހެޔޮ ޢަމަލުތަކުގެ ބުރަދަން ﷲ ތަޢާލާގެ ޙަޟްރަތުގައި މިއަށްވުރެ މަތިވެރިކަން ބޮޑު ދުވަސްތަކެއް ނުވާކަން ޙަދީޘްފުޅުން އެނގެން އޮތަތީއެވެ.
އަހުރެން މިދައްކާ ވާހަކައިގެ އަޑު އިވުނަސް ގިނަވާނީ އަސަރެއް ނުކުރާނެ މީހުންނެވެ. އެއީ އެމީހުން ބޮޑުވެގެންވާ ޣާފިލުކަމެއްގައި ތިބުމުންނެވެ. އަހުރެންގެ ދުޢާއަކީ ޣާފިލުވާ މީހުންގެ ތެރެއިން އަޅަމެން ނުލައްވަވައި ހޭލުންތެރިވެ ވީހާ ގިނަ ހެޔޮ ޢަމަލުތައްކުރާ އަޅުންގެ ތެރެއިން އަހުރެމެން ލެއްވެވުމެވެ. އާމީން
- ޝައިޚް ޢާޞިމް އަލްޙަކީމް
- މިއަދުނޫސް