ބައިވެރިޔާއަށް މަކަރުހެދުމާ ހިލޭ މީހުންނާ ގުޅުން ބޭއްވުމަކީ ހަނދާންނެތުމުގެ މައްސަލަ ބޮޑުވާ ކަމެއް! ބޭސްކުރުމުގެ ކުރިން އެކަން އިޞްލާޙްކޮށް ތަފާތު ބަލާލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 37ސ
ބައިވެރިޔާއަށް މަކަރުހެދުމާ ހިލޭ މީހުންނާ ގުޅުން ބޭއްވުމަކީ ހަނދާންނެތުމުގެ މައްސަލަ ބޮޑުވާ ކަމެއް! ބޭސްކުރުމުގެ ކުރިން އެކަން އިޞްލާޙްކޮށް ތަފާތު ބަލާލަބަލަ!

ކުރަން ބޭނުންވާ ކަންކަން ކުރަން ހަނދާން ނެތެންފަށާއިރަށް ޑޮކްޓަރުންގެ ގާތަށްގޮސް ބޭސްހޯދާ މީހުންނަށް ބުނެލަން އޮތީ ބޭސްކުރަންޖެހޭނަމަ ބޭސްކުރާށެވެ! ނަމަވެސް އެއިގެ ކުރިން ތިމާގެ ސިކުނޑީގެ މެމޮރީކާޑު ބޭނުންކުރެވިފައިވާ ގޮތް ދެނެގަންނާށެވެ!  

ފުރަތަމަ ކަމަކަށްވެސް ބައިވެރިޔާއަށް މަކަރުހެދުން އަވަހަށް ހުއްޓައިލާށެވެ! ފިރިން ހިލޭ އަންހެނުންނާ އަދި އަނބިން ހިލޭ ފިރިހެނުންނާ ގުޅުން ބޭއްވުން ހުއްޓައިލާށެވެ! ތަޖުރިބާއިން އެނގެނީ އެކަންކަން ކުރާނަމަ ސިކުނޑީގެ ބޮޑުބައެއް ފުރިފައި ހުންނަނީ އެކަމަށް ކަމެވެ. ނަތީޖާއަކަށްވަނީ ހަނޑާންކުރަން ބޭނުންވާ ކަންކަން ހަނދާން ނެތެން ފެށުމެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ތިމާ ކޮންމެހެން ކުރަންޖެހޭ ކަންކަން ހަނދާން ނެތުމުގެ މައްސަލައަކީ މިހާރަކަށް އައިސް ގިނަބައަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަކަމަށްވާއިރު އެޙާލަތު މެދުވެރިވާ ސަބަބުތަކަށާއި ޙައްލުކުރަން ކުރެވެންހުރި ކަންކަމަށް ވިސްނައިލުމަކީ ކުރަންޖެހިފައިވާ ކަމެކެވެ. 

ގިނަ ބައަކު އަބަދުވެސް އުޅެނީ ކޮންމެވެސް ކަމެއް ހަނދާން ނެތިގެންނެވެ. އޮފީހުގައި ކުރަންޖެހޭ މަސައްކަތް ވެސް ހަނދާންނެތެނީއެވެ. އޮފީހުގެ މާހައުލު ދޫކޮށްލައި އަމިއްލަ ދިރިއުޅުމަށް ބެލި ނަމަވެސް ތިމާ ކުރަންޖެހޭ ކަންކަން ހަމަ ހަނދާންނެތެނީއެވެ.

މިސާލަކަށް ފިރިމީހާ ގެއަށް އައުމުން ދައްކަން ހިތުލައިގެން ހުންނަ ވާހަކަ 2،3 ދުވަސްވާއިރުވެސް ހަނދާން ނެތިގެން ނުބުނެވި އެބަދެއެވެ. އަނބިމީހާ ގެނެސްދޭން އެދިފައި އޮންނަ ކުޑަކުޑަ އެއްޗެއް ހަނދާން ނެތިގެން ގެނެސް ނުދެވި 2،3 ދުވަސް އެބަދެއެވެ.  

މިފަދަ ކަންކަން މެދުވެރިވަނީ ބޭކާރު ކަންކަމަށް ސިކުނޑީގެ ޖާގަ ފުރައިލާތީއެވެ. އިންސާނާގެ ސިކުނޑީގައިވެސް މެމަރީއަށް ލިބިފައިވަނީ ވަކި ވަރެއްގެ ޖާގައެކެވެ. ވީމާ އެ ޖާގައިން ޖާގަ ދޭން ޖެހޭނީ މުހިންމު ފައިދާ ހުރި ކަންކަމަށެވެ.

މިކަން ވަރަށް ރީތިކޮށް އެނގިގެންދާ މިސާލެއްވެސް ބުނެފާނަމެވެ. ހިލޭ އަންހެނުންނާއިމެދު ނުވިސްނާ ފިރިންނާއި ހިލޭ ފިރިހެނުންނާއިމެދު ނުވިސްނާ އަނބިންގެ ކުރިން ބުނި ފަދަ މައްސަލަތައް މަދުވާނެއެވެ. ސަބަބަކީ އެފަދަ މީހުންގެ ސިކުނޑީގައި އަބަދުވެސް ހުންނާނީ އެމީހެއްގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ހަނދާންތަކެވެ. މައްސަލަތަކެވެ. ދެމަފިރިންގެ މެދުގައި ކުރެވިފައި ހުންނަ މުޢާމަލާތްތަކެވެ. އަނެކާއާ ދައްކަންޖެހޭ ވާހަކަތަކާ އަނެކާއަށް ކޮށްދޭންޖެހޭ ކްނަކަމެވެ!  

"އޭނާ އޮފީހުން ނިމިގެން ގެއަށްދާން ކާރަށް އެރުމަށްފަހުގައި ވެސް ވިސްނަނީ ލޯބިވެރިޔާގެ  މަތިންނެވެ. އެހެންކަމަށް ވެއްޖެ ނަމަ ގެއަށްދާ މަގުމަތީގައި ގަނެގެން ގެއަށް ގޮސްދޭން ބުނި މޭވާކޮޅު ގަންނަން އޮންނާނީ ގިނަ ފަހަރު ހަނދާން ނެތިފައެވެ. ނަމަވެސް އަނބިމީހާ ފިޔަވައި ޔޫނުސް ވިސްނާ އެހެން އަންހެނަކު ނެތްނަމަ ގެއަށްދާން ކާރަށް ހަމަ އަރާއިރަށް އަނބިމީހާ މަތިން ހަނދާންވާނެއެވެ. އަނބިމީހާ އެދުނު ކަންކަން ހަނދާންވާނެއެވެ."  

މިއީ ހަމަ ކުޑަކުޑަ މިސާލެކެވެ. އަންހެނުންނަށްވެސް ކަންކަން ކުރިމަތިވަނީ މިފަދަ ގޮތަކަށެވެ.  

ނަމާދުގައި ޚުޝޫޢަތްތެރި ނުވެވުމުގެ މައްސަލަތައް ކުރިމަތިވާ އެންމެ ބޮޑު ސަބަބަކީ ސިކުނޑި ފުރިފައި ހުރުމެވެ. ނަމާދަށް އަރާއިރަށް ސިކުނޑިއަށް ސަވާރުވެ އެވެނި މިވެނިކަންކަން ނުކުރެވި އެބަހުރިކަން ހަނދާންކޮށދިނުމުގެ ފުރުޞަތު ޝައިޠާނާއަށް ފަހިވަނީ ސިކުނޑީގައި ގެންގުޅޭ ބޭކާރު މައްސަލަތަކުގެ ސަބަބުންނެވެ. ޚާއްޞަކޮށް އެއްވެސް މީހަކާއިމެދު ހިތުގައި ހަސަދަ ލައިގެން އުޅޭ ނަމަ މިފަދަ މައްސަލަތައް ގިނަވާނެއެވެ. ކަންބޮޑުވާ މައްސަލަތައް ގިނަ ނަމަވެސް މިފަދަ މައްސަލަތައް އިތުރުވާނެއެވެ.  

ވީމާ ނަމާދުގައި ޚުޝޫޢަތްތެރިވުމަށްވެސް އަދި އަމިއްލަ ދިރިއުޅުން ކާމިޔާބުކުރުމަށްވެސް ސިކުނޑިއަށް ލުއިކުރާށެވެ. ސިކުނޑިއަށް ލުއިކަން ލިބޭނީ ސިކުނޑީގައި ގެންގުޅޭ މައްސަލަތައް މަދުކުރިވަރަކުންނެވެ.  

ހަނދާން ނެތުމަކީ ސިކުނޑިއަށް ލިބޭ ގެއްލުމެއްގެ ސަބަބުންވެސް މެދުވެރިވާ ކަމެކެވެ. ނަމަވެސް ހަނދާން ނެތުމުގެ މައްސަލަ ހުންނަ ގިނަ މީހުންނަކީ ބައްޔެއްގެ ސަބަބުން ހަނދާން ނެތޭ މީހުންނެއް ނޫނެވެ. ގިނައީ މިބުނި ފަދަ ކަންކަމުގެ ސަބަބުން ތަފާތު މައްސަލަތައް ކުރިމަތިވާ މީހުންނެވެ. ހަނދާން ނެތުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނާއި ވާހަކަ ދައްކައިލުމުން އެމީހުން ތެދަށް ކިޔައިދީފިނަމަ މި ދެއްކި ވާހަކައިގެ ޙަޤީޤަތް އެނގިގެންދާނެއެވެ.  

ވިސްނަންވީ ﷲ ތައާލާގެ އަމުރުފުޅުތަކާއިމެދުގައެވެ. އާޚިރަތް ދުވަހު ތިމާއަށް ކުރިމަތިވެދާނެ ޙާލަތަކާއިމެދުގައެވެ. އަމިއްލަ ދިރިއުޅުން ކުރިއެރުވޭނެ ގޮތްތަކާއިމެދުގައެވެ. ދުނިޔޭގައި ހިނގާ ހުރިހާ ކަންކަމާއިމެދު ވިސްނުމުގެ ބޭނުމެއް ނެތެވެ. ތިމާ އާއި ނުބެހޭ ކަންކަމާއިމެދު ވިސްނުމުގެވެސް އެއްވެސް ބޭނުމެއް ނެތެވެ. ސިކުނޑިއަށް ލުއިކުރެވޭނީވެސް، މިދުނިޔެއާއި އާޚިރަތް ކާމިޔާބު ކުރެވޭނީ ވެސް އެއިރުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން