ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ބަރަކާތަކީ ތިމާ ހަމަހުއްޓައި ތިމާއާއި ދިމާއަށް އުޑުން އޮއްސަވާ އެއްޗެއް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް އެގޮތަށް އޮތްކަމެއް ނޫނެވެ. ބަރަކާތް ލިބިގަންނަން އެދޭ މީހާއަށް ޖެހެނީ ބަރަކާތް ފަހަތުން ދުވާށެވެ! އެކަމުގައި ވަރުބަލިވެގެންވެސް ނުވާނެއެވެ.
ބުނަން ހެއްޔެވެ؟ ﷲ ތަޢާލާ ފަތިހުގައިވަނީ ވަރަށް ޚާއްޞަ ކަމެއް ލައްވަވައިފައެވެ. އެއީ ފަތިހު ތެދުވެ ތިމާ ﷲ ތަޢާލާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރާ މީހުން އެދުވަހު ކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުމެވެ.
އެކަން އެގޮތަށް އޮތްނަމަވެސް ގިނަ ބައަކު ތިބެނީ ކަންނެތްވެ ނިދާފައެވެ. ދުވަހުގެ އެންމެ ބަރަކާތްތެރި ވަޤުތު ފާއިތުވެގެން ދިއުމުން ހޭލައި މިއެދެނީ ބަރަކާތަށެވެ. މިއީ ދުނިޔަވީ ހަމައަކުން ބެލިނަމަވެސް ދެކޮޅު ޖެހޭ ވިސްނުމެއް ނޫނެވެ. މީހަކު ބަހާއެއްޗެއް ނަމަވެސް އެބަހަނީ ވަކި ވަޤުތެއްގައިކަމަށްވާނަމަ އެލިބޭނީ އެވަޤުތުގައި ބަލައިދިއުމުންނެވެ.
ދެން މިގޮތަށްވެސް ވިސްނައިލާށެވެ! ކޮންމެ ވަޤުތަކުވެސް ރިޒްޤް ދެއްވަވަނީ ﷲ ތަޢާލާއެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. އެކަމަކީ ދުވަހުގެ ވަކިވަޤުތެއްގައި ދުވަސްފެށުމަށާއި އެވަޤުތު ކުރަންޖެހޭ ކަންތައްތަކާއި އަދި އެގޮތަށް ކަންތައްކުރުމުން ރިޒުޤް ދެއްވަވާނެކަމާއި ބަރަކާތް ލައްވަވާނެކަން އަންގަވާފައިވާ ވަޤުތުގެ ބޭނުން ނުހިފާނަމަ ތިމާއަކީ ރިޒުޤަށް އެދޭ މީހަކަށްވާނެ ހެއްޔެވެ؟ ތިމާ ކުރާ މަސައްކަތުގައި ބަރަކާތް ލެއްވެވުމަށް އެދޭ މީހަކަށްވާނެ ހެއްޔެވެ؟ އަހުރެން ބުނާނީ ނުވާނެކަމަށެވެ.
ވިސްނާށެވެ! ފަތިހުގެ ވަޤުތަކީ އާދައިގެ ވަޤުތެއް ނޫނެވެ! އެއީ އެދުވަހު ތިބާއަށް ހުރި ކަންކަން ލިޔުއްވަވާ ވަޤުތެވެ. އެއީ ރިޒުޤް ބައްސަވާ ވަޤުތެވެ. ރޫޙަށް ބާރުދެއްވަވައި ހިތްތައް ވަރުގަދަ ކުރައްވަވާ ވަޤުތެވެ. ފަތިހު ތެދުވެ ލިބިނުގަންނަ މީހުންނަށް މި 3 ކަންތައްވެސް ގެއްލިގެންދާނެއެވެ.
ގިނަ ބައަކު އެކަންކަމަށް ސަމާލުކަމެއް ނުދެއެވެ. ތިބެނީ ކަންނެތްވެ ނިދާށެވެ. އެކަމަކު ތިމާގެ ހުރިހާ ކަންކަން ފުރިހަމަވުމަށްވެސް ބޭނުންވެއެވެ. މިއީ ކޮން ގޮތަކަށް ދެކޮޅުޖެހޭ ކަމެއް ހެއްޔެވެ؟
- ޝައިޚް ޢަބްދުއްރަޙްމާންގެ ދަރުސަކުން